ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ ރަން ވަނަތަކެއް

މަތީ ސާނަވީ އަދި ސާނަވީ އިމްތިޙާނުތަކުން މުޅި ދުނިޔެއާއި ރާއްޖެއިން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގުވަޒަން ކުރުމަށް ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު" މި މަހުގެ 11 އަދި 12 ވަނަ ދުވަހު ވަނީ ކުލަގަދަ ގޮތެއްގައި ބާއްވާފައެވެ. ޖުމްލަ ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި، ޤައުމީ ގަދަ 10 އެއްގައި ހިމެނުނު އެތައް ދަރިވަރުންނަކަށް ވަނީ އެވޯޑާއި، ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މިފަހަރުގެ ރަސްމިއްޔާތުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، އެޑެކްސެލްގެ އައުޓް ސްޓޭންޑިންގ ޕިއަރސަން ލާރނާސް އެވޯޑް ހާސިލުކުރި ހަތަރު ދަރިވަރުންނަށެވެ. މަތީ ސާނަވީގެ އެކި މާއްދާތަކުން ރާއްޖެއާއި މުޅި ދުނިޔެއިން އެއްވަނަ ހޯދި މި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މި ޝަރަފުވެރި އެވޯޑު ހޯދި ދަރިވަރުންނަކީ، ސީއެޗްއެސްއީގެ ޢަލީ މާއިޒު މުފީދު (އިކޮނޮމިކްސް)، ލީން އަހްމަދު ޠޯރިގު (ބިޒްނަސް)، ނިޝްޔާ ވަހީދު (ބިޒްނަސް) އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބާ އަޙްމަދު ޢަލީ (ކެމިސްޓްރީ) އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް މިފަހަރު ހަތް ދަރިވަރުންނަށް ވަނީ ލިބިފައެވެ. ފަސް މާއްދާއިން 'އޭ ސްޓަރ' ހޯދައިގެން މި ޝަރަފު ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނެނީ، ސީއެޗްއެސްއީ ހުޅުމާލޭގެ ހަތަރު ދަރިވަރުންނާއި، ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރަކާއި، އަރަބިއްޔާ ސްކޫލުގެ ދަރިވަރެއްގެ އިތުރުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ.
ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންގެ ތެރޭގައި ހިމެނޭ އާއިޝަތު ނަބީހާ އަމީން، ލީން އަޙްމަދު ތާރިޤް، ޔަޝާ ޝާފީ ޝަފީޤް، އަލީ މާއިޝް މުފީދު، ޙުސައިން ޔަމީން، އާއިޝަތު ލީން އަބްދުﷲ އަދި ލައިލް ޙުސައިން ހަމީދު ވަނީ، ދިވެއްސާއި އިސްލާމް ހިމެނޭހެން ހުރިހާ މާއްދާއަކުން އެންމެ މަތީ ނަތީޖާ ހޯދާފައެވެ. މިއީ، ދިވެހިވަންތަކަމާއި ދީނީ ޢިލްމުގެ ތެރެއިންވެސް ދިވެހި ދަރިންނަކީ ކުޅަދާނަ ބައެއްކަން ސާބިތުކޮށްދިން ކަމެކެވެ.
ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާއަށް ބަލާއިރު، އެކި މާއްދާތަކުން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ހާސިލުކޮށްގެން 67 ދަރިވަރުން ވަނީ، އައުޓްސްޓޭންޑިންގ ކެމްބްރިޖް ލާރނާސް އެވޯޑް ހާސިލުކޮށްފައެވެ. މި ދަރިވަރުންނަށް މިނިސްޓްރީން ދޭ ޓްރޮފީއާއި، ކެމްބްރިޖުން ދޭ ޚާއްސަ ގަލަމާއި ހަނދާނީ ލިޔުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ޓްރޮފީވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުތަކުން 23 ދަރިވަރުން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިވާކަން ފާހަގަކުރެވެއެވެ.
ދަރިވަރުންގެ މި ކާމިޔާބީގެ ފަހަތުގައިވަނީ، މެދުކެނޑުމެއްނެތި ކުރި ބުރަ މަސައްކަތްތަކެކެވެ. ޚާއްސަކޮށް ހިސާބު، ބިޒްނަސް، ކެމިސްޓްރީ، ބައޮލޮޖީ އަދި އިކޮނޮމިކްސް ފަދަ އުނދަގޫ މާއްދާތަކުން ދުނިޔޭގެ ފެންވަރުގައި އެއްވަނަ ހޯދުމަކީ ދަރިވަރުންގެ ފިކުރީ ޤާބިލުކަމާއި، ވަގުތު މެނޭޖުކުރުމުގެ ހުނަރު ހުރި މިންވަރު ހާމަކޮށްދޭ ކަމެކެވެ. މި ކާމިޔާބީއަކީ، ހަމައެކަނި ފޮތް ކިޔައިގެން ހޯދި ކާމިޔާބީއެއް ނޫނެވެ. އެއީ ޢިލްމު އުނގެނުމަށް ހުރި ޝައުޤުވެރިކަމާއި، މާއްދާތައް އިތުރަށް ދިރާސާކޮށްގެން ހާސިލުކުރި ކާމީޔާބީއެކެވެ.
މިދަރިވަރުންގެ ކާމިޔާބީގައި ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރުވެސް ނުހަނު ބޮޑެވެ. ކިޔެވުމުގެ މާހައުލު ބައްޓަން ކޮށްދިނުމާއި، ނަފްސާނީ ގޮތުން ދަރިވަރުންނަށް ދިން ހިތްވަރަކީ މިފަދަ ބޮޑު ކާމިޔާބީއަކަށް މަގުފަހިވި މައިގަނޑު ސަބަބެވެ. ދަރިވަރުންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، ކޮންމެ ދުވަހަކު ކުރި ތަރުތީބު މަސައްކަތުގެ ސަބަބުން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ދަރިވަރުންނާ ވާދަކޮށް ދިވެހި ދަރިވަރުން މިވަނީ ކުރި ހޯދާފައެވެ.
ބައިނަލްއަޤުވާމީ މިފަދަ ފަޚުރުވެރި ވަނަތަކެއް މިއަދު މި ދަރިވަރުން ހާސިލުކުރުމުގެ ފަހަތުގައި އެ ދަރިވަރުންނަށް ފަހިކޮށްދިން ފުރުސަތުތައްވެސް ހިމެނެއެވެ. އެގޮތުން މި ކުރިއެރުމަކީ މަތީ ސާނަވީގެ މުހިންމުކަން ދަރިވަރުންނަށް އޮޅުންފިލުވައިދީ، ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ހެޔޮ ބަދަލުތަކުގެ ނަތީޖާއެއް ކަމަށް މަތީ އަރުތަވެރިންގެ ހަތަރުވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.
"މަތި ސަނާވީ މަރުހަލާގައި ކިޔެވުމަކީ ކިހާ މުހިންމުކަމެއްކަން ވިސްނައިދިނުމާއި، ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކުގައި ﷲގެ ވާގިފުޅާއެކު 48 އިންސައްތަ ދަރިވަރުން މިހާރު ދަނީ މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުން. އަޅުގަނޑު ހިތުން މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކާމިޔާބެއް." ހުޅުމާލެ ސީއެޗްއެސްއީގައި ކުރިއަށް ދިޔަ ޙަފުލާގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ކޮންމެ ކުއްޖަކަށް އިތުރަށް ތަޢުލީމީ ފުރުޞަތު ފަހިވުމަކީ ޤައުމުގެ އިންސާނީ ވަސީލަތް ތަރައްޤީވެ، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ލިބޭ ބާރެއްކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ މަގުތައް ފަހިކޮށްދީގެން ދަރިވަރުންގެ ބައިވެރިވުން 100 އިންސައްތައާ ގާތްކުރާ މިންވަރަށް އިތުރުކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިން ބައްޓަންވެފައި އޮތީ، ހަމައެކަނި ޢިލްމީ ދާއިރާއަށް އިސްކަންދޭ ގޮތަށް ކަމަށްވިޔަސް، މިހާރު ވަނީ އަމަލީ މަސައްކަތްތައް ދަސްކޮށްދޭ ވޮކޭޝަނަލް ހައިސްކޫލް ޕާތްވޭއާއި، މަސައްކަތުގެ މާހައުލުން ތަމްރީނު ހޯދާ އެޕްރެންޓިސްޝިޕް ފުރުޞަތުތައް ތަޢާރަފުކޮށްފައެވެ. މިގޮތުން މާލޭގައި ވޮކޭޝަނަލް ހައިސްކޫލެއް އުފައްދައި، އެތަނަށް ބޭނުންވާ އައު އިމާރާތް އެޅުމުގެ މަސައްކަތް އޮގަސްޓް މަހު ހަވާލުކުރާނެއެވެ. މިފަދަ ފުރުޞަތުތައް ފުޅާވުމުން، ކުރިމަގުގައި ގްރޭޑް 10 ނިންމާ ގިނަ ދަރިވަރުންނަށް މަތީ ސާނަވީގެ ތެރެއިން އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވޭނެއެވެ.
ކޮންމެއަކަސް، ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ މިފަދަ ރަސްމިއްޔާތުތަކަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ޤައުމުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް މިފަދަ މޮޅު، ހުނަރުވެރި އަދި އަޚުލާޤު ރަނގަޅު ޖީލެއް ބިނާވުމަކީ މުޅި ޤައުމަށް ލިބޭ ފަޚުރެކެވެ. މި ދަރިވަރުންގެ ކާމިޔާބީން ހާމަވަނީ، ކެރިގެން މަސައްކަތްކޮށްފިނަމަ ދިވެހި ކުދިންނަށްވެސް ދުނިޔޭގެ އެންމެ އުސްމިނަށް ވާސިލުވެވޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ