އައިޑީޕީގެ ނަން ޕާޓީތަކުގެ ދަފްތަރުން އުނިކުރަން ނޭންގޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ(އައިޑީޕީ)ގެ ނަން ޕާޓީތަކުގެ ދަފްތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަނަށް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެގޮތަށް ހުކުމްކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އައިޑީޕީ އުނިކުރުމަށް އިލެކްޝަންސްގެ މައްޗަށް އަމުރުކޮށްދިނުން އެދި އެ ޕާޓީގެ ކުރީގެ ރައީސް އުމަރު ނަސީރު ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އިއްވި ހުކުމުގަ އެވެ. މިހާރު ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އުމަރު އެގޮތަށް ދައުވާ ކުރައްވާފައިވަނީ އައިޑީޕީ އުވާލުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރުމުން ވެސް އިލެކްޝަންސް އިން އައިޑީޕީގެ ނަން އުނިކޮށްފައި ނުވާތީ ކަމަށް ބުނެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އައިޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ އެ މަޖިލީހުގެ ހިމެނޭ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު މެމްބަރުން ހާޒިރުވެގެންކަން ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އައިޑީޕީ އުވާލުމަށް ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް ހުށަހެޅުމަށް ނިންމަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޯރަމް ހަމަނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އެއީ އައިޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވި ބައްދަލުވުމެއް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް ގަބޫލުކުރެވޭ ކަމަށް ހުކުމުގައި ވެއެވެ.
އެހެންވެ އައިޑީޕީ އުވާލާފައިވާ އުވާލުން ގާނޫނީ ގޮތުން ފުރިހަމަވެއްޖެ ކަމަށް ކަނޑައެޅެން ނެތް ކަމަށާއި އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އައިޑީޕީ އުނިކުރަން އިލެކްޝަންސްގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ހުކުމްކުރީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އައިޑީޕީ އުނި ނުކުރި މައްސަލައިގައި އުމަރު ވަނީ އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް މަދަނީ ކޯޓުގައި ވެސް ދައުވާ ކުރައްވާފަ އެވެ. ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ހައި ކޯޓަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ