ކޯޕަރޭޓް ޓެކްސްއެއް ރަނގަޅަށް ނެގިއްޖެ ނަމަ 80 ވަރަކަށް މިލިއަން ޑޮލަރު ލިބިދާނެ: ގާސިމް

ރާއްޖޭގައި 15 ޕަސެންޓްގެ ކޯޕަރޭޓް ޓެކްސްއެއް ރަނގަޅު ގޮތަކަށް ނެގިއްޖެ ނަމަ ދައުލަތުގެ އާމްދަނީ އަށް އަހަރަކު 70 އާއި 80 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ލިބިދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އެޗުއެފްއެމްގެ "ޖަދަލު" ގައި ވާހަކަ ދައްކަވަމުން ކުރީގެ ފައިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކާއި ހުރިހާ ކުންފުނިތަކުގެ އާމްދަނީ ސަރުކާރަށް އަދި އެނގިފައި ނެތުމާ އެކު، ކޯޕަރޭޓް ޓެކްސްއަކުން ޖުމްލަ ލިބޭނެ ވަރު މިވަގުތު އަންދާޒާ ނުކުރެއްވިދާނެ ކަމަށެވެ.
"ހަގީގަތުގައި ދަންނަވާކަށް ނޭނގޭ ކިހާ ވަރެއް ކަމެއް ލިބޭނީކީ، އެއީ ހުރިހާ ކުންފުނިތަކުން ނުފޮނުވާ ބެލެންސް ޝީޓެއް. އެކަމަކު ވިސްނާލާ އިރު ކޯޕަރޭޓް ޓެކްސްއެއް ތައާރަފުކުރެވިއްޖެއްޔާ އަދި ރަނގަޅަށް ނެގިއްޖެއްޔާ 70 ނުވަތަ 80 ވަރަކަށް މިލިއަން ޑޮލަރާ ހަމައަށް ސަރުކާރަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ،" ގާސިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު ވެސް އަދި އޭގެ ކުރިން ވެސް ޓެކްސްއެއް ނަގަން ދެކޮޅު ހެއްދެވި ގާސިމް ވިދާޅުވީ، ކުރިން އޭނާ އެކަމަށް އެއްބަސްނުވީ ސަރުކާރުން "ގައުމަށް ލިބޭ އާމްދަނީ ހެޔޮ ގޮތުގައި ބޭނުން ނުކުރުމާއި އިސްރާފު ހަރަދުތަކެއް ކަމަށް ގަބޫލުކުރެވޭ ހަރަދުތަކެއް ވެސް" ހުރީމާ ކަމަށެވެ. އަދި ޓެކްސް ނަގައިފިއްޔާ ބޭރުގެ އިންވެސްޓަރުން ރާއްޖެ އަންނަން ޖެހިލުން ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރު އަޅުގަނޑު އެގޮތަށް ވާހަކަ ދެއްކީ ޓެކްސްއެއް ނަގައިފި ނަމަ ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެންނަން އުނދަގޫވާނެތީ،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ގާސިމް ކެމްޕެއިން ކުރައްވާ އިރު ޓެކްސްގެ ވާހަކަ މިހާރު ދައްކަވަނީ، ގާސިމް ވިދާޅުވި ގޮތުގައި، "އާދައިގެ މީހުންނާއި ތަނަވަސްކަމުގެ އަހުލުވެރިން ކޮންމެހެން ވެސް ހަމަހަމަ ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ" އެވެ.
ކޯޕަރޭޓް ޓެކްސްގެ އިތުރުން ޓޫރިޒަމުން ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ނަގަން ވެސް ގާސިމްގެ މާލީ ހަރަކާތްތަކުގެ ތެރޭގައި ހިމެނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ރިސޯޓްތަކުގެ އެނދު ވަރަށް ތަފާތު އަގުތަކުގައި ވިއްކާ އިރު މިހާރު އޮންނަ ކޮންމެ އެނދަކަށް އަށް ޑޮލަރަކީ ހަމަހަމަ ގޮތެއް ނޫނެވެ.
"އެކަމަކު ޖީއެސްޓީ ނެގީމާ އެބައި ހަމަޖެހިގެން ދާނެ،" ގާސިމް ވިދާޅުވި އެވެ.
ކޯޕަރޭޓް ޓެކްސް އާއި ޖީއެސްޓީ ނަގަން ފެށިއްޖެ ނަމަ ރާއްޖެ އަށް "ވަރަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ