ރައްޔިތުންގެ މަޖިލިސް އުވާލެވޭނެ ހަމައެއް ނެތް: މެމްބަރު ނާޒިމް

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސް އުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ ސުންގަޑި ސުންމިނިޓް ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މަޖިލިސް އުވާލަން ކިތައްމެ ބޭނުންވި ކަމުގައި ވީނަމަވެސް އެކަން ކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައެވެ. ޤާނޫނު އަސާސީ އޮތްތާކު އެކަން ނުކުރެވޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އެހެންނެއްނޫން އެބޭފުޅުން ބޭނުމިއްޔާ މަޖިލީހުގެ ހުރިހާ މެމްބަރު ހިފާ ޖަލަށްލުމަށްފަހު މަޖިލިސް އުވާލީކަމަށް ބުނަންވީ، އޭރުން މިލިޓަރީ ވެރިކަމެއްކަމުގެ ސިއްކެޖެހިގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިސްލާހުކުރަންކަމަށްބުނެ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އިސްވެހުންނަވާ ހިންގަވަމުންދާ ހަރަކާތްތަކަކީ ހީލަތެއްކަމުގައެވެ. އަދި މަޖިލީހުގެ މެމްބަރުން ކަންކުރަންވީގޮތް އިމްރާނަށް ނޭންގޭނެކަމަށާއި އެކަން އެނގޭނީ އެމެމްބަރުންގެ ދާއިރާގެ ރައްޔިތުންނަށްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މަސައްކަތަކީ އިމްރާނާ ބެހޭކަމެއްނޫން، އަޅުގަނޑުމެ މަސައްކަތާއި އަޅުގަނޑު ކަންކުރަންވީގޮތަށް ބަސްކިޔޭނީ މަޑަވެލި ދާއިރާގެ ރައްޔިތުންނަށް، އެއީ އިމްރާނަކާއި ބެހޭކަމެއްނޫން،" ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ