އާމިރު ފިލްމު ޑައިރެކްޓް ކުރަން ފަށައިފިނަމަ އެކްޓިން ދާއިރާއިން ގެއްލޭނެ
ފިލްމު "ތާރޭ ޒަމީން ޕަރު"އަށް ފަހު އިތުރު ފިލްމެއް ޑައިރެކްޓް ނުކުރަނީ ކީއްވެގެން ކަމާއި އަލުން ފިލްމު ޑައިރެކްޝަނަށް ނުކުމެއްޖެނަމަ ކަންތައްތައްވާނެ ގޮތާ ބެހޭގޮތުން އެކްޓަރު އާމިރު ޚާން ވާހަކަ ދައްކައިފިއެވެ. ޕިންކްވިލާއަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އާމިރު ވަނީ މިހާތަނަށް ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތް ނުކުރަނީ އެކްޓިންއާ މެދު ހިތުގައި އޮތް ލޯތްބެއްގެ ބޮޑު ކަމުން ކަމަށް ބުނެފައެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ބެލުންތެރިން ވެސް ގަބޫލުކުރާ ގޮތުގައި އާމިރަކީ ވަރަށް މޮޅު ހުނަރުވެރި އެކްޓަރެކެވެ. ހަމައެއާއެކު ފިލްމު އުފައްދާ މީހެއްގެ ހައިސިއްޔަތުން އާމިރަކީ ސިނަމާއަށް ވަރަށް އުފެއްދުންތެރި މޮޅު ކޮންޓެންޓް ގެނެސްދެވޭނެ ފަރާތެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ފިލްމު ޑައިރެކްޝަނަށް ނުކުތުމަށްފަހު މިހާތަނަށް އާމިރު ޚާން ޑައިރެކްޓްކުރި ހަމައެކަނި ފިލްމަކީ 2007 ވަނަ އަހަރު އެކްޓަރު މުހިއްމު ރޯލްއިން ފެނުނު "ތާރޭ ޒަމީން ޕަރު"އެވެ. އާމިރު ޕްރޮޑިއުސްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޖާނޭ ތޫ ޔާ ޖާނެ ނާ"ގެ ޕޯސްޓަރެއް--ފޮޓޯ/ވެރައިޓީ އެ އަހަރުގެ ފިލްމުފެއަގެ އެންމެ މޮޅު ފިލްމުގެ އެވޯޑު އެ ފިލްމު ހޯދިއިރު އާމިރު އިތުރު ފިލްމުތަކެއް ޑައިރެކްޓްކޮށް ގެނެސްދޭނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ފިލްމު ޑައިރެކްޓް ކުރުމާ ދުރުގައި ހުރީ އެކްޓު ކުރުމަށް ބޭނުންވާތީ ކަމަށް އާމިރު ބުނެފައިވެއެވެ. އާމިރު ބުނިގޮތުގައި ފިލްމު ޑައިރެކްޝަނަށް ނުކުމެއްޖެނަމަ އެކްޓިންއާ ދުރަށް ދެވިދާނެ ކަމުގެ ބިރު އަބަދުވެސް އޭނާގެ ހިތުގައި އޮވެއެވެ. ފިލްމު ޑައިރެކްޓްކޮށް ފިލްމު އުފެއްދުމުގެ މަސައްކަތުގައި މާބޮޑަށް މަޝްއޫލުވެ އުޅެންފަށައިފިނަމަ, އެކްޓިން މަތިން ފޫހިވެދާނެ ކަމަށާއި އޭނާއަކީ މިޒާޖުގެ ގޮތުންވެސް ކަމަކާ މެދު މާބޮޑަށް ފޫހިވެއްޖެނަމަ އެކަމެއް ކުރާހިތްނުވާ މީހެއް ކަމަށް އާމިރު ވަނީ ބުނެފައެވެ. ފިލްމު "ތާރޭ ޒަމީން ޕަރު" ވެސް އެއީ އާމިރު ޑައިރެކްޓް ކުރަން ކުރިން ނިންމި ފިލްމެއް ނޫން ކަމަށާއި ނަމަވެސް އެ ފިލްމު އުފެއްދުމުގެތެރޭ ދިމާވި ހާދިސާއަކާ ގުޅިގެން ޑައިރެކްޓަރުގެ ގޮނޑި ފުރަން ޖެހުނީ ކަމަށް އާމިރު ވަނީ ބުނެފައެވެ. ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތުގައި ނޫޅުނަސް އާމިރު ވަނީ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށް ބެލުންތެރިންނަށް ގެނެސްދީފައެވެ. އޭގެތެރޭގައި، ފިލްމު "ލަގާން"، "ޖާނެ ތޫ ޔާ ޖާނެ ނާ"، "ދޯބީ ގާތު"، "ތަލާޝް"، "ސީކްރެޓް ސުޕަސްޓާ"، "ލާޕަތާ ލޭޑީސް" އަދި މިދިޔަ ޖޫން މަހު ރިލީޒްކުރި ފިލްމު "ސިތާރޭ ޒަމީން ޕަރު" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ