މަޑުކޮށްގެން އޮތް ދެ ކާރެއްގައި ޖެހި ސިނަމާލެ ބްރިޖުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައިފި މަޑުކޮށްގެން އޮތް ދެ ކާރެއްގައި ޖެހި ސިނަމާލެ ބްރިޖުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އޮތް ދެ ކާރެއްގެ ފަހަތުގައި ސައިކަލުތަކަކުން ޖެހި ބްރިޖުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެކަކުގެ ފަލަމަސްގަނޑު ވަނީ ބިންދައިގެން ގޮސްފަ އެވެ. އަނިޔާވި އެންމެނަށް ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓު ހިނގާފައި ވަނީ ސައިކަލެއް މަޑު ކުރި ވަގުތު ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހި، ދެ ސައިކަލު އެއްކޮށް ކުރިމަތީ އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓު ހިނގައިގެން ޓްރެފިކް ހުއްޓިފައި އޮތް ވަގުތު، މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތަށް އެހެން ސައިކަލެއް އުރިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފަލަމަސްގަނޑު ބިނދުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ އެވެ.
"މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައި އޮތެވެ.
ރޭގެ އެކްސިޑެންޓުތައް ހިނގާފައި ވަނީ ގަޑިން 9:48 ހާއިރެވެ.
އެކްސިޑެންޓުތަކަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުން ނޫން ގޮތަށް އެންމެ ގިނަ ޒުވާނުން މަރުވާ އެއް ސަބަބެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރު، 2024، އާ ހަމައަށް ރާއްޖޭގައި ހިނގި އެކްސިޑެންޓުތަކުގައި 115 މީހަކު ވަނީ މަރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ވެސް އެންމެ ގިނައިން ފުލުސް އޮފީހަށް ހުށަހަޅާފައި ވަނީ އެކްސިޑެންޓުތަކުގެ މައްސަލަ އެވެ. އެކްސިޑެންޓުގެ 1103 މައްސަލަ މި އަހަރުގެ މިހާތަނަށް ވަނީ ހުށަހަޅައިފަ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ގިނަ އެކްސިޑެންޓުތައް ހިނގާ ސަބަބަކީ ބާރަށް ދުއްވުމެވެ. އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ ތެރޭގައި އުޅަނދު ދުއްވާ މީހުންނާއި މަގު ހިނގާ މީހުން ވެސް ހިމެނެ އެވެ. އެކްސިޑެންޓުތަކުގެ މައްސަލަ ހައްލު ކުރަން ވޯލްޑް ހެލްތު އޯގަނައިޒޭޝަނ ނުވަތަ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު "ނެޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން 2019-2023" ގެ ނަމުގައި ކަރުދާހެއް ވެސް ޝާއިއުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ