ވޮޝިންޓަންގައި ދިން ހަމަލާއެއްގައި އިސްރާއީލު އެމްބަސީގެ ދެ މުވައްޒަފަކު މަރާލައިފި
ވޮޝިންޓަން (22 މެއި 2025): އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ ޔަހޫދީ ދާރުލްއާސާރުގެ ކުރިމަތީގައި ދިން ބަޑީގެ ހަމަލާތަކެއްގައި އިސްރާއީލުގެ އެމްބަސީގެ ދެ މުވައްޒަފަކު މަރުވެއްޖެއެވެ. މިކަން ކަށަވަރު ކޮށްދެއްވަމުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާބެހޭ ވަޒީރު ކްރިސްޓީ ނިއޯމް ވިދާޅުވީ ވޮޝިންޓަންގައި ހުންނަ ޔަހޫދީ ދާރުލްއާސާރުގެ ކުރިމަތީގައި ގޮތްނޭނގޭ މީހަކު ރޭ ދިން ބަޑީގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވިކަމަށާއި މަރުވި ދެ މީހުންނަކީ އެމެރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީގެ ދެ މުވައްޒަފުންކަން ފަހުން ޔަގީން ވެފައިވާ ކަމުގައެވެ. ބަޑިން ހަމަލާދިން މީހާ އަތުލައިގަނެވުނުކަން ނުވަތަ ނޫންކަން ކްރިސްޓީ ނިއޯމް ހާމަކުރައްވާފައެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަޑީގެ ހަމަލާގައި މަރުވީ އިސްރާއީލު އެމްބަސީގައި މަސައްކަތްކުރާ އަންހެނަކާއި ފިރިހެނެކެވެ. މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ޔަހޫދީންނަށް ނަފުރަތު ކުރުމުގެ ގޮތުންނާއި ޔަހޫދީންނާ ޖައްސާލުމުގެ ގޮތުން ދިން (އެންޓި ސެމިޓިޒަމް) ހަމަލާއެއްކަމަށް ސިފަކުރައްވައި އިސްރާއީލަށް ތައުޒިޔާ ރައްދު ކުރައްވާފައެވެ. އަދި އާންމުން މެރުމަކީ ފިނޑި އަމަލެއްކަމަށްވެސް ޓްރަމްޕް ސިފަކުރެއްވިއެވެ. އިސްރާއީލުން ފަލަސްތީނުގައާއި ދުނިޔޭގެ އެކި ކަންކޮޅުގައި ހިންގަމުން ގެންދާ ސްޓޭޓް ޓެރަރިޒަމްގެ ޖަރީމާތަކާއި އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުތަކާއި ޣައްޒާގެ ނަސްލު ނަސްލު ނައްތާލުމަށް ޓަކައި ޣައްޒާގެ އާންމުން ބަނޑަށް ޖައްސަމުން ގެންދާތީ އެކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކާއި ފާޅުކުރާ ޝުއޫރުތައް އެމެރިކާއާއި ޔޫރަޕުން ސިފަކުރަނީ އެއީ ޔަހޫދީންނަށް ނަފްރަތު ކުރުމުގެ ގޮތުން ހިންގާ (އެންޓި ސެމިޓިޒަމް)ގެ އަމަލެއްގެ ގޮތުގައެވެ. ބޭނުމަކީ އިސްރާއީލާ އިދިކޮޅު އަޑުތައް ކަނޑުވާލައި އަނގަ ބަންދުކޮށްލުމެވެ. އިސްރާއީލާ ދެކޮޅަށް ޚިޔާލު ފާޅުކޮށްލުންވެސް އިސްރާއީލާއި ޔަހޫދީ ޓެރަރިޒަމް ސްޕޮންސާކުރާ އެމެރިކާއާއި ޔޫރަޕުން ސިފަކުރަނީ ޔަހޫދީންނާ ޖައްސާލުމުގެ އަމަލެއްގެ ގޮތުގައެވެ. ޔަހޫދީންނަށް ނަފްރަތު ކުރުމުގެ (އެންޓި ސެމިޓިޒަމް)ގެ އަމަލެއް ގޮތުގައެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެމެރިކާއާއި ޔޫރަޕްގައި އަސާސީ ހައްގެއްގެ ގޮތުގައި އޮންނަ ކަމެކެވެ. ނަމަވެސް ޚިޔާލު ފާޅު ކުރަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ނަމަ އެ މިނިވަންކަމެއް އެމެރިކާއާއި ޔޫރަޕްގައި ނޯވެއެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރާ މުޒާހަރާތައް ގެންދަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލައި މުޒާހަރާ ކުރާ ދަރިވަރުން ހައްޔަރު ކުރަމުންނެވެ. މީގެއިތުރުން މިފަދަ ދަރިވަރުން ޔުނިވާސިޓީތަކުން ވަކިކޮށް އަދި އެފަދަ ދަރިވަރުންނަށް ދީފައިވާ ސެޓްފިކެޓްތައް ކެންސަލްކުރުންފަދަ ހަރުކަށި އަމަލުތައްވެސް އެމެރިކާގެ ޔުނިވާސިޓީތަކުން ގެންްދަނީ ހިންގަމުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައިވެސް އިސްރާއީލާ ޖެހުނީމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހާލަތު އޮންނަނީ މިގޮތަށެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ އާންމުން މިހާރު މިގޮތަށް ބްލެކްމެއިން ނުކުރެވެއެވެ. އެންޓި ސެމިޓިޒަމްގެ ނަމުގައި އަނގަ ބަންދު ނުކުރެވެއެވެ. ޔޫރަޕާއި އެމެރިކާގެ އާންމުން ގެންދަނީ ތޮށިގަނޑު ފަޅާލާފައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ނުކުމެ ފާޅުގައި އިސްރާއީލާ ދެކޮޅަށް ބަސްބުނެ މުޒާހަރާތައް ކުރަމުންނެވެ. ހައްޔަރުކޮށް އަނިޔާކުރިނަމަވެސް އެކަމަށް ގޮންޖަހަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ