އީސީގެ މެންބަރުކަމުން އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ: ސިވިލް ކޯޓު
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން މުހައްމަދު އާސިފް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.ރައްޔިތުންގެ މަޖިލީހުން، އާސިފް އީސީގެ މެންބަރުން ވަކިކުރި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ އިއްޔެ އެވެ.އާސިފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އީސީގެ މެންބަރުކަމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޤާނޫނުއަސާސީއާއި، މިފަދަ މައްސަލަތަކުގައި މިނިވަން ދިމިގުރާތީ ނިޒާމުތަކުގައި ބަލައިގަނެފައިވާ އުސޫލުތަކާއި، ނެޗުރަޗް ޖަސްޓިސްގެ ހަމަތަކުން ބޭރުންކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުން އޭނާ މަހުރޫމްވިކަމަށް ކަނޑައަޅައިދީ، މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި، މައްސަލަ ޝަރީއަތް މެދުވެރިކޮށް ހައްލުކުރުމަށްޓަކައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަންޖެހުމުގެ ސަބަބުން ވަކީލު ފީގެ ގޮތުގައި ހަރަދުކުރަންޖެހުނު ފައިސާ ހޯދައިދިނުމަށް ހުށަހަޅާފައިވެ އެވެ.އެ މައްސަލާގައި އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމްގައި ބުނީ ގާނޫނުއަސާސީގެ 177 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ހާލަތެއް އީސީގެ މެމްބަރަކަށް މެދުވެރިވެއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެންނަނަމަ، މެމްބަރުކަމުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަ ކަމަށެވެ.ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލައިގެ ތެރެއިން އާސިފްގެ ފަރާތުން އެދޭ ކަމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިފައިވާ ބާރުގެ ތެެރެއަށް ވަދެ، މަޖިލީހުން ނިންމި ނިންމުމަކީ ގޯސްކޮށް ނިންމާފައިވާ ނިންމެއް ކަމަށް ކޯޓުން ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އީސީގެ މެމްބަރުކަމުން އޭނާ ވަކިކުރުމުގައި ގާނޫނުއަސާސީގައިވާ އިޖުރާއަތާ ހިލާފް ކަމެއް ހިނގި ކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.މި ހާލަތުގައި ކޯޓުން އެ މައްސަލަ ބެލުމަކީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މަޖިލީީހުން ނިންމާފައިވާ ނިންމުމަކަށް، ގާނޫނު އަސާސީއާ ޚިލާފަށް ޗެލެންޖު ކުރުމުގެ ފުރުސަތު ދިނުން ކަމަށްވާއިރު، އެ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.އެހެން ކަމުން ކޯޓުން ހުކުމް ކުރީ އެ ޖުޑީޝަލް ރިވިއު ހުށަހަޅާފައިވާ ގޮތަށް، ކޯޓަށް އެ މައްސަލަ ބަލައި ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.ބޮޑެތި ތުހުމަތުތަކާ އެކު އީސީގެ މެންބަރުކަމުން އާސިފް ވަކިކުރީ މިހާރު މިއޮތް ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ އަހަރު އެވެ.އާސިފް ވަކިކުރަން 68 މެންބަރުން ވޯޓު ދިންއިރު ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ. ގިނަ ތުހުމަތުތަކަކާ އާސިފް މަގާމުން ވަކިކުރުމުން އޭނާ އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ