އައްޑޫއަށް ގޮސް ވޯޓުދޭށޭ ބުނަން ޔާމީނު ލަދުގަންނަން ޖެހޭ: ގާސިމް

އައްޑޫ ރައްޔިތުން ކައިރިއަށް ގޮސް ވޯޓު ދޭށޭ ބުނަން ރައީސް ޔާމީން ލަދުގަންނަން ޖެހޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ހިތަދޫގައި އިއްތިހާދުން ބޭއްވި ޚާއްސަ ޖަލްސާގައި ވީޑިއޯ ލިންކެއް މެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އައްޑޫ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.
އައްޑޫ ރައްޔިތުންނަކީ ޔާމީނުގެ ވެރިކަމުގެ ހިތިރަހަ ވަރަށް ބޮޑަށް ތަޖުރިބާކުރަމުން ގެންދާ ބައެއްކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ، ހިތަދޫ މީޙުންގެ ގަޔަށް ވެކްސިން ޖަހަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި، މިބާވަތުގެ އިހާނެތި ހަޑިހުތުރު ބަސްތައް ޔާމީން ބޭނުންކުރައްވަނީ ރައްޔިތުންގެ ތާއީދު ނެތުމުން ކަމަށެވެ.
އަނިޔާވެރިކަމާއި، ނާއިންސާފާއި، ގާނޫނީ އެއްވެސް ހަމައެއްލަމައެއް ނެތުމުންނާއި، ދުސްތޫރީ ހަމަތަކުގެ ބޭރުން ގައުމުގެ ހުރިހާ މުވައްސަސާތަކަށް ފޯރުވަމުންދާ ނުފޫޒުގެ ސަބަބުން ރައްޔިތުން ޔާމީނަށް ތާއީދުކުރާނީ ކިހިނެއްތޯ ގާސިމް ސުވާލު ކުރައްވާފައި ވެއެވެ. ގައުމަށް ވަމުންދާ ޚިޔާނާއި، ދައުލަތުގެ ބަޖެޓުން ގެއްލެމުންދާ ފައިސާއާއި، ޕްރޮޖެކްޓްތައް ހިންގާއިރު ކަންތައްތައް ވަމުންދާގޮތް ރައްޔިތުންނަށް އެނގޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އައްޑޫ އަތޮޅަށް ނިސްބަތްވެވަޑައި ގަންނަވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ޖަލަށްލައި، އައްޑޫއަށް ނިސްބަތްވާ ތައުލީމީ އެތައް ބޭފުޅުން ޖަލަށް ލައްވައިގެން ހުންނަވައި، އައްޑޫ ރައްޔިތުން ގާތަށްގޮސް ވޯޓްދޭން އެދެން ރައީސް ޔާމީން ލަނުގަނެތޯ، ގާސިމް ސުވާލު ކުރައްވާފައި ވެއެވެ.
ގާސިމް ވިދާޅުވީ، ޔާމީން ހިންގަވާފައިވާ ކުށްތަކަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައި ގަންނަވާއިރުވެސް މުވައްސަސާތަކުން އެމައްސަލަ ތަހުގީގު ނުކުރާތީ ސުވާލު އުފެދޭ ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަން ވަބާ އެއްގެ ގޮތުގައި ސިފަކުރައްވައި އެކަމުން ސަލާމަތްވާން އެބަޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިވަބާއިން މިންޖުވުމަށް އޮތް މަގަކީ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހަށް ސެޕްޓެމްބަރު ތޭވީހުގައި ރައްޔިތުން ވޯޓު ދިނުން ކަމަށެވެ.
"އަޅުގަނޑު ތަފްސީލް ނުދިނަސް، ރައީސް ޔާމީން ރައްޔިތުންނަށް ވަމުންދާ ބޭއިންސާފާއި، ކުރަމުންގެންދާ ނާޖާއިޒް ކަންތައްތައް މިއީ އެއްވެސް މީހަކަށް އޮޅިފައޮތް ކަމެއްނޫން. މިއަނިޔާވެރިކަމާއި ކޮރަޕްޝަނުން އަޅުގަނޑުމެން މިންޖުވާން އެބަޖެހޭ. އިންސާފުގެ މަގަށް އެބަޖެހޭ ދާން. އިންސާފުގެ މަގަމަށް ދަތުރުކުރެވޭނީ، މިގައުމުގެ ރައްޔިތުންނަށް އިންސާފު ލިބޭނެގޮތެއް މެދުވެރިވެގެންދާނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ އިންސާފުވެރިކަމާއެކު ބެހިގެންދާނީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހްއަށް ވޯޓްދެއްވައިގެން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، 23 ސެޕްޓެމްބަރު ވޯޓަށްފަހު، ފަނޑިޔާރުންނާއި، އެހެންވެސް ބޭފުޅުން އެބޭފުޅުންނަށް މަޖުބޫރުން ކަންތައްތައް ކުރުވަމުންގެންދިޔަ ގޮތުގެ ވާހަކަތައް ވިދާޅުވެދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިމަހުގެ 23 ވަނަ ދުވަހުގެފަހުން ފަނޑިޔާރުންނާއި، ހުރިހާ ބޭފުޅުންވެސް އަމިއްލަފުޅަށް އެއްބަސްވާނެ އަދި ވިދާޅުވެސްވާނެ ކަންކަން މަޖުބޫރު ކުރުވި މީހުންނާއި، ކަންތައްތައް ދިޔަގޮތް. ކިޔައިދޭނެ" ގާސިމް ވިދާޅުވިއެވެ.
ހިތަދޫ ޖޭޕީ ޖަގަހައިގައި ކުރިއަށްދިޔަ މިޖަލްސާގައި ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމްދީދީ އާއި، އައްޑޫގެ މޭޔަރު ސޯބެވެސް ބައިވެރިވެވަޑައިގަންނެވިއެވެ. މީގެ އިތުރުން އިސްލާހަށް ލޯބިކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުންވެސް މިޖަލްސާގައި ބައިވެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ