ޝަރުއީ ދާއިރާ "މިނިވަންކުރުމަށް" އެމްޑީޕީން ކުރާ މަސައްކަތާ ދެކޮޅަށް އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ އިސްތަރުޖަމާން އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝޭހް މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ.
އެމްޑީޕީގެ ހަރުގޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ނާޒިމް ވިދާޅުވީ ޝޭހް އިމްރާނާއި ޝަހީމްގެ "ފަތިފުށް ވެސް ވަރަށް ރަނގަޅަށް އެނގޭ" ކަމަށާއި އެކަންތައްތައް ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށެވެ. އެންދެރިމާގޭ ކައިރީގައި ކުރި މުޒާހަރާގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެފައި ވާއިރު، އެ "އަނިޔާދިން ފަރާތާ އެއްކޮޅަށް" ޝޭހް ޝަހީމް ވާހަކަ ދައްކަވަމުން ގެންދަވާތީ، އޭނާއާ ދެކޮޅަށް ތިނަދޫގައި އަޑުއުފުލާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"މިއަދު ޝަހީމަށް ވެސް އިމްރާނަށް ވެސް ދީނީގޮތުން ވާހަކަ ދެއްކުމުގެ މިނިވަންކަން ހޯދައިދިނީ އެމްޑީޕީން. އެމްޑީޕީން ޔަގީންކަން ހޯދައިދިނީ ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް، ތިމަންނާއަކަށް ސިޔާސީ ގޮތުން އަނިޔާއެއް ނުކުރެވޭނެކަން، ކުރިއަށް އޮތް ތަނުގައި އަދި އަމުދުން މި ސަރުކާރުން ނުކުރާނެކަން،" ނާޒިމް ވިދާޅުވި އެވެ. "އަޅުގަނޑު އެ ދެބޭފުޅުންނަށް [ޝަހީމާއި އިމްރާން] އަށް ދަންނަވާލަން އޮތީ، ދެ ބޭފުޅުންނަކީ ވެސް މިގައުމުގައި އުޅުނު ބޭފުޅުންނޭ. ހާދަހާ ހަޑިކަންތައް ވެސް އެބަހުއްޓޭ ކޮށްފައި."
އެކި މީހުން ރިޝްވަތު ނަގަނީ އެކި ގޮތަށް ކަމަށް ވިދާޅުވެ، އެ ދެބޭފުޅުން "ރިޝްވަތު" ނަގާފައިވާ ކަމަށް ދޭހަވާގޮތަށް ވެސް ނާޒިމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ނާޒިމް ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އުފައްދައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަލުން ވެރިކަމަށް ވަޑައިގެންނެވުމުގެ ޕްލޭންތައް ކުރިއަށް ގެންދަވަނީ ޝަހީމާއި އިމްރާންގެ އަޑީގައި ތިއްބަވައިގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އެ މީހުންނަށް އެކަން ކުރެވޭނެތޯ. މައުމޫނަށް ވޯޓު ލިބޭނެތޯ. މި މީހުން ބުނެގެން ވޯޓު ދޭނެތޯ. ނުދޭނެ،" ނާޒިމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނާޒިމް ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް ﷲ އަށް ދުއާކުރުމަށް ފަހު، ވޭތުވެދިޔަ 30 އަހަރު ދީނީ ކަންތައް މިވެރިކަމަށް ވުރެ ރަނގަޅޭ އެ ޕާޓީން ބުންޏަސް ގަބޫލުކުރާނެ މީހަކު ނެތް ކަމަށެވެ.
އަދާލަތު ޕާޓީގެ ޖަލްސާގެ ދައުވަތު ކަރުދާސްތަކެއް މިސްކިތްތަކުގެ ތެރޭގައި ބަހާފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދެއްވުމަށް އިސްލާމިކް މިނިސްޓަރަށް ނާޒިމް ވަނީ ގޮވާލައްވައިފަ އެވެ.
ޝޭހް އިމްރާނާއި ޝަހީމްގެ ފަތިފުށް ވަރަށް ރަނގަޅަށް އެނގޭ: މެމްބަރު ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ