ޕްލާސްޓިކާއި ދެކޮޅަށް ރ. ހުޅުދުއްފާރު ރައްޔިތުން ނިކުމެއްޖެ

ރަށުން ޕްލާސްޓިކް މަދުކުރުމަށް ނިންމައި، ރ. ހުޅުދުއްފާރު ރައްޔިތުން ޕްލާސްޓިކާއި ދެކޮޅަށް މިއަދު ނިކުމެއްޖެ އެވެ.
ތިމާވެއްޓަށް ގެއްލުންދެނިވި ބާވަތެއް ކަމަށްވާ ޕްލާސްޓިކާއި ދެކޮޅަށް ހުޅުދުއްފާރުން މިއަދު ވަނީ "ސޭ ނޯ ޓް ޕްލާސްޓިކް" ގެ ނަމުގައި ސާފުކުރުމުގެ ހަރާތެއް ކުރިއަށް ގެންގޮސްފައެވެ.
ވީ ނިއުސްއަށް މައުލޫމާތުދެއްވަމުން ހުޅުދުއްފާރު ކައުންސިލްގެ މެންބަރު އިބްރާހިމް ޝިފާޒު ވިދާޅުވީ އެ ހަރަކާތް ހިންގީ، ކައުންސިލާއި އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ، ހުޒޫރު ޖަމިއްޔާ އާއި، އޮފީސްތައް ގުޅިގެން ކަމަށެވެ.
މީގެ އިތުރަށް ސްކައުޓާއި ގާލްގައިޑުންވެސް ބައިވެރިވެގެން ކުރިއަށްގެންދިއަ މި ހަރަކާތުގައި ރަށުގެ އިސްރައްވެހިންނާއި ޒުވާނުން ހިމެނޭ ގޮތަށް ކުދި ބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ޕްލާސްޓިކް މަދުކުރުމަށް ހިންގުނު މި ހަރަކާތުގައި ޕްލާސްޓިކް ހޮވީ ރަށުގެ ވަށައިގެން އަތިރިމަތިން ކަމަށާއި، އެ ހަރަކާތުގައި ޖަންބޯ ބޭގުގެ 12 ބޭގް ޕްލާސްޓިކް އެއް ކުރެވުނު ކަމަށެވެ. އަދި އޭގެ ތެރެއިން ބޮޑުބައި މިރޭގެ ވަގުތެއްގައި ޕްލާަސްޓިކް އިއާދަކުރާ ކުންފުންޏެއް ކަމަށްވާ "ޕާލޭ މޯސްޑިވްސް" އާއި ހަވާލުކުރުމަށް މާލެ ފޮނުވާނެ ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.
މިހަރަަކާތުގެ ތެރެއިން، ދިރާގުން ހުޅުދުއްފާރުގެ ގޭބިސީ ތަކަށް ހަދިޔާކޮށްފައިވާ ތިމާވެެއްޓާއި ރައްޓެހި ބާޒާރު ކޮތަޅު ވެސް ގޭގެއަށް ބަހަން ފަށާފައިވާނެ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.
ގާތްގަނޑަކަށް 1،550 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ހުޅުދުއްފާރުގައި މީހުން އަބާދުކުރިތާ 25 އަހަރު ފުރޭ ރިހިޔޫބިލް ފުރުމުގެ މުނާސަބަތާއި ދިމާކޮށް، އެރަށުން ޕްލާސްޓިކް މަދުކުރުމަށް ހާއްސަ ކެމްޕެއިނެއް ފެށުމަށްވެސް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ