މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަ މަސް، މައުރޫފް ރިޓަޔާ ކުރައްވަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުޙައްމަދު މައުރޫފް ޖަމީލު އައްޔަންކުރެއްވިތާ ހަ މަސް ފަހުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި, އަދި އެޗްޑީސީގެ ފުރަތަމަ އުފައްދައިގެން އިސްކޮށް އުޅުއްވި މައުރޫފާ މި ސަރުކާރުން އެ ކުންފުނި ހަވާލު ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. https://www.sun.mv/200543 އަމާނާތްތެރި ހިންގުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މައުރޫފާ އެޗްޑީސީ ހަވާލު ކުރީ މި ސަރުކާރުގައި ފުރަތަމަ އެ މަގާމަށް ވަޒީރެއްގެ ފެންވަރުގައި އައްޔަންކުރެއްވި އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ވަރަށް ސީރިއަސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ މައްސަލަ ބަލަން ފެށުމުން ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މައުރޫފް ރިޓަޔާކުރައްވަން ނިންމަވައި އެކަން ވަނީ އެ ކުންފުނީގެ ބައެއް އިސް މުވައްޒަފުންނާ ހިއްސާ ކުރައްވައިފައެވެ. ތަފުސީލު ހޯދާލަން މައުރޫފަށް ގުޅައި މެސެޖު ކުރުމުން ވެސް ވަކި ޖަވާބެއް ނުދެއްވާތީ އޭނާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. މި ނިންމުމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. މައުރޫފަކީ އާކިޓެކްޓެއްގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ ދިރާސާ ވެސް ކުރައްވާ ބޭފުޅެކެެވެ. އޭނާ އެ ދާއިރާއިން ފޮތްތައް ވެސް ލިޔުއްވާފައިވެއެވެ. ހުޅުމާލެ ހިއްކައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އޭނާވަނީ މުހިންމު ދައުރެއް އެ ކަމުގައި އަދައިކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ