ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ، ދެ މީހަކު ފިހިއްޖެ

ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި މިއަދު ރޯވެ، ދެ މީހަކު ފިހިއްޖެއެވެ. އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔާ ކޮމްޕޯނަންޓްގެ ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 09:41ގަައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެމްއެންޑީއެފުން ރޯވެފައިވާ ދޯންޏެއްގެ ފޮޓޯ ހިއްސާކޮށްފައިވާއިރު، އެ ދޯނި ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ މަންޒަރު ފެނެއެވެ. ވިލުފުށީ ކައުންސިލުން މެންބަރަކު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، އަލިފާން ރޯވީ ތެޔޮ އުފުލަން ބޭނުންކުރާ ދެ ދޯނީގައެވެ. https://x.com/MNDF_Official/status/1939912128309452833 އެ ހާދިސާގައި ދެ ދޯނީގެ ވެރިފަރާތާއި އޭނާގެ ދަށުން މަސައްކަތް ކުރާ ބިދޭސީ މީހާ ފިހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ މީހުންނަށް ފަރުވާދެމުން އަންނަނީ ވިލުފުށީ ސިއްހީ މަރުކަޒުގައި ކަމަށްވާއިރު، ފިހުނު މީހުންގެ ތެރެއިން ދިވެހި މީހާއަށް ބޮޑަށް ފިހިފައިވާ ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ. ނަމަވެސް އެ މީހުންނަށް އަދިވެސް ފަރުވާ ދެމުންދާތީ އަނިޔާއާ ގުޅޭ އިތުރު ތަފުސީލު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލް މެންބަރު ވިދާޅުވީ ދެ ދޯނީގައި ރޯވިއިރު، ތެޔޮ ބަރުކޮށްފައި ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަލިފާންގަނޑު ވަރަށް ބޮޑަށް ނިންވައިލެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އެހީއާއެކު އެމްއެންޑީއެފުން މިހާރު ދެ ދޯނި ބަނދަރުން ބޭރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ