މޫސުން ގޯސްވެ ކަނޑު ގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ކަނޑު ގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.ޗެނަލް ތާޓީންއަށް މައުލޫމާތު ދެއްވަމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ކަމަށާއި، މި އެލާޓް ނެރެފައި ވަނީ މިއަދު ނުވަގަޑި ތިރީހުން މެންދުރުފަހު ތިންގަނޑި ތިރީހަށް ކަމަށެވެ.ކުރިއަށް އޮތް ސައުވީސް ގަޑިއިރަށް މޫސުން ކުރިއަށް ލަފާ ކުރާ ގޮތުގައި މައުލޫމާތު ދެއްވަމުން މެޓްއޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށެވެ.އަދި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 05 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް މެޓުން ބުނެފައިވެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.އަދި މީގެ އިތުރުން އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ. ވައިބާރުވެ ކަނޑުގަދަވާނެ ކަމަށް ލަ ލަފާކުރެވޭތީ ހާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުރަކުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަށާއި އަންނަ އާދީއްތަ ދުވަހުގެ މެންދުރާ ހަމަޔަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ