ލޯނު ނަގައިގެން ހިއްކަންވީ ފުށިދިއްގަރުފަޅެއް ނޫން، ބޯހިޔާވަހިކަން ކަށަވަރުކޮށްދޭންވީ: އައްބާސް
ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ހިއްކަންވީ ފުށިދިއްގަރު ފަޅެއް ނޫން ކަމަށާއި މިއަދު ރަށްރަށާއި މާލޭގައި ބޯހިޔާވަހިކަން ނެތް މީހުންނަށް ގެދޮރު އަޅަދިދޭންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު ނެރުނު ރިޕޯޓަށް ބަހުސްކުރައްވަމުން އައްބާސް ވަނީ ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސްކުރުމުގެ ބަދަލުގައި ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން ޖަދަލުކުރާތީ އެ ކަމަށް ފާޑުވިދާޅުވެފައެވެ. ރިޕޯޓަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، ސަރުކާރުގެ އެއްވެސް ކުންފުންޏެއް ބަނގުރޫޓުވެފައިވާ ނަމަ ސާފު ފައިދާގެ ގޮތުގައި އެތައް މިލިއަން ރުފިޔާގެ ފައިދާއެއް ކުންފުނިތަކަށް ލިބިފައިވާ ކަމަކަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރޭ ރިޕޯޓުތަކުގައި ނުބުނާނެ ކަމަށެވެ. ހަމަ އެހެންމެ ގައުމަށް އަންނަ ފަތުރުވެރިން އިތުރުވެފައިވާ ޖީއެސްޓީއާއި ޓީޖީއެސްޓީއާއި ބީޕީޓީ ނަގައިގެން ދައުލަތަށް ލިބޭ އާމްދަނީ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/207978 މީގެ އިތުރުން އައްބާސް ވިދާޅުވީ, ސަރުކާރުގެ ކުންފުނިތައް ފައިދާގައި ހިނގަމުން އަންނައިރު ރަށްރަށުގެ ރައްޔިތުން މިއަދު ތިބީ ނިކަމެތި ހާލަތެއްގައި ކަމަށެވެ. "ރަށްފުށުގެ ސިއްހީ މަރުކަޒުތަކުގައި މިއަދު ވެސް ބޭސްފިހާރަތަކުގައި ބޭހެއް ނެތް، ސިއްހީ މަރުކަޒުގައި އެކަށީގެންވާ ވަރަކަށް މުވައްޒަފުންނެއް ވަސީލަތެއް ނެތް، ސްކޫލުތަކުގައި އެކަށީގެންވާ ވަސީލަތެއް ނެތް، އެތާ މަސައްކަތްކުރާ މުދައްރިސުންނަށް ރަނގަޅު އިނާޔަތަކާއި އާމްދަނީއެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ. "މިއަދު ރަށްފުށުގައާއި މި މާލޭގެއާއި ބޯހިޔާވަހިކަން ނެތް މީހުންނަށް ގެދޮރު އަޅައިދޭންވީ، ފުށިދިއްގަރުފަޅެއް ނޫން ހިއްކަންވީ ދައުލަތުން ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން،" މި މޭރުމުން ބަހުސްކުރައްވަމުން އައްބާސް ވަނީ، މިދިޔަ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓުތައް ކަށަވަރުވި 4،000 ފްލެޓްތައް އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކުރުމަށް ގޮވާލައްވައިފައެވެ. ކަނޑުން ވިޔަސް ފަޅުން ވިޔަސް ދީފައި ހުރި ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކޮށް އެ މީހުންނަށް އިމާރާތްކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ