ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލުތަކެއް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރަން އެ ފަންޑުން މިދިޔަ އަހަރުގެ ތެރޭގައި ހިންގަން އުޅުނު މުއާމަލާތް ހިންގަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ.
ޓީބިލުތައް ބޮންޑަކަށް ބަދަލުކުރުމުގެ މުއާމަލާތް ފަރުމާކޮށްފައި ވަނީ ޕެންޝަން ފަންޑުން ގަނެފައިވާ ޓީބިލުތައް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު ލިބޭ ފައިސާ ފިނޭންސް މިނިސްޓްރީން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށެވެ. މި ދިގު މުއްދަތުގެ ބޮންޑަކީ، ޕެންޝަން އޮފީހުން ބުނާ ގޮތުގައި ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ފައިސާ ލިބޭ ރިވާސް ޑުއަލް ކަރަންސީ ބޮންޑެކެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
ސަރުކާރާއި ޕެންޝަން ފަންޑުން ބުނާ ގޮތުގައި މި މުއާމަލާތާކީ ޕެންޝަން ފަންޑުގެ މަސްލަހަތުވެރިންނަށް ފައިދާވާނެ މުއާމަލާތެކެވެ. މި ގޮތަށް ބަޔާންކޮށް ޕެންޝަން އޮފީހުން މިދިޔަ ފެބްރުއަރީ 3، ގައި ނެރުނު ބަޔާނެއްގައި ބުނީ މި މުއާމަލާތަށް އެ އޮފީހުގެ ބޯޑުން ފެހި ސިގުނަލު ދިނީ ގިނަ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑުން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި މި މުއާމަލާތަށް ބޭނުންވާ ފައިސާ ހޯދަން ޕެންޝަން ފަންޑަށް ގެއްލުން ނުވާނެ ގޮތަކަށް ސެކަންޑްރީ މާކެޓުގައި ވިއްކާލުމާއި، ރިޓަޔަމަންޓު ސްކީމުގެ އިންވެސްޓުމަންޓުތައް ސިންދަފާތުކޮށް، އިންވެސްޓުމަންޓުގެ ފައިދާ ޑޮލަރުން ލިބޭ އިންވެސްޓު ކުރުމާއި، ޕޯޓްފޯލިއޯގެ ފައިދާ މަތިކުރުމުގެ އިތުރުން އިންވެސްޓުކޮށްފައިވާ އެސެޓުތަކުގެ އެވަރެޖު މުއްދަތު އިތުރުކުރުން ހިމެނެ އެވެ.
ޕެންޝަން ފަންޑުގެ ޓީބިލު ބޮންޑަށް ބަދަލުކުރުމުގެ މުއާމަލާތުގެ ޓައިމްލައިން
މި މުއާމަލާތުން ލިބޭ އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ޕެންޝަން ފަންޑުން ދައްކާ ކަމަކީ، އެ ފަންޑަށް ޑޮލަރު ވަންނަން ފެށުމެވެ.
"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ." ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން ފަންޑުން މިހެން ބުނި ނަމަވެސް، ޕެންޝަން ފަންޑުން އިސްތިއުފާ ދީފައިވާ ބޯޑު މެންބަރުންނާއި އެންމެ އިސްފަންތީގެ މުވައްޒަފުންނާއި އިގުތިސޯދީ އަދި މާލީ މާހިރުން ހިމެނޭހެން ގިނަ ބަޔަކު މި މުއާމަލާތާ ދެކޮޅެވެ.
މި މައްސަލައިގައި ވާހަކަ ދެއްކި މާހިރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނަމުން އަންނަނީ މިއީ ފައިސާ ޗާޕުކުރުމުގެ މުއަމަލާތެއް ކަމަށެވެ. ސަބަބެއް ކަމަށް އެ މީހުން ބުނަނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މި ފައިސާ ބޭނުންކުރުމުން ނިކުންނަ އިގުތިސޯދީ ނަތީޖާ އެވެ.
މި ކަމަށް ރައްދު ދެމުން ސަރުކާރުން ބުނަނީ އެމްއެމްއޭއިން އެއްވެސް ދަރަންޏެއް ނުނަގާ ކަމަށެވެ. ސަރުކާރުގެ މި ނުކުތާ ބޭނުންކުރަނީ މި މުއާމަލާތަކީ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެއް ކަމަށް ނުބުނެވޭނެ ކަމަށް ވިސްނައިދިނުމުގެ ގޮތުންނެވެ.
މިހެން ނަމަވެސް މި ނޫހާ ވާހަކަ ދެއްކި މާހިރުން ވަނީ އެމްއެމްއޭއިން ސީދާ ދަރަންޏެއް ނުނެގިޔަސް، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މި ފައިސާ ބޭނުންކުރާތީ، މިއީ ނުސީދާ ގޮތުން ޑެޓް މަނިޓައިޒް ކުރުން ނުވަތަ ފައިސާ ޗާޕުކުރުން ކަމަށް ބެލެވޭނެ ކަމަށް ބުނެފަ އެވެ. އެ މީހުން މިކަން ސިފަކުރީ، ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ހުރި ހިފެހެއްޓުންތަކުން ރެކެން ސަރުކާރުން ބޭނުންކުރި "ލޫޕްހޯލް" އެއް ގޮތަށެވެ.
މި ވީހާ ދުވަހު މި މުއާމަލާތް ނުހިނގާ އޮތީ ޕެންޝަން އޮފީހުން މި މުއާމަލާތް ކުރިއަށް ގެންދަން ހުއްދަ ދެވޭ ވަރުގެ މުވައްޒަފަކު ލިޔެކިޔުންތަކުގައި ސޮއި ނުކޮށްގެންނެވެ. ނަމަވެސް މި ފަހުން ލީޑާޝިޕަށް ގެނައި ބަދަލުތަކާއެކީ، މިހާރު ކުރިއަށް ދަނީ ފަހުގެ މަރުހަލާތައް ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުންޏެވެ.
މިކަމާ ގުޅޭ މައުލޫމާތު ހޯދައި، ބޮންޑު ގަތުމުގެ މުއާމަލާތް ކުރިއަށް ގެންދަނީތޯ ޕެންޝަން އޮފީހުގެ ސީއީއޯ އަބްދުލް މަޖީދު އަލީއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތަށް ޕެންޝަން އޮފީހުން އެ މައުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވެ އިތުރު މައުލޫމާތު ހިއްސާކުރައްވަން އުޒުރުވެރިވެވަޑައިގެންފަ އެވެ.
ބޮންޑު މުއަމާލާތް ކުރިއަށް ގެންދަން އަވަސް ވެގަނެގެން އުޅޭއިރު، ޕެންޝަން އޮފީހުގެ ބޯޑުން މިކަން ފާސްކުރި ފަހުން އިގުތިސޯދީ ހަރަކާތްތެރިކަން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. އިގުތިސޯދަށް ހުއްޓުން އަރަން މެދުވެރިވީ، އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެވެ. މި ހަނގުރާމައާއެކީ މުޅި ދުނިޔޭގައި ނުތަނަވަސްކަން ބޮޑުވެ، ރާއްޖޭގެ ޓޫރިޒަމުގެ ކުރިއެރުން ވަނީ ހިފެހެއްޓިފަ އެވެ.
އިގުތިސޯދީ ހަރަކާތްތެރިކަން ދަށްވުމާއެކީ ކުރިން ވެސް އޮތް ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެ، ކަޅު ބާޒާރުގައި ރުފިޔާގެ އަގު ވަނީ ތާރީހުގައި ނުވެއްޓޭ ވަރަށް ދަށަށް ގޮސްފަ އެވެ.
ޕެންޝަން ފަންޑުގެ އާ ބޯޑާއި ލީޑާޝިޕާއެކީ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ