ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެއްކޮށް ފުނޑޭނެ: އަމީރު ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެއްކޮށް ފުނޑޭނެ: އަމީރު

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދު އެއްކޮށް ފުނޑޭނެ ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ ނާގާބިލުކަމާއި ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށެވެ.
އެއް ކަމެއްގެ ގޮތުގައި އަމީރު ފާހަގަ ކުރެއްވީ، ބަޖެޓަށް ހޯދަންޖެހޭ ފައިސާ ނުހޯދުމެވެ. އޭގެ ހުރިހާ ގެއްލުމަކާ ކުރިމަތިލާންޖެހެނީ ދިވެހި ވިޔަފާރިތަކުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ކުންފުނިތައް ހަމަ އެއްކޮށް ބަނގުރޫޓުވަމުންދާ ތަން. ރާއްޖޭގެ އިގްތިސާދު އެއްކޮށް ފުނޑިގެންދާނެ ގޮތަށް މިހާރު ސަރުކާރުގެ ސިޔާސަތުތައް މި ހުރީ،" އަމީރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެސް ސަރުކާރުން ނިންމައިލީ ކުންފުނިތަކަށް ބޮޑު އަދަދަކުން ދަރާ އޮވެ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މި އަހަރުގެ ބަޖެޓަށް ހޯދަންޖެހޭ ފައިސާ ނުހޯދިއްޖެ ނަމަ ކުންފުނިތަކަށް އިތުރަށް ދަރައި، ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ބަޖެޓަށް ހޯދަންޖެހޭ 500 މިލިއަން ޑޮލަރު. އެ ނުލިބުނު. އެހެންވީމަ އޭގެ ހުރިހާ ޕްރެޝަރެއް މި އައީ ރާއްޖޭގެ ވިޔަފާރިތަކަށް. ހަތް ބިލިއަން ރުފިޔާއިން ރާއްޖޭގެ ވިޔަފާރިތަކަށް ދަރާ އޮވެ މިދިޔަ އަހަރު ނިމިގެން ދިޔައީ. މިއަހަރު އެބަ ހޯދަންޖެހޭ 430 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި އަދި އޭގެ އިތުރުން 120 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ހޯދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ފުށިދިއްގަރުފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ދައުލަތުގެ ރިޒާވުން ނަގައިގެން ނަމަވެސް ދައްކަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާތީ އެކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ފާޑުވިދާޅުވި އެވެ.
"އަޅުގަނޑު ނުދެކެން އެމްއެމްއޭގެ ޔޫސަބަލް ރިޒާވު މިގޮތަށް ބޭނުން ކުރެވޭނެ ކަމަކަށް. ސަރުކާރަކަށް ނޫން މި ލާރި މި ދެނީ. ރަސްމާލެ ހިއްކަން ކުންފުނިތަކަށް. ރަސްމާލެ ކުންފުންޏަށް ކީއްވެގެންތޯ ސަރުކާރުން އަންގައިގެން އެޑްވާންސް ޕޭމަންޓް ދޭންވީ. އެހެންވިއްޔާ ރާއްޖޭގައި ހުރި ހުރިހާ ޕްރައިވެޓް ކުންފުންޏަކަށް ވެސް އެމްއެމްއޭއިން ލާރި ދޭނެ ހިސާބަށް ދާނެތާ،" އަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ