އޭޕްރީލް 10، ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބްރޯޑްކާސް ކުރި "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި، މީގެ ކުރިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ކުރައްވާފައިނުވާ، ބޮޑު އަދި ހައްސާސް ކަމެއް ރައީސް މުހައްމަަދު މުއިއްޒު ކުރެއްވި އެވެ.
އޭޕްރީލް 1، އިން އޭޕްރީލް 5، އަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ވާހަކަ ދައްކަވަމުން ކުއްލިއަކަށް އެމަނިކުފާނު ވިދާޅުވީ، އެ ދަތުރަށް އަމިއްލަ ވިޔަފާރިއަކުން ހަރަދު ކުރެއްވި ކަމަށެވެ.
"މި ދަތުރަށް އަޅުގަނޑުމެން ނުކުރަން މާބޮޑު ހަރަދެއް އިނގޭތޯ ސަރުކާރުންނެއް. ޕްރައިވެޓް ސެކްޓަރ ސްޕޮންސާޝިޕްގައި ހަމަ ގާތްގަނޑަކަށް މުޅި ދަތުރުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ،" އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު، އެ ދަތުރަށް ހަރަދު ކުރީ ކާކު ކަމެއް ރައީސް މުއިއްޒު ވިދާޅެއް ނުވެ އެވެ. ހަރަދު ކުރީ ކިތައް ރުފިޔާކަމެއް ވެސް ވިދާޅެއްނުވެ އެވެ. އެކަމަކު، އެ ވިދާޅުވާ އަމިއްލަ މީހަކު ހަރަދު ކުރެއްވީ ބޮޑު އަދަދެއް ކަން ޔަގީނެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ އިނގިރޭސިވިލާތު ދަތުރަށް ސަރުކާރުން ހަރަދު ކުރީ އެންމެ 153،689 ރުފިޔާ ކަމަށެވެ. އެއީ ބޮޑު ވަފުދަކާއެކު ރައީސް ކުރެއްވި ދަތުރެކެވެ. އެހެންކަމުން، އަމިއްލަ މީހާ ކުރި ހަރަދު ބޮޑުވާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
އޭގެ ފަހުން، މެއި 3، ގައި ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނަށް ހަރަދު ކުރި މީހާއަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވަނީ އެ މައުލޫމާތު ހާމަ ކުރަން ދެކޮޅު ހަދައިފަ އެވެ. ރައީސް ވިދާޅުވީ ފައިސާ ހަރަދު ކުރި ފަރާތުން، އޭނާއަކީ ކާކުކަން ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.
"އެ ބޭފުޅުން ބޭނުންފުޅެއް ނޫން އެ މައުލޫމާތު ހިއްސާކުރާކަށް،" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ދަތުރަށް ހަރަދު ކުރީ ކާކުކަން ހާމަ ކުރެއްވުމުގެ ބަދަލުގައި ރައީސް މުއިއްޒަށް މުހިންމުވީ، އެމަނިކުފާނަށް ހަރަދު ކުރި މީހާގެ މަސްލަހަތު ހިމާޔަތް ކުރުމެވެ.
ވެރިކަން ކުރުމުގެ މަސްއޫލިއްޔަތާއި އަމާނާތް ރައްޔިތުން ހަވާލު ކުރުމުން، އަމިއްލަ މީސްމީހުންގެ އަތުން ފައިސާ ނެގުން މުހިންމު ކަމަށް ރައީސްއަށް ފެނިވަޑައިގެންފި އެވެ. އަދި އެވަރުގެ ބޮޑު ހަރަދެއް އެމަނިކުފާނަށް ކުރީ ކާކުކަން ހާމަ ކުރަންޖެހޭ ކަމަށް ރައީސްއަށް ފެނިވަޑައިނުގަތެވެ.
ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ދެ ފުށް ފެންނަ ސަރުކާރެއް ހިންގުމެވެ. ސަރުކާރުން ކުރާ ހަރަދުތައް ހާމަ ކުރުމެވެ. ސަރުކާރު ތެރޭގައި ހިނގާ ކަންކަމާއި ނުހިނގާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނެވެ.
ހިންގަވާނީ ދެ ފުށް ފެންނަ ސަރުކާރެއް ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް އެތައް ފަހަރަކު ދެއްވައިފަ އެވެ. ވެރިކަމަށް ވަޑައިގެން މަސްދުވަސް ނުވަނީސް ރައީސް ވެވަޑައިގެންނެވި އަނެއް ވައުދަކީ އެއްވެސް ކަމެއް ނުފޮރުއްވާނެކަމުގެ ޔަގީންކަމެވެ.
"އަޅުގަނޑުގެ ޓީމު، ކެބިނެޓް އަދި އެސްއޯއީތަކުގެ އެމްޑީސް، ދެން ވެސް ތިއްބަވާ ވެރިން، އެ ބޭފުޅުން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި. އެ ނޫން ގޮތަކަށް މަސައްކަތެއް ނުކުރާނެ. އަޅުގަނޑަށް ހަމަ ޔަގީން. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދެ ފުށް ފެންނަ ގޮތަށް. އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލޫމާތު ހިއްސާ ކުރާނެ،" ޑިސެމްބަރު، 2023، ގައި ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވިތާ އަހަރެއްހާ ދުވަސް ފަހުން، އެމަނިކުފާނުގެ މަސައްކަތާމެދު އަމިއްލައަށް ހިތްހަމަޖެހިވަޑައިގެން، އެ ވާހަކަ ދެއްކެވި އެވެ.
"އާދެ، ޖުމްހޫރީ ދުވަހެއްގައި މިކަހަލަ ވާހަކަ ދެއްކޭނީ. ޖުމްހޫރީ ދުވަހެއްގައި، ރައްޔިތުން ހަވާލުކޮށްފައި އޮތް ޒިންމާއެއް ހަވާލުވެގެން ހުރި މީހާ ވީމަ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުންނަށްޓަކައި ކޮށްދެވެނީ ރަނގަޅަށްތޯ ދަންނަވާލުމަކީ، އަޅުގަނޑު ހިތުން ވަރަށް އައުލާކަން ބޮޑު ގޮތެއް. ވަރަށް ދެފުށް ފެންނަ ގޮތެއްގައި ނޫންތޯ މަސައްކަތް މި ކުރަނީ،" ނޮވެމްބަރު، 2024، ގައި ރައީސް ވިދާޅުވި އެވެ.
އެކަމަކު، އިނގިރޭސިވިލާތައް ކުރެއްވި ދަތުރަށް އަމިއްލަ މީހަކު ހަރަދު ކުރެއްވި ހިސާބުން ރައީސްގެ ސިޔާސަތު މުޅިން ބަދަލުވެއްޖެ އެވެ. އެހާ ހިސާބުން، ސަރުކާރު ހިންގާ ގޮތުގެ ދެ ފުށް ފެނުން އެއީ މުހިންމު ކަމަކަށް ނުވި އެވެ. އަދި ކަންކަން ވަންހަވާ ކުރުމަކީ ރަނގަޅު ގޮތް ކަމަށް ބަދަލުވެއްޖެ އެވެ.
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރާ މާއްދާގެ ނ. ގައި ބުނެފައި ވަނީ، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އަމިއްލަ މީހުންގެ އަތުން ސަރުކާރަށް ފައިސާ ހޯދުމަށް ވަކި ގޮތްތަކެއް ގާނޫނުގައި ނުވަތަ ގަވާއިދެއްގައި ވެސް ކަނޑައަޅާފައެއް ނުވެ އެވެ. ސަރުކާރުން އޭނާގެ މަސައްކަތަށް ދަތިކޮށްފާނެތީ ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ތަޖުރިބާކާރު ގާނޫނީ ވަކީލަކު ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ ސަލާން ޖަހައިގެން ފައިސާ ހޯދުމަކީ" ގާނޫނު ދަންނަ ސިފައެއް ނޫން ކަމަށެވެ.
އެގޮތަށް ފައިސާ ހޯދުމުން ނުކުންނަ ދެ މައްސަލައެއް ވަކީލު ފާހަގަ ކުރެއްވި އެވެ. އެއް ކަމަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރަން ރައީސްއަށް އޮތް މަސްއޫލިއްޔަތާ ހިލާފުވެވުނު ކަމަށް އުފެދޭ ސުވާލެވެ. ވަކި މީހެއްގެ އަތުން ފައިސާ ނެގުމުން، އޭނާއަށް ހާއްސަ ކަމެއް ދެވުނުތޯ އުފެދޭ ސުވާލެވެ.
"ކިހިނެއްތޯ އެންމެންގެ ހައްގުތައް ރައްކާތެރި ކުރާނީ ވަކި މީހަކަށް މިހާރު ވެސް ޕްރިފަރެންސެއް ދެވިފައި އޮތުމުން،" ވަކީލު ވިދާޅުވި އެވެ.
އަމިއްލަ މީހެއްގެ އަތުން ފައިސާ ނެގުމުގެ އަނެއް މައްސަލައަކީ، ވަކީލު ވިދާޅުވި ގޮތުގައި، ރައީސް އިނާޔަތެއް ނެންގެވުމެވެ. ގާނޫނުއަސާސީގެ 118 ވަނަ މާއްދާގައި ބުނެފައި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
"ވިޔަފާރިވެރިއަކު ދިން ފައިސާއެއް ނަމަ އެ ފައިސާއެއް ބަލަންޖެހޭނީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބުނު އިނާޔަތެއްގެ ގޮތުގައި،" އެ ވަކީލު ވިދާޅުވި އެވެ.
އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ވަކީލު ފާހަގަ ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ކަންތައް ކޮރަޕްޝަނުގެ ކުށަކަށް ފެތުމެވެ. ގާނޫނުލްއުގޫބާތުގެ 510. ވަނަ މާއްދާގެ ހ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި އޮންނަނީ، ދައުލަތުގެ މުވައްޒަފަކަށްވެހުރެ، އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް މަންފާއެއް ހޯދުމަށް އެދުމާއި ނުވަތަ އަމުރުކުރުމާ ނުވަތަ ބަލައިގަތުމާ ނުވަތަ ގަބޫލުކުރުމާ ނުވަތަ ބަލައިގަތުމަށް ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމަކީ ކުށެއް ކަމަށެވެ.
"ރައީސް ވަޑައިގެންނެވީ ރަސްމީ ދަތުރެއްގައި. އެކަމަށް ސަރުކާރުން އިއުތިރާޒެއް ނުކުރޭ. އެއާއެކު ރައީސުލްޖުމްހޫރިއްޔާ އެބަ އެއްބަސްވޭ އެ ރަސްމީ މަސްއޫލިއްޔަތު އަދާ ކުރަން އަމިއްލަ ފަރާތަކުން ފައިސާ ނެންގެވި ކަމަށް. އެހެންވީމަ މި ކުށުގެ އެއްބައި މި އޮތީ ގައިމު ވެސް ފުރިހަމަވެފަ. އަނެއް ބަޔަކީ ފައިސާ ނެގި މަގުސަދު ހޯދުން. އެކަން ކުރެވޭނީ ތަހުގީގަކުން،" ވަކީލު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވާންޖެހޭނީ ގައުމުގައި ހުންނެވި އެންމެ ނަޒާހަތްތެރި އިންސާނާއަށެވެ. އެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ އެއްވެސް ކަމެއް ހިނގުމަކީ މައްސަލައެކެވެ. ގާނޫނެއް އަދި ގަވާއިދެއްގައި ބަޔާންކޮށްފައި ނެތަސް، ރައީސްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ އެއްވެސް ކަމެއް ކުރުމަކީ ހެދޭ ގޯހެކެވެ.
އަމިއްލަ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހަރަދު ކުރެވޭ ނަމަ އަދި ރައީސްއަށް ހަރަދު ކުރާ މީހާ ދެނެނުގަނެވޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ދެކެ އެވެ.
"ރާއްޖޭގެ ގާނޫނުތަކާއި ގަވަނިން ސްޓްރަކްޗާތައް ހުންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ ވަރަށް ބާރުގަދަ ޝަހުސެއް. އެފަދަ ބޭފުޅަކަށް ފަންޑު ކުރަނީ ކޮން ފަރާތަކުންތޯ ނޭނގޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް. އެއް ކަމަކަށް ބަލާ ނަމަ ދެ ފުށް ފެންނަ ސަރުކާރެއް ހިންގުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ ވެސް ހިލާފު ކަމެއް،" ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކުރީގެ ޗެއާޕާސަން އިބްރާޙިމް ތައްޔިބު ވިދާޅުވި އެވެ.
ރައީސް ކުރެއްވީ ރަސްމީ ދަތުރެއްކަން ފާހަގަ ކުރައްވައި، ތައްޔިބު ވިދާޅުވީ، ރައީސް ކުރެއްވީ އަމިއްލަ ދަތުރެއް ނަމަވެސް ހަރަދު ކުރި ފަރާތްތަކާއި ހަރަދުގެ ފުރިހަމަ ތަފުސީލު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ.
"ރައީސްގެ ކެޕޭސިޓީއަކީ ވަރަށް ހާއްސަ ކެޕޭސިޓީއެއް. ޕްރައިވެޓް މީހެއްގެ ގޮތުގައި ނޫން ރައީސުލްޖުމްހޫރިއްޔާ އައިޑެންޓިފައި ކުރެވޭނީ. ހަގީގަތުގައި ޕްރައިވެޓް ދަތުރެއް ނަމަވެސް އެނގެންޖެހޭނެ އަމިއްލަ މީހަކު ހަރަދުކޮށްފި ނަމަ،" އޭނާ ވިދާޅުވި އެވެ.
އަމިއްލަ މީހަކު ރައީސުލްޖުމްހޫރިއްޔާއަށް ހަރަދު ކުރުމުގެ ފަހަތުގައި އޮންނާނެ ނިޔަތާމެދު ވެސް ތައްޔިބު ސުވާލު އުފެއްދި އެވެ. އަދި ވިދާޅުވީ، ކަންބޮޑުވުމަށް ޖަވާބު ދެއްވުމަކީ ރައީސްގެ ޒިންމާއެއް ކަމަށެވެ.
"ދެ ވަނަ ކަމަކަށް ފާހަގަކޮށްލެވޭ އަދަދެއްގެ ފައިސާ ޕްރައިވެޓް މީހަކު، ރައީސުލްޖުމްހޫރިއްޔާއަށް ހަރަދު ކުރާއިރު ހަރަދު ކުރާނީ ހަމަ ހެޔޮ ހިތުން އެއްވެސް ބަދަލެއް ނެތިތޯ އެއީ އުފެދޭނެ ކޮންސާނެއް. އެހެންވީމަ އެ ކޮންސާނަށް ރައީސުލްޖުމްހޫރިއްޔާ އެ ކޮންސާނަށް އެޑްރެސް ކުރުމަކީ ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެއީ ކޮން ފަރާތެއްކަން ހާމަކޮށް، ހަރަދު ކުރި އަދަދު ހާމަކޮށް، ކީއްވެގެން، ކިހިނެއްތޯ، ކޮން ކަހަލަ އެއްބަސްވުމަކުން ހިނގައިދިޔަ މުއާމަލާތެއްތޯ އެނގެންޖެހޭ،" ތައްޔިބު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެފައި އަމިއްލަ މީހެއްގެ ހަރަދުގައި ދަތުރެއް ދިޔުމަކީ ހަމަ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް. އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޖެހޭނެ ޖަވާބުދާރީވާން. ރައީސުލްޖުމްހޫރިއްޔާގެ ދަތުރަކަށް އަމިއްލަ ފަރާތަކުން ފަންޑު ލިބުނީމަ، އޭގެ ނޯންނާނެ މީހަކަށް އުފެއްދޭނެ ސުވާލެއް، އާންމުންގެ މަސްލަހަތު އެކަމުގައި ބޮޑުވާނީ."
ތައްޔިބު އިތުރަށް ވިދާޅުވީ، އަމިއްލަ ފަރާތެއްގެ އަތުން ފައިސާ ނެންގެވި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށެވެ.
"ވަރަށް ވަރަށް ބޮޑު ގޯހެއް މިއީ. ރައީސުލްޖުމްހޫރިއްޔާ ފައިސާ ނެގުން އަދި ފައިސާގެ ލިބުނު ފަރާތް ވަންހަނާ ކުރަން ކުރައްވާ މަސައްކަތުގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި. ރައްޔިތުންގެ މަޖިލީހުން ވެސް ރައީސުލްޖުމްހޫރިއްޔާ އެކައުންޓަބަލް ނުކުރެވޭ ކަމަށްވާ ނަމަަ މިއީ ކުރިއަށް އަންނަ ސަރުކާރުތަކަށް ވެސް މިފަދަ ކަންކަން ކުރަން ލިބޭނެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
އަމިއްލަ މީހެއްގެ އަތުން ފައިސާ ނެންގެވުމަށްފަހު އެކަމުގެ ތަފުސީލު ހާމަ ކުރައްވަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވުމުން އެހެން މައްސަލަތަކެއް ވެސް ހާމަވި އެވެ. އެއީ ރާއްޖޭގެ ޑިމޮކްރަސީ ޕްރެކްޓިސް ކުރެވޭ މިންވަރެވެ. އަމަލު ކުރަމުންދާ ނިޒާމުގެ މައްސަލަތަކާއި ބަލިކަށިކަމެވެ.
"ވެރިން ވެރިކަމަށް އަންނަނީ އަދި ވެރިކަމުގައި ދެމިތިބެނީ ވެސް ބޮޑެތި ފައިސާވެރިންގެ ފައިސާ އާއި ނުފޫޒު ބޭނުން ކޮށްގެން. އިންތިހާބު ބާއްވަނީ ޑިމޮކްރަސީ އޮތްކަން ރައްޔިތުންނަށް ދެއްކުމައްޓަކައި ނަމަކަށް. މިހެންވުމުގެ ސަބަބުން ވެރިކަމަށް އައުމަށްފަހު ވެސް މުޅި ދައުލަތް ހިންގަނީ ފައިސާވެެންނަށްޓަކައި އެފަރާތްތައް އިތުރަށް މުއްސަނދިކޮށް ނުފޫޒާއި ބާރު ހޯދައި ދެމެހެއްޓުމަށް،" އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ އިއުތިރާފުން މައްސަލަ ދުރުމިއަށް އެރި ނަމަވެސް، ވިޔަފާރިވެރިންނާއި ފައިސާވެރިންގެ ނުފޫޒުގައި ވެރިން ޖެހުމަކީ، ރާއްޖޭގެ ސަގާފަތް ކަމަށް ފޯމީ ވިދާޅުވި އެވެ.
"ހުޅުވާލެވިފައިވާ ސަރުކާރެއް ހިންގުމާއި ރައްޔިތުންގެ ބައިވެރިވުމާއި ޖަވާބުދާރީވުމުގެ ޑިމޮކްރަސީގެ އަސާސުތަކާއި ރީތި ސިފަތައް އެއްވެސް ސަރުކާރެއްގައި އެއްވެސް ވެރިޔަކު ހުރުމަތްތެރިކޮށް ނުހިތާ. ހައްތަހާވެސް މި ފެންނަނީ މައުލޫމާތު ނުދިނުމާއި ފޮރުވުމާއި އަދި ހެކި ނައްތާލައި ބޮޑެތި ފައިސާވެރިންގެ މަންފާ އާއި ލާބައަށްޓަކައި ވެރިން ވެރިކަންކުރާ ސަރުކާރުތައް،" އޭނާ ވިދާޅުވި އެވެ.
މިއީ ބައެއްގެ އަތުން ރައީސް މުއިއްޒު ފައިސާ ނެންގެވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އަހުމަދު ސިޔާމް (ސަން ސިޔާމް) އަތުން ވެސް ރައީސް ވަނީ ފައިސާ ނަންގަވައިފަ އެވެ. އަދި ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، ޗައިނާގެ ތިން ކުންފުންޏަކުން ވެސް ފައިސާ ނެންގެވި އެވެ. އެކަމަކު އެއީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނެވެ.
ސިޔާމް އަތުން އަދި ޗައިނާ ކުންފުނިތަކެއްގެ އަތުން ރައީސް މުއިއްޒު ފައިސާ ނެގިކަން ހާމަވީ، އެމަނިކުފާނުގެ މައްޗަށް ފުލުހުންގެ ފައިނޭންޝަންލ އިންޓެލިޖެންސް ޔުނިޓު އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހިންގި ބޮޑު ތަހުގީގަކުންނެވެ.
އެ ތަހުގީގު ރިޕޯޓު ވަނީ މީގެ ކުރިން ސޯޝަލް މީޑިއާއަށް ލީކުވެފަ އެވެ. އޭގެއިން އެނގޭ ގޮތުގައި ރައީސް މުއިއްޒުގެ އެކައުންޓަށް 19 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އޭގެ ތެރޭގައި ސިޔާމްގެ ކުންފުންޏަކުން ޖަމާކުރި އެއް މިލިއަން ރުފިޔާ ހިމެނެ އެވެ.
އެ ވާހަކަ މި ނޫހުގައި ރިޕޯޓު ކުރުމުން، ރައީސް މުއިއްޒުގެ ކެމްޕެއިނުގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވީ، އެ އެއް މިލިއަން ރުފިޔާއަކީ ސިޔާމް ދެއްވި ހަދިޔާއެއް ކަމަށެވެ.
"އެއީ ސަން ސިޔާމް ދެއްވި އެހީއެއް ކަމަށް ކެންޑިޑޭޓު ވިދާޅުވީ، ރޯ ހައުސްގެ ޑައުން ޕޭމަންޓު ދެއްކުމަށް ދަތިވެގެން [ދިން އެހީއެއް]،" ތޮލާލު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ އެކައުންޓަށް ޖަމާވި 19 މިލިއަން ރުފިޔާގެ ތެރެއިން ޗައިނާ ތިން ކުންފުންޏަކުން ވަދެފައިވާ 94،848 ޑޮލަރާއި 120،000ރ. އާއެކު ޖުމްލަ ޖަމާވި 1.4 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
ޗައިނާ ކުންްފުނިތަކުން ފައިސާ ނެންގެވި ކަމަށް ވެސް މުއިއްޒު އެއްބަސްވެވަޑައިގަންނަވަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައި ފަހުން އޭޕްރީލް، 2024، ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ ކުންފުނިތަކުން ލިބިވަޑައިގެންފައި ވަނީ ކުލި ފައިސާ ކަމަށެވެ.
"އަޅުގަނޑުގެ ރޯހައުސް ލިބުނު ދުވަހުން ފެށިގެން ކުއްޔަށް ނަގައިގެން ތިބި މީހުންގެ ރެންޓާ އެއްޗެހި ހުރި ރިޕޯޓެއް. ބޭރު ބަޔަކަށް ކުއްޔަށް ދީފައި ހުންނާނީ ތިރީގައި ހުރި ދެ އެޕާޓްމަންޓު. އެ ކުލި އޭގައި އެ ހުރީ،" ރައީސް ވިދާޅުވި އެވެ.
~~
ރައީސުލްޖުމްހޫރިއްޔާ މުއިއްޒު އެ ހުންނެވީ ވަރަށް ބޮޑު ގޯހެއް ހައްދަވައިގެންނެވެ. އެމަނިކުފާނުގެ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ހަރަދު ކުރި މީހާ ރައްޔިތުންނަށް ސާފުވާންޖެހެ އެވެ. ހަރަދު ކުރި އަދަދު ވެސް އެނގެންޖެހެ އެވެ. އަދި އެމީހެއް ނުވަ ބައެއްގެ އަތުން ފައިސާ ނަންގަވަން ޖެހުނު ސަބަބާއި އެކަން ކުރި އުސޫލު އެނގުމަކީ ދިވެހިން ހައްގެކެވެ.
މިއީ، ސުވާލު އުފެދޭ ފަދަ ގޮތަކަށް ފައިސާ ނަންގަވައި ރައީސް މުއިއްޒު އެކަމަށް އިއުތިރާފުވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނު މިފަދަ ދަށު ދަރަޖައިގެ ކަމެއް ނުކުރައްވާނެ ކަން ޔަގީނެއް ނޫނެވެ. އެ ސަބަބަށްޓަކައި ވެސް، ރައްޔިތުންގެ މަޖިލީހުން ރައީސް ޖަވާބުރާދީ ކުރުވަންޖެހެ އެވެ.
ފައިސާ ނަންގަވާ ރައީސްގެ ނަޒާހަތްތެރިކަން ސުވާލެއްގެ ތެރޭގައި ފައިސާ ނަންގަވާ ރައީސްގެ ނަޒާހަތްތެރިކަން ސުވާލެއްގެ ތެރޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ