އަބްދުﷲ ގާޒީ ހައްޔަރުކުރިތާ ދެ ހަފުތާ ފަހުން، އެކަމާ ގުޅޭ މައުލޫމާތު ހޯދަން އެޗްއާރުސީއެމް އިން އިއުލާންކޮށްފި

ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު، އެމްއެންޑީއެފުން ހައްޔަރުކޮށްގެން ގެންގުޅޭތާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވީ ފަހުން، އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އާންމުކޮށް އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އަބްދުﷲ ގާޒީ، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެކަން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 00: 3 ގެ ކުރިން އެ ކޮމިޝަނާ ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.
"ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒް އަބްދުﷲ މުހަންމަދު، ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ އާއި އޭނާ ދޫކޮށްލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައި ކޯޓުން އަމުރު ކުރެއްވުމުން ވެސް ދޫކޮށްނުލައި ބަންދުކޮށްގެން ގެންގުޅުމުގެ މައްސަލަ އާއި، އެ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތަކުގައި އިންސާނީ ހައްގަށް އުނިކަން ލިބުމަށް މެދުވެރިވި އެންމެހާ ކަންކަން ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމާފައިވުމާ އެކު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގުމާއި ލިޔެކިޔުމާއި ފޮޓޯ އަދި ވީޑިއޯ ފުޓޭޖް ހޯދާ ދިރާސާކުރުމުގެ މަސައްކަތް މި ކޮމިޝަނުން މި ގެންދަނީ ކުރަމުންނެވެ،" އެޗްއާރުސީއެމްގެ އިއުލާންގައިވެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ މައުލޫމާތު ހޯދުމަށް، އޭނާ ހައްޔަރުކުރިތާ 17 ދުވަސް ފަހުން، އެޗްއާރުސީއެމުން އިއުލާންކުރިއިރު، އެ ކޮމިޝަނުން ބުނެފައި ވަނީ، އެކަން ހިނގިކަން އެނގުމާއެކު، ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި ތަފާތު ތިން ފަހަރެއްގެ މަތިން، ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުއްޓަށް ގޮސް އެޗްއާރުސީއެމުން ވަނީ އަބްދުﷲ ގާޒީއާ ބައްދަލުކޮށް މައުލޫމާތު އެއްކޮށްފައި ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެޗްއާރުސީއެމް އިން ބުނެފައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ، ގާނޫނު އަސާސީގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާ އަދި 48 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ތަހުގީގުކުރަން ޕްރޮސެކިއުޓަ ޖެނެރަލް ވެސް ވަނީ އެޗްއާރުސީއެމްއާ ހަވާލުކޮށްފަ އެވެ. އަދި އެ ތަހުގީގު ނިމުމުން، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ދައުވާ ކުރައްވާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ