އޮޑިޓް އޮފީހުގެ ބަޖެޓަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ފައިސާ ދިނުމަށް ނިންމައިފި

އޮޑިޓް އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ މަތިން ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމަވައިފި އެވެ.
މާލިއްޔަތު ކޮމިޓީއިން މިގޮތަށް ނިންމާފައިވަނީ އޮޑިޓް އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއާއި ގުޅޭ ގޮތުން އެ އޮފީހުން ފޮނުއްވާފައިވާ ސިޓީތައް ބައްލަވާ އެކަމާއި ބެހޭ ގޮތުންވެސް މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އެވެ.
އަދި ބަޖެޓް އެކުލަވާލުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ މަތީން، އެ އޮފީހުން އެދިވަޑައިގެންފައިވާ މިންވަރަށް ފައިސާ ދިނުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ.
މިއަދު 13:15 އިން 13:53 އަށް ބޭއްވުނު މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 44 ވަނަ ބައްދަލުވުމުގައި، މާލިއްޔަތު ޤާނޫނަށް ގެންނަވާފައިވާ އިސްލާޙްއާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތައް ނުކުރެވި ހުއްޓިފައިވާ ކަމަށް ބުނެ، އަދި މިކަމުގައި އަމަލު ކުރަންވީ ގޮތުގެ ލަފައަކަށް އެދި އެ މިނިސްޓްރީއިން ފޮނުއްވާފައިވާ ސިޓީ ބައްލަވާ އެކަމާއި މެދު މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ސިއްޙީ ފަރުވާ ދިނުމުގެ ވަސީލަތްތައް ކުރި އަރުވާ ރާއްޖެއިން ނުލިބޭ ޙިދުމަތްތައް ތަޢާރަފްކޮށް ތަރައްޤީ ކުރުމަށްޓަކައި، އޭ.ޑީ.ކޭ ހޮސްޕިޓަލުން ހުށަހަޅުއްވާފައިވާ މަޝްރޫޢުގައި ހިމެނޭ ހިއުމަން ރިސޯސް ކޮމްޕޮނެންޓް ފުރިހަމަ ކުރުމަށް މާލޭ ހެލްތް ސެންޓަރ ހުރި ބިން އޭ.ޑީ.ކޭއަށް ދިނުމުގައި އަމަލު ކުރަންވީ ގޮތުގެ ލަފައަކަށް އެދި ފިނޭންސް މިނިސްޓްރީން ފޮނުއްވާފައިވާ ސިޓީފުޅާއި މެދު ވެސް މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ދެ މައްސަލަ ސަރުކާރުގެ ތެރެއިން ހައްލުކުރުމަށް އެންގެވުމަށް ނިންމަވާ، މި މައްސަލަ އަނބުރާ މިނިސްޓްރީއަށް ފޮނުވާލުމަށް ކޮމިޓީން ނިންމެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ