އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކާމިޔާބު ކުރައްވައި ކުރިއަށް އޮތް ފަސް އަހަރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގެންފި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނަޝީދު ކާމިޔާބު ކުރެއްވީ މިއަދު ފަތިހު އިއުލާން ކުރި ވަގުތީ ނަތީޖާ އިން 97،222 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 54.21 ޕަސެންޓެވެ. މީގެ 30 އަހަރު ކުރިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަތީ 82،121 ވޯޓެވެ.
ތާރީހީ މި އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމާ ވާދަކުރައްވައި 15،101 ވޯޓުގެ ތަފާތަކުންނެވެ. މިއީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާ ބަލާއިރު 119.49 ޕަސެންޓުގެ ކުރިއެރުމެކެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ނަޝީދަށް ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވީ 44،293 ވޯޓެވެ. މިހާރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 71،731 ވޯޓެވެ.
ނަޝީދުގެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެސްއެލްޕީ އަދި އަމިއްލަ ގޮތުން އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު ގުޅިވަޑައިގެން ހިންގެވި ކެމްޕޭނުގައި ގިނަ ވޯޓު ފޮށިތައް ކާމިޔާބު ކުރެއްވީ ނަޝީދެވެ. އަދި ސިންގަޕޫރުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ކުރި ހޯއްދެވި ގޮތަށް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމެންދެން ރާއްޖޭގެ ހަތަރުވަނަ ރައީސަކަށް ހޮވިވަޑައިގެންނެވި ނަޝީދު ގެންދެވީ ކުރި ހޯއްދަވަމުންނެވެ. ހާއްސަކޮށް ބޮޑެތި އަތޮޅުތަކުން ނަޝީދު ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވަމުން ގެންދެވިކަން ފާހަގަކުރެވެ އެވެ.
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް މި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި މާލޭގެ ލޮނުޒިޔާރަތްކޮޅަށް ރޭ ގިނަ ބަޔަކު އެއްވެ އުފާފާޅުކޮށްފައި ވެ އެވެ.
އަންނަ ނޮވެމްބަރު 11 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ނަޝީދު، ކެމްޕެއިން ތެރޭގައި ވިދާޅުވެފައި ވަނީ އޭނާގެ ދައުރުގެ މެދުތެރެއިން އަލުން ރިޔާސީ އިންތިހާބެއް ބާއްވާނަން ކަމަށެވެ. އައްޑު އަތޮޅު ހިތަދޫ މުހިއްބުއްދީން ސްކޫލުގައި މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަން ބޭނުންވެގެން ނޫޅުއްވާ ކަމަށާއި ބޭނުންވަނީ ރާއްޖެ އަށް ސިޔާސީ އިސްލާހު ގެންނަން ކަމަށެވެ. މީގެ އިތުރުން ނަޝީދުގެ އެންމެ ފަހު ކެމްޕެއިން ބައްދަލުވުމުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެފައި ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އަކަށް ހޮވިވަޑައިގެންފި ނަމަ ތިން މަސް ދުވަހަށް ގައުމު ހިންގަން ބޭނުންވާ 359.46 މިލިއން ޑޮލަރު 15- 20 ދުވަހުގެ ތެރޭގައި ހޯއްދަވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު 2008: ބޮޑު ތަފާތަކުން ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ