އުއްމީދީ އާ ފެށުމަކާ އެކު އަބްދުﷲ އާމިރު އަލުން އެސޯސިއޭޝަނަށް

ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގައި ހިތްހަމަނުޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި ނަމަވެސް އެކަންކަން ރަނގަޅުކުރުމަށް އެސޯސިއޭޝަނުގެ އެކްސްކޯއާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ އުއްމީދު އާ ނައިބް ރައީސް އަބްދުﷲ އާމިރު (އައްލޯ) ފާޅު ކުރައްވައިފި އެވެ. ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ ރެފްރީ، އައްލޯ އެސޯސިއޭޝަނުގެ ނައިބް ރައީސަކަށް އިންތިހާބުވެވަޑައިގަތީ، 2012 ވަނަ އަހަރު އޮތް އިންތިހާބުގައި އައްލޯއާ ވާދަކުރައްވައި ނައިބް ރައީސްގެ މަގާމަށް ވަޑައިގެންނެވި އަލީ ނަސީރު (ތުއްތޭ) އިސްތިއުފާ ދެއްވުމުން ބުދަ ދުވަހުގެރޭ ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައިގެންނެވެ. "މި ވަގުތު އެމްބީއޭ އަށް ފާޑުކިޔާކަށް ނެތިން. ސަބަބަކީ މި ވަގުތުން ފެށިގެން އަޅުގަނޑަކީ އެތަނުގެ ނައިބް ރައީސަށް ވާތީ. އެކަމަކު ހިތްހަމަނުޖެހޭ ކަންކަން އެބަހުރި އެތަނުގައި. އެހެން މެމްބަރުންގެ އެއްބާރުލުމާ އެކު އެކަންކަން ރަނގަޅުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާނަން. ކްލަބްތަކުގެ ޝަކުވާ އަޑުއަހައި އެކަންކަމަށް ހައްލު ގެނެސްދޭނަން،" އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ބުދަ ދުވަހުގެރޭ "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި އައްލޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެސޯސިއޭޝަނުގެ މެމްބަރުންނަކީ ބާސްކެޓަށް މަސައްކަތްކުރާ ފަރާތްތަކެއް ކަމަށް ވާނަމަ އޭނާއާ އެކު މަސައްކަތްކުރަން އުނދަގުލެއް ނުވާނެ ކަމަށެވެ. "އެސޯސިއޭޝަނުގައި ތިބި މީހުން ބާސްކެޓް ކުރިއަރުވަން މަސައްކަތްކުރަންޏާ އުނދަގުލެއް ނުވާނެ އަޅުގަނޑާ އެކު މަސައްކަތްކުރަން. އަޅުގަނޑު އެސޯސިއޭޝަނާ މި ގުޅުނީ ތިބި މީހުން ބަލައިގެން ނޫން. އެކަމަކު ބާސްކެޓަށް ހިދުމަތްކޮށްދޭން. ކޮންމެ ގޮތެއް ވިޔަސް ކްލަބްތަކުގެ ސަޕޯޓް އޮތްކަން އެނގިއްޖެ އަޅުގަނޑަށް. އެހެންކަމުން އެސޯސިއޭޝަނުގެ އެތެރޭގައި ތިބި މީހުން ވެސް އަޅުގަނޑަށް ސަޕޯޓްކުރާނެ،" ބާސްކެޓްބޯޅަ ގައުމީ ޓީމަށް ކުރިން ކުޅުއްވި އައްލޯ ވިދާޅުވި އެވެ. އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީކަން 2002 ވަނަ އަހަރުން ފެށިގެން ކުރެއްވުމަށް ފަހު، 2012 ވަނަ އަހަރުގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އައްލޯ ވިދާޅުވީ އެސޯސިއޭޝަނާ ދުރުގައި ހުރި އިރު ވެސް ބާސްކެޓާ ދުރުނުވާ ކަމަށެވެ. "އިންތިހާބުން އޭރު ފެއިލްވި ހިސާބުން އެސޯސިއޭޝަނާ ދުރަށް ދިޔައީ. އެކަމަކު ބާސްކެޓާ ދުރަކަށް ނުދަން. ބާސްކެޓް މެޗުތައް ވެސް ބަލަން ދަން. ދެން އަނެއްކާ މި އޮތީ ބާސްކެޓަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިފައި އެސޯސިއޭޝަނުގެ ތެރެއިން. މި ކުޅިވަރަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތަކީ އަޅުގަނޑަށް ލިބޭ އުފަލެއް،" އައްލޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަގާމަށް ކުރިމަތިލީ ގިނަ ބަޔެއްގެ އެދުމުގެ މަތިން ކަމަށާއި އޭނާ އަށް ވޯޓް ދިނީ މިހާތަނަށް މި ކުޅިވަރަށް ކޮށްދިން ހިދުމަތަށް ބަލާފައި ކަމަށް ދެކޭ ކަމަށެވެ. "ބާސްކެޓުގެ ގިނަ ބަޔެއްގެ އެދުމުގެ މަތިން އަޅުގަނޑު ކުރިމަތިލީ. އެކަމަކު އިންތިހާބަށް އައިއިރު ވަރަށް ގިނަ ކަންކަން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާ ހިލާފަށް ގޮސްފައި އޮތީ. އެގޮތުން އަޅުގަނޑަށް ކާމިޔާބުވުމުގެ ހަމަހަމަ ފުރުސަތެއް އޮތީ. އެކަމަކު ނިމިގެން މިދިޔައީ އަޅުގަނޑަށް ކާމިޔާބުވެގެން. އެއީ މިހާތަނަށް ކޮށްދިން ހިދުމަތުގެ ސަބަބުން ކަމަށް ދެކެނީ،" ކުރިން މޮޅަށް ފުޓްބޯޅަ ވެސް ކުޅުއްވި އައްލޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރުގެ ރައީސް އަހުމަދު ހާފިޒާ އެކު ކުރިން މަސައްކަތްކޮށްފައިވުމުން، އަލުން އޭނާއާ އެކު މަސައްކަތް ކުރަން އުނދަގޫ ނުވާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ގުޅިގެން ރަނގަޅަށް ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ