ކެމްޕޭން ދަތުރުތަކުގައި މުޅި ރާއްޖެއިންވެސް ފެނިވަޑައިގަންނަވަމުން ދަނީ ރައްޔިތުން މިވެރިކަން ބަދަލުކުރުމަށް ބޭނުންވެފައި ތިބި މިންވަރާއި އެމަންޒަރު ކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ފާދިއްޕޮޅަށް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގައި އެއަތޮޅުގެ ވެރިކަން ކުރާރަށް ނައިފަރަށް ވަޑައިގެން ރައްޔިތުންނާއި މުޅާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިފަރަކީ ގުޅިފައިވާ ޕާޓީތަކަށް ބޮޑު ތާޢީދެއް އޮތް ރަށަކަށް ވާއިރު އެރަށުގެ ވަރަސް ގިނަ ރައްޔިތުން ބަނދަރަށް ނުކުމެ ފައިސަލް ނަސީމަށާއި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ޓީމުގައި ހިމެނޭ ބޭފުޅުންނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ނައިފަރު އެމްޑީޕީ ޖަގަހައިގައި ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙަކީ ނަމޫނާ ބޭފުޅެއް ކަމަށެވެ. އަދި އެބޭފުޅާއަކީ ފާދިއްޕޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވުމާއިި އެކު އެކަންވެސް ފައިސަލް ފާހަގަކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ އެހެން ކަންކޮޅުތަކުންވެސް އެމަނިކުފާނަށް ފެނިވަަޑައިގެންނެވީ ރައްޔިތުން މިއަނިޔާވެރި ސަރުކާރަށް ނޫނެކޭ ބުނާ މަންޒަރު ކަމަށާއި ނައިފަރުންވެސް އެމަންޒަރު ފެނިގެން ހިނގައްޖެެ ކަމަށެވެ. މީގެ އިތުރުން ފައިސަލް ވިދާޅުވީ، މިސަރުކާރާއި މެދު ރައްޔިތުންގެ ޝަކުވާތައްވެސް ބޮޑު ކަމަށެވެ.
" އަޅުގަނޑުމެން ކޮންމެ ރަށަކަށް ދިޔުމުންވެސް ރައްޔިތުންގެ ޝަކުވާތައް މިދަނީ އޮހެމުން. ރައްޔިތުން މިދައްކަނީ އަޅާލުން ކުޑަ ވާހަކަ. އާދެ! އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ ކެނޑިޑޭޓު މިވަޑައިގަންނަވަނީ ތިޔަބޭފުޅުންނާއި ވަރަށް ކައިރިން." ނައިފަރުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ފައިސަލް ވިދާޅުވިއެވެ.
މުޅި ރާއްޖެއިންވެސް ފެންނަނީ ރައްޔިތުން ބަދަލަކަށް އެދި ތިބި މަންޒަރު: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ