ރައީސް ޔާމީންއާ އަފްރާޝީމްގެ މަރާ އެއްވެސް ގުޅުމެއް ނެތް - އުމަރު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރާ ރައީސް އަބްދުﷲ ޔާމީންއާ އެއްވެސް ގުޅުމެއް ނެތްކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، އަފްރާޝީމްގެ މަރާ ރައީސް ޔާމީންއާ ގުޅުމެއް ނެތް ވާހަކަ ވިދާޅުވަނީ ތަހުގީގީ އިދާރާގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ.
އަދި ޕީޕީއެމް ޕްރައިމަރީގައި ވެސް އަފްރާޝީމްގެ މަރާ ރައީސް ޔާމީންއާ ގުޅުމެއް އޮތްކަމަށް ވިދާޅުނުވާ ކަމަށް، އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވީ އަފްރާޝީމްގެ މަރާ ގުޅުންހުރި މީހަކު، އޭނަ ދޫކޮށްލި ފަހުން ރައީސް ޔާމީނާއި ބައްދަލު ކުރުމަށް ގޮސް ޕީޕީޢެމް އޮފީހުގައި އިންދައި އަޅުގަނޑު ދުށީމޭ. އެއީ އަޅުގަނޑު ދެންނެވި ވާހަކަ އަކީ. އަޅުގަނޑު ނުދަންނަވަން އަފްރާޝީމްގެ މަރާ ޔާމީނާ ގުޅުމެއް އޮތެކޭ." އުމަރު ވިދާޅުވިއެވެ.
ސިޔާސީ ރޭހެއްގައި ކައިރި ކައިރިން ބަޔަކު ވާދަ ކުރާއިރު، އަނެކަކުގެ ހުރި މައްސަލަތަކަކީ ކޮބައިކަމާއި ކަތި ފިޔަވަޅެއް އަޅާތޯ ވަރަށް ކައިރިން ބަލާ ފަދައިން ރައީސް ޔާމީނުވެސް ކަތި ފިޔަވަޅެއް އަޅުއްވާތޯ ބަލަމުން ގެންދެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން އެމީހާ ޕީޕީއެމް އޮފީހަށް ދިޔައީ އެޕޮއިންޓްމަންޓެއް ހަދައިގެން ރައީސް ޔާމީނާއި ބައްދަލު ކުރުމަށް ކަމަށާއި، ޕްރައިމަރީ ތެރޭގައި އުމަރުގެ ޓީމުގެ ފަރާތުން އެކަން ނޯޓް ކުރިކަން ރައީސް ޔާމީނަށް އެނގިވަޑައިގަތުމާއި އެކު އޭނާއާއި ބައްދަލު ނުކޮށް ރައީސް ޔާމީން އެޕޮއިންޓްމަންޓްވެސް ކެންސަލް ކޮށްލެއްވި ކަމަށެވެ.
އުމަރު ވިދާޅުވީ މިހާތަނަށް އެމައްސަލައިގައި ކުރެވި ދިޔަ ތަހުޤީޤަށް ބަލާއިރު، އެއްވެސް ހިސާބެއްގައި ރައީސް ޔާމީންގެ ނަން އައިސްފައި ނުވާކަމަށެވެ. އަދި އަފްރާޝީމްގެ މަރާއި، ރައީސް ޔާމީން އާއި ގުޅުން ހުރިކަމަށް ބުނާ އެއްވެސް ޑޮކިއުމެންޓެއްވެސް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މީޑިއާތަކުގައި ތަފާތު ވާހަކަތަކެއް ދެކެވިގެން ދިޔަކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. "އެމްޑީޕީ މީހުންނަށް އަޑުއިވުނީ އަދި މުޅިން ތަފާތުކޮށް އެމްޑީޕީ މީހުންނަށް އަޑުއިވުނު ކަމަށް ވަނީ އަޅުގަނޑު ބުންޏޭ އަފްރާޝީމް މަރާލުމުގައި ރައީސް ޔާމީން ބައިވެރިވިއޭ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު މި މައްސަލައިގައި މަހްލޫފް އަދި އިމްރާން ދައްކަވަމުން ގެންދަވާ ވާހަކަ ތަކަކީ އެމްޑީޕީ ރުއްސުމަށް ދައްކަވާ ވާހަކަތައް ކަމަށެވެ.
ނަމަވެސް މިއީ އެއްވެސް އޮށްޓަރެއް އަދި ހަޤީޤަތެއްވެސް ނެތް ވާހަކަ ތަކެއް ކަމަށް އުމަރު ވިދާޅުވިއެވެ.
"އަފްރާޝީމްގެ ޤާތިލަކީ ހުމާމް. އަޅުގަނޑުމެން އެފްބީއައި މެދުވެރިކޮށް ހެދި ފޮރެންސިކް ތަހުޤީޤުތަކުންނާއި ފުލުހުން ސީދާ ހެދި ތަހުޤީޤުތަކުން ހުމާމްގެ ގައިން އަފްރާޝީމްގެ ލޭ ހުރީ ފެނިފައި. އެއީ އިންކާރު ނުކުރެވޭނެ ހަޤީޤަތެއް." މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން މިއަދު ހުމާމް ލައްވައި އެމްޑީޕީގެ ލޯޔަރުން ދައްކަމުން އަންނަ ވާހަކަ އަކީ އެއްގޮތަކަށްވެސް ޤަބޫލު ނުކުރެވޭ ވާހަކަތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނު ޤަބޫލު ކުރައްވާ ގޮތުގައި އަފްރާޝީމްގެ ހަޤީޤީ ޤާތިލުން ތިބެންޏާ ތިބޭނީ އެމްޑީޕީގައި ކަމަށެވެ. އެގޮތުން އަފްރާޝީމްގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހުސް އެމްޑީޕީގެ އާންމު މެމްބަރުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ހުމާމް ކޮންޓެކްޓް ކޮށްފައި ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނާއި ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ