ދިވެހި ގައުމު ވިއްކާލައި ބޭރު ބައެއްގެ އަތް މައްޗަށް ދޫކޮށްލަން އުޅެނީ ކޮން ބައެއްކަން މިއަދު ވަރަށް ރަނގަޅަށް ސާފުވެވަޑައިގެންފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖޮއިންޓް ވެންޗާ އުސޫލުން ކުއްޔަށް ދޭން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެކަމަކީ "އަޅުގަނޑުމެންގެ މުސްތަގުބަލް ވިއްކާލުން" ކަމަށެވެ.
"އަސްލު ހަގީގަތް އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ. މިހާރު އަޅުގަނޑުމެންނަށް މި އެނގެނީ ކޮން ބައެއްކަން ގައުމު ވިއްކާލައި ގައުމު ދޫކޮށްލަން މި އުޅެނީ. އަޅުގަނޑަށް އެކަން މިއަދު ވަރަށް ސާފުކޮށް އެބަ އެނގޭ،" ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް ނަޝީދަށް ތާއީދު ހޯއްދެވުމަށް ކޯލިޝަން ހައްދަވައިގެން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ގާސިމް އެމްޑީޕީ ސަރުކާރަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވީ ސަރުކާރުން ކަންތައް ކުރަމުން ގެންދަނީ ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަކަށް ނޫން ކަމަށެވެ.
"އެއާޕޯޓާއި ސްޓެލްކޯ އާއި ޕޯޓްސް އޮތޯރިޓީ އާއި ފެން ކުންފުނި ވެސް (މި ސަރުކާރުން) ވިއްކާލަން އުޅޭ ވާހަކަ އަޅުގަނޑު އެބަ އަޑުއަހަން. މިއީ ކުރަން ހެޔޮވާރުގެ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ. "އެހެނެއް ނޫން ޓުއަރިޒަމް ވިޔަފާރީގެ ކަންތައްތަކާއި ފްލެޓް އެޅުން ފަދަ ކަންތައް ކުރަން ބޭރު މީހުން އަންނަންވީ. އެކަހަލަ ކަންތައް އެބަހުރި ބޭރުމީހުންގެ އެހީއާ އެކު ކުރެވިދާނެ ކަންތައްތައް. އެހެން ނަމަވެސް މައިގަނޑު ކަންތައް އަޅުގަނޑުމެން ދިވެހިންގެ އަތް މަތިން ދޫކޮށްލައި ދިވެހިންގެ ގައުމިއްޔަތު ހިފެހެއްޓުމަށްޓަކައި ފަހުރުވެރިވާން ހުރި ކަންތައްތައް ބޭރު މީހުންގެ އަތް މައްޗަށް ދޫކޮށްލުމަކީ ހަރުދަނާ މީހުން ކުރާނެ ކަންތައްތަކެއް ނޫން. އެހެންވީމަ އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވަން އެ ހިޔާލުތައް ވަގުތުން ވަގުތަށް ދޫކޮށްލާށޭ."
ގާސިމް ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތްތަކަށް އެއާޕޯޓް ކުއްޔަށް ދީ އިޒްރޭލުގެ ބޯޓުތައް ޖައްސަން ނިންމާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ކުރިން ވެސް މި ސަރަހައްދުގައި އިޒްރޭލުގެ ބޯޓުތައް ޖެއްސުމުގެ ހުއްދަ ނުދެނީ މި ސަރަހައްދަށް، އުސާމާ ބިންލާދިންގެ ގްރޫޕާއި ހަމާސް ފަދަ ޖަމާއަތްތަކުގެ އަސަރު ފޯރައި މި ގައުމުގެ އަމާން ކަމަށް ބުރޫއަރާފާނެތީ ކަމަށެވެ.
"އެފަދަ ކަމެއް މިތަނުގައި ހިނގައިފި ނަމަ އަޅުގަނޑުމެންގެ އިގްތިސާދު ވެސް ދިޔައީ. އެންމެ ރަށަކަށް ގޮސް ބޮމެއް ގޮއްވާލިއަސް އަޅުގަނޑުމެންގެ ޓޫރިޒަމް މުޅިން ނިމި، ބަނޑަށް ޖެހުނީ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖެ އަށް ލިބޭ އިންކަމްގެ 70 ޕަސެންޓް ދިޔައީ،" ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.
ގައުމު ވިއްކާލައި ބޭރު ބައެއްގެ އަތް މައްޗަށް ދޫކޮށްލަން އުޅެނީ ކޮން ބައެއްކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގިއްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ