ހުޅުމާލޭ ބީޗެވެ. ހުކުރު ދުވަހެއްގެ ހެނދުނެވެ. އިރުއެރި ވަޤުތެވެ. މޫދަށް އެރިލާފައި އަރައިގެން ގޮސް ގެސްޓްހައުސަށް ވަންނަން ބަލައިލިއިރު ކުރިމަތީގައި ހުރި މޭޒެއްގައި ކޮފީތަށްޓެއް ބޯން ޒުވާނަކު އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. މޫނަކީ އަލި މޫނެކެވެ. އެކަމަކު އެއްވެސް ދިރުމެއް ނެތެވެ.
އެއީ ކުށަކަސްވީނަމަވެސް މޭޒުކައިރީގައި ހުއްޓިފައި ބުނީމެވެ. "ވާހަކަދައްކާލަން ބޭނުމެވެ. އަހަރެންނަށް 15 ވަރަކަށް މިނިޓް އިންތިޒާރުކޮށްލައިދީފާނަން ހެއްޔެވެ؟" އޭނާ އެކަމަށް އެއްބަސްވުމުން ކޮޓަރިއަށްގޮސް ފެންވަރާލައިގެން އައިސް ކުރިމަތީގައި އިށީނދެ ވަނަވަރު އޮޅުންފިލުވީމެވެ.
ޒުވާނާއަކީ ރަނގަޅު ވަޒިފާއެއް އަދާކުރާ ޒުވާނެކެވެ. ރަނގަޅު މުސާރައެއްވެސް ލިބެއެވެ. ދިރިއުޅެނީ ކުލީ ކޮޓަރިއެއްގައެވެ. ކައިވެނިކުރާނެ ރަނގަޅު އަންހެނަކު ނުލިބިގެން އުޅެނީ އަމިއްލަ ގެދޮރު ނެތުމުންނެވެ. ބޮޑު ފްލެޓެއް ކުއްޔަށް ހިފައިގެން އަނބިމީހާ ގެންގުޅޭނެ ވަރަށް ތަނަވަސްކަން ނުލިބޭތީއެވެ.
ނަމާދުތައް ބަރާބަރަށް ކުރެއެވެ. އެދުވަހުވެސް އައިސް އިނީ ފަތިސްނަމާދުން ފައިބައިގެންނެވެ. އެހެން މީހުން އުފަލުގައި އުޅޭތަން ދެކެލައި އެކަމުން ހިތްހަމަޖެހުން ހޯދުމަށެވެ. އެހެން އިންނައިރު ލޯބިން އެކުގައި އުޅޭ ޢާއިލާތަށް ފެނުމުން އެމީހުންނަށްޓަކާ ހެޔޮދުޢާކުރެއެވެ.
އަޅުގަނޑު ބުނީމެވެ. "އަހުރެން ފަލައެވެ. ސިފަވެސް އެހައި ރީތިނޫންކަންވެސް އެނގެއެވެ. ދިރިއުޅޭނެ ތަނަކަށް ވިސްނާނެ ކަމެއް ނެތެވެ. މިސިފައިގައި އަހުރެން ޤަބޫލުކުރާނެ ނަމަ ކައިވެނިކުރަންވީއެވެ. އެކަމަކު ﷲ ގަންދީ ހުވާކުރަންވާނެއެވެ. އަހުރެން ދެކެ ފަހުން ފޫހިވެ ނިކަމެތި ނުކުރާނެ ކަމަށެވެ."
އިރުކޮޅަކު ވިސްނާލަން އިނދެފައި ބުންޏެވެ. "ވިސްނައިމިލީ ތިބާގެ ސިފައަކަށް ނޫނެވެ. އަހުރެންނަށް ރޭގައި ފެނުނު ހުވަފެނާއި މެދުގައެވެ. ހުވަފެނުގައި ފެނުނީ މިސަރަޙައްދުން ބައްދަލުވި އަންހެނަކު އަހުރެންގެ ފުރަގަހުން ބައްދާފައި ދޫނުކޮށްގެން އުޅެންޖެހުނުތަނެވެ. އަޞްލު މިތަނަށް އައިސް މިއިނދެވުނީވެސް އެހުވަފެނުގެ ސަބަބުންނެވެ."
ކޮންމެއަކަސް އެބައްދަލުވުން ވެގެންދިއައީ ފެށުމަކަށެވެ. ދެން އައީ ފޯނުން ވާހަކަދައްކަމުންނެވެ. ބައްދަލުކުރަނީ ކޮންމެ ހުކުރު ދުވަހަކު ހެނދުނު އެތަނުގައެވެ. އެންމެ ބޮޑަށް ޙައިރާންވެވުނު އެއްކަމަކީ އަޅުގަނޑުގެ ގެދޮރާއި ތަނަވަސްކަމާއިބެހޭ ގޮތުން ސުވާލުވެސް ނުކުރާތީއެވެ. އެގޮތަށް ދުވަސްކޮޅަކު އުޅެފައި ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން ދިރިއުޅެން ފެށީ މައިންބަފައިންގެ ގެއިން އަޅުގަނޑަށް ދީފައިވާ ފްލެޓެއްގައެވެ. ކައިވެންޏަށް މިހާރު 7 އަހަރު ވެއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން މިދަނީ ހަމަ ވަރަށް އުފަލުގައެވެ.
ދެން މިކިޔައިދެނީ އެންމެ މުހިންމު ބައެވެ. ކޮންމެ ބުރާސްފަތި ދުވަހަކު ހަވީރު މަސައްކަތް ނިމުނީމާ އެގެސްޓްހައުސްއަށް ގޮސް ކޮޓަރިއެއް ހިފައިގެން ހުންނަން ފެށީ ކޮންމެހެން ފައިސާ ގިނަވެގެން އިސްރާފްކުރާކަށް ނޫނެވެ. ހަމަ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ.
3 މީހުން ދެކެ ލޯބިވެވުނެވެ. އެ 3 މީހުންވެސް އަޅުގަނޑާއި ކައިވެނިނުކުރީ އަޅުގަނޑު ފަލަވެފައި ސިފަ ހުތުރުކަމުންނެވެ. އެމީހުންގެ ދުލުން ސިދާ އެގޮތަށް ނުބުނި ނަމަވެސް ޢަމަލުތަކުން އެކަން އެނގުނެވެ.
އަޅުގަނޑު އައީ ރޭއަޅުކަންކޮށް ދުޢާކުރަމުންނެވެ. ހެޔޮލަފާ ތަޤްވާވެރި ބައިވެރިއަކު ދެއްވެވުން އެދިގެންނެވެ. އެއްރޭ އަޅުގަނޑަށް ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި މާތް ސިފަހުރި މީހަކު ފެނުނެވެ. ހުޅުމާލޭގެ އެސަރަޙައްދުންނެވެ. އޭނާ ބުންޏެވެ. "ރަނގަޅު ބައިވެރިއަކު ލިބޭތޯ ގިނަވާނެ ކަމެއް ނެތެވެ. މިސަރަޙައްދުން ތިބާ ދެކެ ލޯބިވާނެ ހެޔޮލަފާ މީހަކާ ބައްދަލުވާނެއެވެ."
އަޅުގަނޑަކީ އެކުވެރިން ގެންގުޅޭ މީހެއް ނޫނެވެ. އެހެންވެ ނިންމީ ކޮންމެ ހުކުރު ދުވަހަކު އެސަރަޙައްދުގެ ގެސްޓްހައުސްއެއްގައި މަޑުކޮށްލައިގެން ހުރުމަށެވެ. އެއިރުން ގިނަވެގެން އުޅޭ އަންހެނެއްގެ ގޮތުގައި މީހުންނަށް ނުވިސްނޭނެ ކަމަށް ބަލައިގެންނެވެ.
އެޒުވާނާ އާއި ވާހަކަދައްކަން ހިތްވަރު ލިބުނު ގޮތަކީ އެޒުވާނާ ފެނުނު ވަޤުތު އޭނާގެ ފުރަގަހުގައި އެހުވަފެނުގައި ފެނުނު މީހާ ހުރިކަން ހިތަށް އިޙްޞާޞްކުރެވުނީތީއެވެ. އެޒުވާނާއަކީ އަޅުގަނޑު ގުޅެންވީ ޒުވާނާ ކަމަށް އެއީ ކިހިނަކުން މެދުވެރިވި ކަމެއްކަން ބުނެދޭކަށް ނުއެނގެއެވެ.
އަޅުގަނޑުގެ ވާހަކަ ވިދާޅުވާ ބައެއް ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކަ ޤަބޫލުކުރައްވަން އުނދަގޫވެދާނެއެވެ. ނަމަވެސް މިއީ މިކަންކަން ހިނގައިދިއަ ގޮތެވެ. އަޅުގަނޑުގެ ބޭނުމަކީ ސިފަ ހުތުރަސް އެކަމަށް ނުވިސްނައި ހެޔޮ ލަފާ ބައިވެރިއަކު ދެއްވެވުން އެދިގެން މަސައްކަތްކުރީމާ އެކަން ހިންމަވައި ދެއްވަވާނެ ކަމަށް ބުނުމެވެ.
- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އާދައާ ޚިލާފް ޙާދިސާއެއް!: ރަނގަޅު ބައިވެރިއަކު ލިބުން އެދި ދުޢާކުރަމުން ދިއަ އަންހެނަކަށާ ފިރިހެނަކަށް ހުވަފެނުގަ ފެނުނު ގޮތަށް ކަންތައް ކުރީމާ ބައްދަލުވެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ