ބައެއް މައްސަލަތަކުގެ ފައިލް ބަންދުކުރަން ޖެހޭ: މެމްބަރު ނަޝީދު

ދައުލަތުގެ ދައުވާގެ ލޯޑް ކުރުމަށްޓަކައި ބައެއް މައްސަލަތަކުގެ ފައިލް ބަންދުކޮށް، އެ މައްސަލަތައް ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ބްލޮގް "އެމްނަޝީދުޑޮޓްކޮމް" ގައި އިއްޔެ ލިޔުއްވާފައިވާ ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގެ ލޯޑް ކުޑަކުރަން ޖެހޭ ކަމަށާއި އެތައް އަހަރެއް ކުރިން ފެށިގެން ނުނިމި ހުރި މައްސަލަތައް ތަހުގީގީ މަރުހަލާގަ އާއި ޕީޖީ އަދި ކޯޓުތަކުގައި ޝަރީއަތުގެ މަރުހަލާގައި އެބަހުރި ކަމަށެވެ.
"މި މައްސަލަތަކުގެ ތެރޭގައި އޭގެ ޒާތުގައި ސީރިއަސް މައްސަލަތަކާއި ސީރިއަސް ނޫން މައްސަލަތައް އެބަހުއްޓެވެ. އޭގެ ސަބަބުން މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ވެފައި ނެތް މައްސަލަތައް ވެސް އެބަހުއްޓެވެ. ކުށުގެ އަނިޔާއެއް ލިބުނު ނުވަތަ ކުށުގެ ޝިކާރައަކަށް ވި މީހަކު ނެތް މައްސަލަތައް އެބަހުއްޓެވެ. އެއަށް ވުރެ ވެސް ކުދިކުދި އާދައިގެ މައްސަލަތައް ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ވިސްނުން މިހާޔަނަށް ގެންގުޅެވިފައި ހުރި ގޮތުން، މިއިން ކޮންމެ މައްސަލައެއް ވެސް ހަމަ ކުރިއަށް ގެންދަންޖެހެ އެވެ. އެކަމުގައި ދައުލަތުގެ ފައިސާ ހޭދަވެ އެވެ. އެކަމުގައި ދައުލަތުގެ މުވައްޒަފުންގެ ވަގުތު ހޭދަވެ އެވެ. އެކަމުގައި ތަފާތު މުއައްސަސާތަކުގެ މަސައްކަތް ހޭދަވެ އެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ ތަހުގީގީ މަރުހަލާގައި ނިމުމުގެ މަގުމަތީގައި ހުރި މައްސަލަތަކާއި ޕީޖީ އޮފީހުގައި މިހާރު ހުރި މައްސަލަތަކާއި ކޯޓުތަކުގައި ހިންގަން ފަށާފައި ހުރި މައްސަލަތަކުގެ ތެރެއިން މަސައްކަތް ހުއްޓާލައި، ފައިލް ބަންދު ކުރަންޖެހޭ މައްސަލަތައް ޕީޖީ އަށް ކަނޑައެޅުއްވިދާނެ ކަމަށެވެ. އަދި އެކަން ޕީޖީ އަށް ކުރެއްވެން އޮތީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ކ) އާއި ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (މ) ގެ ދަށުން އަދި މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ކ) ގައި ބުނާ ގޮތުން، ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕީޖީ އަށް އެންގުމުގެ ބާރު އެޓާނީ ޖެނެރަލަށް ލިބިދެ އެވެ. ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (މ) ގައި ބުނަނީ ޖިނާއީ ދައުވާ ކުރުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމުގެ ބާރު ޕީޖީ އަށް ލިބިގެންވާ ކަމަށެވެ. މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ފަސް ބާވަތެއްގެ ކުށް، އެ ކުށުގެ އަދަބު ލިބިފައިބވާ މީހުންގެ އިލްތިމާސެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އިސް ނެގުމުގައި މާފު ދެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެހެން ހަދަންޖެހޭ ސަބަބު އެ ގާނޫނުގެ އެ މާއްދާގައި ބަޔާންވެގެންވެ އެވެ. އެންމެ މުހިންމު ސަބަބަކީ، އާ ގާނޫނު އަސާސީން ކަނޑައަޅައި ދިން ހުޅުވާލެވިގެންވާ ނިޒާމާ ފުށުއަރާ ނުވަތަ ނުފެތޭ ކުށްކުށަށް އެ ކުށްކުށް ވުމެވެ. އެހެންކަމުން އެ ގާނޫނުގެ އެ މާއްދާގައި ބަޔާންކުރާ ފަސް ގިންތީގެ ތެރެއިން ގިންތިއެއްގެ ކުށެއްގެ ދައުވާ މިހާރު ކުރަން ތައްޔާރުވެފައިވާނަމަ، ނުވަތަ ދައުވާ ހިނގަހިނގާ ހުރިނަމަ، އެ ދައުވާއެއް ނުކޮށް ދޫކޮށްލުމަކީ، ގާނޫނަކުން ފެންނަން އޮތް ނިޔަތެއްގެ މައްޗަށް ބިނާކޮށް، އެއްވެސް ޖެހިލުމެއް ނެތި ޕީޖީ އަށް ކުރެވިދާނެ ކަމެކެވެ. އެ ކުށުގެ ބާވަތަށް ބަލައި، ކުށަށް އޮޓަމެޓިކުން މާފު ދެވެން އޮތް ކުށެއްގެ ތަހުގީގު ނުވަތަ ދައުވާ ނުވަތަ ޝަރީއަތް މިހާރު ހިނގަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެ އެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ ބައެއް މައްސަލަތަކުގެ ފައިލް ބަންދު ކޮށްގެން ސަލާމަތް ކުރެވޭ މީހުންނާއި ވަގުތާއި ފައިސާ އިން ސީރިއަސް، ނުރައްކާތެރި ބޮޑެތި ކުށްތަކާ ހަނގުރާމަކުރަން ވަގުތާއި މީހުންނާއި ވަސީލަތް ހާއްސަ ކުރެވިދާނެ ކަމަށެވެ.
"އަދި، މި ގޮތަށް ދައުލަތުގެ ލޯޑު ކުޑަކުރެވިއްޖެ ނަމަ، ކަމުގައި އުޅޭ ވަކީލުންނާއި ހާއްސަ ފަންނުތަކުގެ އެހެން މީހުން މަސައްކަތް ކުރަން ހުރި މައްސަލަތަކުގެ އަދަބު މަދުވެ، މަސައްކަތް ކޮންމެހެން ކުރަންޖެހޭ މައްސަލަތަކަށް އެ މީހުން ދޭން ޖެހޭ ވަގުތުގެ ފޭރާން ހެޔޮވެ ރަނގަޅުވެގެންދާނެ އެވެ. އަދި އެކަމުން ނުކުންނަ ނަތީޖާ މާ ސާފުކޮށް ފެންނަން ފަށާނެ އެވެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ