ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި، ނަމަވެސް ކުރިއަށް އޮތީ އިތުރު ލުއިތައް

ޖުލައި މަހުގެ 14 ވަނަ ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު މިރޭ ވަނީ އިތުރު ކޮށްފައެވެ. ނަމަވެސް ޖުލައި މަހުގެ 01 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ.
އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ބަދަލަކީ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމުގައެވެ.
ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލަން ދަނީ ތައްޔާރު ވަމުންނެވެ. އެއާއި އެކު މިސަރަހައްދުގެ ގައުމުތަކުން ވެސް އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލާ ގައުމަކަށް ރާއްޖެ ވެގެން ދާނެއެވެ.
ބުދަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ސަރުކާރުން ތައްޔާރު ވަމުން ދިޔަ ނަމަވެސް އަދިވެސް މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުން ދަނީ ފެންނަމުންނެވެ. އެއްވެސް ކްލަސްޓާއަކާއި ގުޅުން ނެތް ބައެއް މީހުން ވެސް ދަނީ ފެންނަމުންނެވެ. އެހެންކަމުން އަދިވެސް މާލޭގައި އޮތް ނުރައްކާ ކުޑައެއް ނުވެއެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ