މަހާސިންތާގެ ދައުވަތު މައުމޫން ގަބޫލުފުޅެއް ނުކުރެއްވި، އެހެންވެ ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވާނީ އަދީބު
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން މާދަމާ ރޭ ފަށާ މަހާސިންތާ ރަސްމީކޮށް ހުޅުވައި ދެއްވުމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެރުވި ދައުވަތު ގަބޫލުފުޅު ނުކުރެއްވުމުން، އެ މަހާސިންތާ ޝަރަފްވެރި ކޮށްދެއްވާނީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ނިންމައިފި އެވެ. މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް މައުމޫނަށް ދައުވަތު އެރުވީ ވެސް އަދީބެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުގައި ބައެއް މެމްބަރުން މިރޭ ވިދާޅުވެފައިވާ ގޮތުގައި، މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް މައުމޫނަށް އެރުވި ދައުވަތު ގަބޫލުފުޅެއް ނުކުރެއްވި އެވެ. އެހެންވެ މަހާސިންތާ ރަސްމީކޮށް ހުޅުވައި ދެއްވާނީ ނައިބު ރައީސް އަދީބު ކަމަށް ޕީޖީ ގުރޫޕުގެ ވައިބާ ގުރޫޕުގައި ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ. މަހާސިންތާ ބާއްވަނީ ރައީސް އަބްދުﷲ ޔާމީން 2018ގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ވާއިރު، އެކަމާ މެދު މައުމޫން އަދި އެމަނިކުފާނަށް ސަޕޯޓް ކުރައްވާ، ޕާޓީގެ އިސްބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އަދި މި ކޯޅުމުގެ ތެރެއިން، 2018ގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ޕާޓީގެ ޕްރައިމަރީއަކަށް ހިނގައިދާނެ ކަމުގެ ބިރު ވެސް އޮތް ކަމަށް ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން: 2018ގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށްޓަކައި ޕްރައިމަރީއަކަށް ހިނގައިދާނެ ކަމުގެ ސުވާލު ބައެއް މެމްބަރުން އުފައްދަވާ.---ފައިލް ފޮޓޯ: މަޖިލިސް ޕީޕީއެމްގެ ވައިބަ ގުރޫޕްގައި އެއް މެމްބަރަކު މިރޭ ވިދާޅުވި ގޮތުގައި މަހާސިންތާ އަށް މައުމޫން ވަޑައިނުގަތުމަކީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި، މައުމޫންގެ ސަޕޯޓް ނެތްކަމަށް މާނަ ކުރުމުގެ ފުރުސަތު އޮތް ކަމެކެވެ. އަދި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކު އިތުރު ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވޭނެ ކަމަށާއި އެއީ "ލިޔެފައިވާ ގޮތް" ކަމަށެވެ. "ޕީޕީއެމްގެ އަސާސީ ގަވައިދުގެ 68 އަދި 69 ވަނަ މާއްދާގެ ބާރުން ރައީސް ޔާމީން 2018ގެ ޕްރައިމަރީ އަކަށް ދާންޖެހެނީ ބާ؟،" އެހެން މެމްބަރަކު ވައިބަ ގުރޫޕްގައި ސުވާލު އުފައްދަވާފައިވެ އެވެ. ރައީސް ޔާމީނާއި މައުމޫން ސަލާމް ކުރައްވަނީ. --ހަވީރު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން ޕީޕީއެމުން ބުނެފައި ވަނީ ޕާޓީތަކުގެ ގޮފިތަކުން މީހުން ގެނެސްގެން މަހާސިންތާ ބޭއްވުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ. ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަހާސިންތާގެ ފުރަތަމަ ބުރުގައި 369 މީހަކު ބައިވެރިވާނެ ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާން އަދި މަހާސިންތާގެ މީޑިއާ އިވެންޓްތަކާ ހަވާލުވެ ހުންނެވި އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައިވެ އެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގެ 68 އަދި 69 ވަނަ މާއްދާގެ ބާރުން ރައީސް ޔާމީން 2018ގެ ޕްރައިމަރީ އަކަށް ދާންޖެހެނީ ބާ؟-- ޕީޖީ ގުރޫޕް މެމްބަރެއް އޭގެ ތެރޭގައި ރަށްތަކުގެ ޕީޕީއެމް ގޮފިތަކުގެ މެމްބަރުންނާއި ރައީސް ޔާމީން ކެމްޕޭން އޮފީހުގެ ބައިވެރިން ހިމެނޭނެ ކަމަށް މުއާޒް ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީންގެ ކެމްޕޭނަށް ލީޑަރުން ތައްޔާރުކުރުމާ ގުޅޭގޮތުން މުއާޒް މިދިޔަ މަހުގެ 23 ގައި ވާހަކަ ދައްކަވަނީ. --ހަވީރު ފައިލް ފޮޓޯ: ނިޝާން އަލީ "މިއީ އެއްވެސް ހާލެއްގައި ޕީޕީއެމްގެ ފަރާތުން ބާއްވާ މަހާސިންތާއެއް ނޫން. ޕީޕިއެމްއާ ގުޅުން ހުރި މަހާސިންތާއެއް ވެސް ނޫން. މިއީ ރައީސް ޔާމީންގެ ކެމްޕޭން އޮފީސް، ސީދާ ފަސްޓް ލޭޑީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ދާ މަސައްކަތެއް،" މުއާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މަހާސިންތާގެ މަގްސަދަކީ 2018 ގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމެވެ. އެ މަހާސިންތާ އަށް ފަހު، ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ކުރިއަށް ގެންދާ ހަރަކާތްތައް ރަށްރަށުގައި ކުރިއަށް ގެންދާނީ އެ ލީޑަރުންގެ އިސް ނެގުމުގެ ދަށުންކަމަށް މުއާޒް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ