ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ބެލެނިވެރިން ލޯބިން ބަލާ ބޮޑު ކުރާނެ ކުއްޖެކެވެ. އަދި ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހުންގެ ދަރިންނަށް ކިޔަވައިދެވެން އޮތް އެންމެ މަތީ ފަންތިއަކަށް ކިޔަވައިދިނުމަށެވެ.
ހާއްސަކޮށް ނުކިޔެވޭ ކުއްޖެއްނަމަ އެކުއްޖަކަށް އަހައްމިޔަތުކަން ދީގެން އެކުއްޖަކަށް ކިޔަވައިދޭން ބޭނުންވެއެވެ. ނަމަވެސް މިފަދަ ކުދިންނަށް މިދިޔަ ހަފްތާގައި ސަރުކާރުގެ ފަރާތުން މި ލިބުނީ ވަރަށް ހިތާމަވެރި ހަބަރެކެވެ. ރައީސް ޔާމީންގެ ކިޔަވައިދިނުމުގެ ސިޔާސަތުގެ ސަބަބުން އެތައް މަންމަ އަކާއި ބައްޕައަކު ވަނީ ފެންކަޅި ކޮށްލާފައެވެ. އެތައް ބަޔަކު ގިސްލެވި ރޮވޭގޮތްވިއެވެ.
ހުޅުމާލޭ ދެވަނަ ފޭސްގެ ދަށުން ހިއްކާފައިވަ ބިމުގައި އެންމެނަށް ހިޔާ ޔަގީން ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ދަށްފެންވަރުގެ ކުދިން ނުވަތަ އެވްރޭޖް ފެންވަރުގެ ކުދިންވެސް ބޭރުގެ ޔުނިވާސިޓީތަކަށް މަތީ ތައުލީމަށް ފޮނުވަން ބޭނުންފުޅު ނުވާކަމަށެވެ.
"އާދައިގެ ފެންވަރެއްގެ ކުދިން އުފައްދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަދި އަމުދުން ބޭރުގެ ޔުނިވާސިޓީތަކަށް ދާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ ދަށް ފެންވަރުގެ ކުދިން ނޫނީ އެވްރެޖް ފެންވަރުގެ ކުދިން ފޮނުވާކަށް ބޭނުމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެން ނަމަވެސް މަންމައިންނާއި ބައްޕަމެންގެ އިހްސާސްތައް ހުރީ މުޅިން ތަފާތުކޮށެވެ. ގިނަ މައިންބަފައިން ބޭނުންވަނީ ދަށްފެންވަރުގެ ކުދިން ނުވަތަ އެވްރޭޖް ކުދިންނަށް ކިޔަވައިދިނުމަށް ސަރުކާރުން އިތުރު ހިތްވަރެއް ލުމަށެވެ. އެމީހުން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް އަޅައިދިނުމަށެވެ.
ބެލެނިވެރިން ބުނާ ގޮތުގައި މަތީފެންވަރުގެ ވަނަތައް ލިބިގެން ކިޔަވަން ބޭނުންވާ ކުއްޖާއަށް އެތައް ފުރުސަތެއް އޮންނަ ކަމަށެވެ. އަދި އެފަދަ ކުދިންނަށް ސަރުކާރުގެ ލޯނު ސުކީމެއް ނުވަތަ ސްކޯލާޝިޕެއް ލިބެއެވެ. އެހެން ނަމަވެސް ދަށްފެންވަރުގެ ކުދިންނަކީ މިފަދަ ފުރުސަތުތައް ނުލިބި ބާކީވާ ކުދިންނެވެ. އެހެންކަމުން މިފަދަ ކުދިންވެސް ބާކީ ނުކޮށް މަތީފެންވަރަށް ކިޔެވޭނެ ފުރުސަތު ދައުލަތުން ލިބިގެން ދިއުމަކީ ބެލެނިވެރިންގެ އުއްމީދެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެވިދާޅުވަނީ މަތީ ސާނަވީ ނުވަތަ ސާނަވީގައި މަތީ މާކްސް ނުލިބޭ ކުދިންނަށް ރާއްޖޭން ބޭރުން ކިޔަވައިދެވެން ނެތް ކަމަށެވެ. ސަރުކާރުން ބޭނުންވަނީ މަތީ މާކްސް ހޯދާ ފަރާތްތަކަށް ކިޔަވައިދިނުމަށް ކަމަށެވެ. އެހެން ނަމަވެސް ދުނިޔެވީ ހަގީގަތަކީ ސާނަވީ ތައުލީމުން ރަނގަޅު ނަތީޖާ ހޯދާ ކޮންމެ ކުއްޖަކީ މޮޅު އިލްމީ ކުއްޖަކަށް ނުވުމެވެ.
ސާނަވީ އިމްތިހާނުން ފާސްނުވާ އެތައް ކުދިންނަށް ބުރަ މަސައްކަތާއި ހިތްވަރުން ރަނގަޅު ނަތީޖާ ވަނީ ނެރެފައެވެ. އެހެން ކަމުން ޓެކްނިކަލް ގޮތުން ކޮން ދިރާސާއެއްގެ މައްޗަށް ބިނާކޮށް ރައީސް ވިދާޅުވި ބަސްފުޅެއް ކަމެއް ސީދާ ސާފެއް ނުވެއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭން ބޭރަށް ފޮނުވާ ކުދިންގެ ފަރާތުން ރަންވަނަތައް ބޭނުންވާނެ ކަމަށެވެ. އަދި ދަށްފެންވަރުގެ ކުދިން މައިންބަފައިން ލޯނު ނަގައިގެން ބޭރަށް ފޮނުވީމަ ވަކި ހިސާބަކުން ކިޔެވުން ހުއްޓަލާފަ އަންނަ ކަމަށެވެ. އެހެން ނަމަވެސް ކިޔެވުން ހުއްޓަލާފަ އަންނަ ކުދިންގެ ނިސްބަތެއް އެއްވެސް ހިސާބެއް ރައީސް ވިދާޅުވެދެއްވާފައެއް ނުވެއެވެ.
ދެން ބުނެލަން އޮތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ފަދައިން "ރައްޔިތުންނަށް ލޯނު ނަގައިގެން ދަރިން ބޭރަށް ކިޔަވަން ފޮނުވަން އޯކޭ" ކަމަށެވެ. އަދި ކިޔަވަން ފޮނުވާ ކުއްޖާ ވަކި ހިސާބަކުން ކިޔެވުން ހުއްޓަލާފައި އަޔަސް "އޯކޭ" ކަމަށެވެ. ހަމައެކަނި ރައްޔިތު މީހާ ދަރަނިވެރިވަނީ ދަރިން ކިޔަވަން ފޮނުވައިގެން ނޫނެވެ.
ދިވެހި ކޮންމެ ރައްޔިތަކީ ދައުލަތުން ނަގާ ދަރަނީގެ ޒިންމާ ނަގަން ޖެހޭ މީހެކެވެ. ރާއްޖޭގެ އެންމެން ދަރުވާލާފައި، މާލޭގައި ބްރިޖް އަޅަން ސަރުކާރަށް "އޯކޭ" ވާއިރު، ރައްޔިތުންގެ ތެރެއިން ދަށްފެންވަރުގެ ކުދިންނަށް މަތީ ތައުލީމު ދިނުމަށް ސަރުކާރުން ހަރަދު ކުރަން ރައްޔިތުން މާ ބޮޑަށް "އޯކޭ" އެވެ. އެހެންކަމުން ދަށް ފެންވަރުގެ ކުދިންނަށް ވެސް އެކުދިންނާ ގުޅޭ މަތީ ތައުލީމެއް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލަދިނުން މުހިންމެވެ.
ދަށްފެންވަރުގެ ކުދިންނަށް ސަރުކާރުން ކިޔަވައިދޭން ރައްޔިތުން މާބޮޑަށް "އޯކޭ"!؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ