ހޫތީން ސައުދީއަށް ކަނޑުގެ ބްލޮކޭޑެއް؛ ތެލުގެ ސަޕްލައިއަށް އިތުރު ނުރައްކާ

ޔަމަނުގެ ހޫތީ ހަރަކާތުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއްޔެ އިއުލާނުކޮށްފި އެވެ.
މިއާ އެކު އެމެރިކާ އާއި އީރާނާ ދެމެދު ބޮޑުވަމުންދާ ހަމަނުޖެހުން އިތުރަށް ހޫނުވެ، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި ކަނޑުމަތީގެ ވިޔަފާރިއަށް އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
ހޫތީން ވަނީ "ސައުދީ ދުޝްމަނާ ދެކޮޅަށް ކަނޑުގެ ދަތުރުފަތުރުގެ ހިސާރެއް" ވަގުތުން ވަގުތަށް އަމަލުކުރާ ގޮތަށް އިއުލާނުކޮށްފަ އެވެ. އަދި މިއީ ސައުދީން ޔަމަން ހިސާރުކުރުމާ ގުޅިގެން "ލޮލަކަށް ލޮލެއް"ގެ އުސޫލުން ދިން ރައްދެއްގެ ގޮތުގައި އެ މީހުން ސިފަކުރި އެވެ.
މިއަށް ރައްދުދެމުން ސައުދީ އިސްވެ އޮންނަ އިއްތިހާދުން ބުނީ ބާރުގެ ބޭނުންކޮށްގެން ރައްދުދޭނެ ކަމަށާއި ރަތް ކަނޑުގެ ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުން އަލުން އާރާސްތުކުރުމަށް ސިޔާސީ މަސައްކަތްތަކެއް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އީރާނުގެ އޮފިޝަލުން ކަށަވަރުކޮށްދިން ގޮތުގައި މެދުވެރިން ވަނީ އާ ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އަދި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް ޕާކިސްތާނުން ވަނީ އަލުން ފަށާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ދެމުންދާ ހަމަލާތައް ދިފާއުކުރައްވަމުން އިއްޔެ ވިދާޅުވީ އީރާނުން އެމެރިކާގެ ސިފައިންގެ މީހަކު މަރާލާ ކޮންމެ ފަހަރަކު، އޭގެ ބަދަލު އެތައް ގުނައެއް ބޮޑުކޮށް އެ މީހުން ދައްކަންޖެހޭނެ ކަމަށެވެ.
މި އިއުލާނާ ގުޅިގެން ތެލުގެ އަގު ވަގުތީ ގޮތުން މައްޗަށް ދިޔަ އެވެ. އެއީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު މަދުވެފައިވާ ދަނޑިވަޅެއްގައި، ބާބުލް މަންދަބް ކަނޑުއޮޅިއަށް ބުރޫއެރުމަކީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއް ކަމަށްވާތީ އެވެ.
މިހާރު ވެސް ހަމަލާތައް ކުރިއަށް އެބަދެ އެވެ. އެގޮތުން، އެމެރިކާއިން އީރާނަށް އާ ހަމަލާތަކެއް ރޭ ދީފައިވާއިރު، އީރާނުން ވަނީ އުރުދުން، ކުވައިތު އަދި ސީރިޔާގައި ހުރި އެމެރިކާއާ ގުޅުންހުރި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ