ޕީޕީއެމްގެ ކައުންސިލަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އައްޔަންކުރައްވައިފި އެވެ.
އުމަރުގެ އިތުރުން، މައުމޫންގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާން ވެސް ވަނީ މިއަދު ކައުންސިލަށް އައްޔަންކުރައްވާފަ އެވެ.
ޕީޕީއެމްގެ ކައުންސިލަށް މައުމޫން އުމަރާއި ސޮފްވާން އައްޔަން ކުރެއްވީ ކައުންސިލްގެ ތިން މެމްބަރަކު މިއަދު މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ. އެއީ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމާއި ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް އަދި ޒާހިދު ރަމީޒެވެ. މީގެ ތެރެއިން އަބްދުއްރަހީމް ކައުންސިލުން ވަކިކުރުމުން، ނައިބު ރައީސްކަމުގެ މަގާމުން ވަނީ އޮޓަމެޓިކުން ވަކިވެފަ އެވެ.
އުމަރަކީ 2018ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ހުށަހަޅުއްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ވެސް ސޯޝަލް މީޑިއާގައި އިންތިހާބުގެ ކެމްޕެއިން ނުރަސްމީކޮށް ހިންގަ އެވެ.
އުމަރު ވަނީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. ނަމަވެސް، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ހިސާބުން ޖެހުނު މައްސަލަތަކުގެ ތެރޭގައި އޭނާ ޕާޓީން ވަކިކުރި އެވެ. އަލުން ޕީޕީއެމްއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ޕީޕީއެމްގެ ކައުންސިލުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންތަކެއް ވަކިކޮށް، މައުމޫނަށް ވަފާރެރި ބޭފުޅުންތަކެއް އައްޔަންކުރެއްވި އިރު، ރައީސް ޔާމީނާއި މައުމޫނާ ދެބޭފުޅުންގެ ސިޔާސީ ހިޔާލު ތަފާތުވުންތައް އިތުރުވެ، ބަހުގެ ހަމަލަތައް އަދި އެކި ކަންކަމުގައި ވަރުގަދަ ފިޔަވަޅުތަކެއް ދެ ފެކްޝަނުން ވެސް ވަނީ އަޅަން ފަށައިފަ އެވެ.
ޕީޕީއެމްގެ ތެރޭގައި މައްސަލަ ޖެހެން ފެށުމާ އެކު، މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީހުގައި ވެސް އުމަރު ހިމެނިވަޑައިގެންނެވި އެވެ. ނަމަވެސް، 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
ޕީޕީއެމްގެ ކައުންސިލަށް އުމަރު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ