ފުޑް ސައިންސްވެރިޔާ ޑރ. ނާއިލާ: ނަމޫނާ ދެއްކެވީ ގޮތުގައި ހުންނަވައިގެން

ކެޑޭޓް ކަހަލަ ހަރަކާތަކުން ދަސްވާ ފިލާވަޅުތައް ބައެއް މީހުންގެ އަމިއްލަ ނަފުސު ވަރުގަދަކޮށްދެ އެވެ. އެއީ ތައުލީމީ ދައުރުގައި ކަމެއް ކޮށްލަން ބައިވެރިވި ހަރަކާތެއް ނޫންކަމާއި އެއީ ޒިންމާދާރު މީހަކަށް ތިމާ ހަދައިދޭން ކުރި ދަތުރެއްކަން ވެސް، ބައެއް މީހުންގެ ތަޖުރިބާއިން ސާފުވެ އެވެ. ޑރ. އައިޝަތު ނާއިލާއަކީ އެފަދަ ނަމޫނާއެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުގައި އޭނާއާ ހަވާލުވި ޒިންމާތައް ނެންގެވުމުގައި ނުފޫޒަށް، ޕްރެޝަރަށް ދީލައިނުލެއްވުނީ، ސްކޫލް ދައުރުގައި ކެޑޭޓް ހަރަކާތުން އޭނާ ދަސްކުރެއްވި އާދަތަކުގެ ސަބަބުންނެވެ.
މަތީ ތައުލީމު ހާސިލްކުރެއްވި ދާއިރާގެ ގޮތުން ނާއިލާގެ ގައުމީ ހިދުމަތުގެ ގިނަ އަހަރުތަކެއް ހޭދަކުރެއްވީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ފަރާތުން ޕްރެޝަރު އަތުވެދާނެ މަސައްކަތެއްގަ އެވެ. މިސާލަކަށް ޔޫރަޕަށް މަސް އެކްސްޕޯޓްކުރާ ފެކްޓަރީތައް، ދުނިޔޭގައި ކަނޑައަޅާފައި ހުރި ހަމަތަކަށް ފެތޭތޯ ކަށަވަރުކުރުމެވެ. މިސާލަކަށް މާލޭގައި ހުރި ހޮޓާ/ކެފޭ/ރެސްޓޯރަންޓްތަކުގެ ބަދިގެ ހުރީ ސާފުތާހިރުކަން ކަށަވަރުވާ ގޮތެއްގައިތޯ އާއި އެތަންތަނުގައި މަސައްކަތްކުރާ މީހުންގެ ސާފުތާހިރުކަމުގެ މިންގަނޑު ބެލުމެވެ. ފިޔަވަޅު އެޅުމެވެ. ގަވާއިދަށް ފެއްތުމެވެ.
"ކުޑަކޮށް އުނދަގޫވި ބައެއް ތަންތަނަށް ފިޔަވަޅު އަޅަން. ފިޔަވަޅު އެޅީމާ ގެންދަން ވެސް ގެންދިޔަ. އެކަމަކު އަޅުގަނޑު ބުނީ މިއޮތީއޭ ރެގިއުލޭޝަން. މިއާ ހިލާފު ވެއްޖެއްޔާ މިހެންނޭ ވާނީ،" މަސް ފެކްޓަރީތައް ޗެކްކުރުމުގައި ދިމާވި އުނދަގޫ ހާލަތެއްގެ ކުޑަ ތަފުސީލެއް ދެއްވަމުން ނާއިލާ ވިދާޅުވި އެވެ.
"[އެ] އެކްޝަން ނުނެގި ނަމަ [ރާއްޖޭގެ މަސް ޔޫރަޕަށް ބޭރުކުރުން] ބޭންކުރުން [މަނާކުރުން] ވެސް އެކަށީގެންވާ ކަމެއް. އެކަން [އިންސްޕެކްޝަން] ނިމުނީމާ އަޅުގަނޑު ކުޑަކޮށް އެއްކައިރިވިހެން ހީވި. އެއީ ފިޔަވަޅު އަޅަން ނުޖެހޭ ތަންތަނާ މެދު ފިޔަވަޅު އެޅުނީމާ ކަންނޭނގެ އެހެން ވަނީ."
އެކަމަކު ސަރުކާރު ތެރެއިން ނުވަތަ ފިޔަވަޅު އެޅި މަސް ކުންފުންޏެއްގެ ފަރާތުން ނަމަވެސް އަންނަ ނުފޫޒަށް ނުލެނބި، އޭނާގެ ގޮތުގައި ހުންނެވުމުގެ ހިތްވަރު ލިބިވަޑައިގަތީ، ނާއިލާގެ ވާހަކަތަކުން އެނގޭ ގޮތުގައި، ސްކޫލް ދައުރުގެ ކެޑޭޓް ހަރަކާތުގެ ސަބަބުންނެވެ.
"ވަރަށް ގިނަ އެއްޗެހި ދަސްވި. ގްރޭޑް 10 ނިމުނު އިރު އަޅުގަނޑަކީ އަންހެން ސްކޮޑްގެ ކޮމާންޑަރު. ތާޑް އިން ކޮމާންޑް. އެތަނުން އެނގުނީ ޑެސިޝަން މޭކިން އާއި އެކަހަލަ ތަފާތު ލައިފް ސްކިލްތަކެއް،" ނާއިލާ ވިދާޅުވި އެވެ.
ގދ. ފަރެސްއަށް އުފަން ނާއިލާ ގްރޭޑް 2-3އަށް ކިޔަވާވިދާޅުވީ މާފަންނު މަދަރުސާގަ އެވެ. ގްރޭޑް ހަތަރަކުން ފެށިގެން އޯ ލެވެލް ނިމެންދެން އެމްއީއެސްގަ އެވެ. އޭގެ ފަހުން އޭ ލެވެލް ހެއްދެވީ އޭރުގެ އެސްއީސީ މިހާރު ނަމަ ސީއެޗުއެސްއީގަ އެވެ.
އޭރު ވެސް އޭ ލެވެލްއަށް ފަހު ގނަ ދަރިވަރުން ބަލަނީ ފުލް ސްކޮލޮޝިޕެއްގައި ބޭރަށް ކިޔަވަންދެވޭތޯ އެވެ. އަމިއްލަ ހަރަދުގައި މަތީ ތައުލީމު ހާސިލްކުރަން ފޮނުވުމަކީ ވަރަށް މަދު ދަރިވަރެއްގެ އާއިލާއަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ނާއިލާއަށް ފުރުސަތު ހުޅުވުނީ ރާއްޖެއަށް ވެސް އާ ދާއިރާއަކުންނެވެ: ފުޑް ޓެކްނޮލޮޖީ އެވެ. ތައިލެންޑްގައި ހަތަރު އަހަރަށް ދެމިގެންދިޔަ ޑިގްރީ ޕްރޮގްރާމުން އޭނާ އުނގެނިވަޑައިގަތީ ކޯހަށް ވަޑައިގެންނެވި އިރު މާ ބޮޑު މައުލޫމާތެއް ނެތް އެކަމަކު ކިޔަވަން ފެށުމާ އެކު އެއީ ރާއްެޖެއަށް ވެސް ވަރަށް މުހިންމު ދާއިރާއަކުންނެވެ.
"އަޅުގަނޑަށް ވިސްނުނީ އެއީ ޑެއިލީ ރޫޓިން ކަމެކޭ ފުޑް އެއްޗެހި ޕްރޮސެސްކޮށްފައި ހުންނަނީ ކިހިނެއްކަން އެނގުމަކީ. އަޅުގަނޑުމެންގެ ގައުމަކީ [ގާތްގަނޑަކަށް]  100 ޕަސެންޓް އިމްޕޯޓް ގައުމަކަށް ބުންޏަސް ދޮގަކަށް ނުވާނެ ފުޑް އެއްޗެހި. އެހެންވީމާ އެގޮތަށް ވަރަށް މުހިންމު ފީލްޑަކަށް ވީ. [އެނގުނީ މިއީ] ރަނގަޅު ޗޮއިސްއެއް ކަން. ގަސްތަކު ނޫން އެކަމަކު އެއީ ރަނގަޅު ޗޮއިސްއެއް،" ނާއިލާ ވިދާޅުވި އެވެ.
ކިޔަވައި ނިމިގެން ވަޑައިގެން ގުޅިވަޑައިގަތީ އޭރު ހެލްތު މިނިސްޓްރީގެ ދަށުގައި ހުރި ޕަބްލިކް ހެލްތު ލެބޯޓަރީއާ އެވެ. ފަހުން ނެޝަނަލް ހެލްތު ލެބޯޓަރީ އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އުފެއްދީ ވެސް ފަހުންނެވެ. މިހާރު ނެޝަނަލް ލެބޯޓަރީ ހިންގަނީ އެމްއެފްޑީއޭގެ ދަށުންނެވެ.
ޔޫރަޕަށް ރާއްޖޭގެ ކަނޑުމަސް އެކްސްޕޯޓްކުރާ ކުންފުނިތަކުގެ ފެކްޓަރީތައް ހިންގަން ޖެހެނީ އީޔޫގެ އުސޫލުތަކުގެ ތެރޭގަ އެވެ. އެ އުސޫލުތައް ރަނގަޅަށް ދަމަހައްޓާތޯ ބެލުމަކީ އެމްއެފްޑީއޭގެ ޒިންމާއެކެވެ. އީޔޫގެ އުސޫލުތަކަށް ފެތޭ ގޮތަށް ފެކްޓަރީތައް ހަމަޔަކަށް އެޅުވުމުގެ ބައި ނިމި އަހަރުތަކެއް ފަހުން ނާއިލާ ނުކުންނެވީ ހޮޓާ/ކެފޭ/ރެސްޓޯރެންޓްތަކުގެ  ސާފުތާހިރުކަން ކަށަވަރުކުރުމުގެ މަސައްކަތަށެވެ. އެ ހާއްސަ އޮޕަރޭޝަން ހިންގީ 2007ގަ އެވެ. 
ވިޔަފާރިވެރިންގެ ޝަކުވާ އެހާ ބޮޑުވި އެވެ. ތިން މަސް ދުވަހުގެ މުއްދަތު ދިނުމަށް ފަހު ޓީމުތައް ނުކުމެ ބަދިގެތަކަށް ވަދެ ފޮޓޯ އާއި ވީޑިއޯ ވެސް ނެގި އެވެ. ފެނުނީ ގަބޫލުކުރަން ވެސް ދަތި މަންޒަރުތަކެވެ. މީގެ 18 އަހަރު ކުރީގެ ތަޖުރިބާތައް ނާއިލާ ކިޔައިދެއްވި އެވެ.
"ކޮންމެ ތަނަކަށް އެކްޝަން ނަގާއިރު މީޓިން ބާއްވާފައި ހުރިހާ ފޮޓޯތަކެއް ބަލައި. ބަލާއިރު ބައެއް ފަހަރަށް ހޮޑުލެވޭ [ހެން ހީވާތީ] ކަރަންފޫ ކާލަކާލާ އިންނަން ޖެހެނީ. ހަމަ އެހާ ސަކަރާތް،" ނާއިލާ ވިދާޅުވި އެވެ.
"ބައެއް ތަންތަނުގައި [މިސާލަކަށް] ބަޖިޔާ ބަހައްޓާފައި ހުންނައިރު މަކުނު ވާތަން ބައިވަރު. ބަދިގެ ތެރޭގައި [މުވައްޒަފުން] ނިދާފައި އެބަ ތިބޭ. [މޫނުން] ދާތަން ފޮހެލާފައި ފުށްގަނޑު މޮޑެލާ. އެތަންތަން ފެނިއްޖެއްޔާ އެއްވެސް ބޭފުޅަކު ނުވަންނާނެ ރެސްޓޯރެންޓް، ހޮޓާތަކަށް."
ސާފުތާހިރުކަން ކަށަވަރުކުރުމުގެ އެ އޮޕަރޭޝަންގައި މާލޭގެ ހޮޓާ/ކެފޭ/ރެސްޓޯރެންޓްގެ ގާތްގަނޑަކަަށް %50 ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ. ހުޅުވުމުގެ ހުއްދަ ދިނީ ކަންކަން ރަނގަޅުކުރުމުންނެވެ.
އާންމު ސިއްހަތުގެ ރައްކާތެރިކަމާ ގުޅޭ މިފަދަ ކަންކަމުގެ ތެރެއަށް ނާއިލާ ވެންނެވީ އޭނާ ކިޔަވާވިދާޅުވި ދާއިރާއިން ގައުމަށް ހިދުމަތެއް ކޮށްދެއްވުމުގެ ރޫހުގަ އެވެ. 
ފަހުން އޮސްޓްރޭލިޔާއިން މާސްޓާސް ޑިގްރީ އަދި ނިއު ޒީލެންޑުން ޕިއެޗު.ޑީ ހެއްދެވީ ވެސް ފުޑް ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އޭނާއަކީ ފުޑް ސައިންސްވެރިއެކެވެ.
އިލްމީ ގޮތުން އެހާ މަތީ ފެންވަރަކަށް ވަޑައިގަތުމާއި އުއްމީދުކުރައްވާ ގޮތަށް ގައުމުގެ ކަންކަން ކުރިއަށް ދިއުމާ، މިއީ ވަރަށް ތަފާތު ދެ ކަމެކެވެ. ނާއިލާ މުޅިން މާޔޫސް ނުވިޔަސް  ހިތްޕުޅުގައި ޝަކުވާ އުފެދޭ ކިތައްމެ ކަމެއް ތަޖުރިބާކުރެއްވި އެވެ. މިސާލަކަށް ނެޝަނަލް ލެބޯޓަރީ، އޭނާ ފަދަ ހިދުމަތްތެރިން އުއްމީދުކުރެއްވި ވަރާ ގާތަަށް ވެސް ތަރައްގީވި ކަމަކަށް ނުފެނެ އެވެ. މިހާރު ހެލްތު މިނިސްޓްރީ ހިންގާ 10 ބުރީގެ އިމާރާތަކީ ލެބޯރަޓަރީއަށް ފުރަތަމަ ހާއްސަކުރި ތަނެކެވެ. ނަމަވެސް އެތަނުގެ އެންމެ ދެ ބުރި ފިޔަވަައި މުޅި އިމާރާތް މިހާރު އޮތީ ހެލްތު މިނިސްޓްރީގެ އޮފީހަށް ބަދަލުވެފަ އެވެ.
ނާއިލާ ވިދާޅުވާ ގޮތުގައި އެއީ ކާނާގެ ރައްކާތެރިކަމާއި އެކަމާ ގުޅޭ ހޯދުންތަކާ މެދު ސިޔާސީ ވެރިންގެ ވިސްނުން މުޅިން ރަނގަޅު ނޫން ކަމުގެ މިސާލެކެވެ.
"އެ ބޭފުޅުންނަށް [ވެރިންނަށް] އަންޑަސްޓޭންޑިންނުވާ ވަރު ފުޑް ސޭފްޓީގެ މުހިންމުކަން. ނެޝަނަލް ހެލްތު ލެބޯޓަރީ [ތަރައްގީކޮށްފައި] ހުރި ނަމަ ބައިވަރު ލެބްތަކެއް ހުންނާނެ އެކްރެޑިޓްވެފައި ރަނގަޅަށް،" ނާއިލާ ވިދާޅުވި އެވެ.
"އެބައި ނެތީމާ ހުރިހާ އެއްޗެއް މި ޖެހެނީ ބޭރަށް ފޮނުވަން ބައިވަރު ލާރި ދީފައި ޓެސްޓްކުރަން."
ގައުމީ ސިއްހީ ކަންކަމަށް ބަލާއިރު ހަމައެކަނި ސަމާލުކަން ދޭންވީ، ނާއިލާގެ ނަޒަރުގައި، ޕަބްލިކް ހެލްތުގެ ބަޔަކަށް ނޫނެވެ. ޕަބްލިކް ހެލްތާއި ފުޑް ސޭފްޓީ އާއި ނެޝެނަލް ލެބޯޓަރީ ވާން ޖެހޭނީ އެއް ހަށިގަނޑަކަށެވެ. ނަމަވެސް އޭނާ ތަޖުރިބާކުރެއްވީ ރާއްޖޭގައި އެކަން އޮތީ އެހެން ނޫންކަމެވެ. ނާއިލާގެ ބަހުން ނަމަ އެމްއެފްޑީއޭއަކީ ހެލްތު މިނިސްޓްރީގެ ދަށުގައި އޮންނަ 'ދޮންދަރިއެކެ'ވެ.
"ފުޑް އެންޑް ޑްރަޓް އޮތޯރިޓީއަކީ ހަމަ ދޮންދަރިއެކޭ ބުނެވޭނީ. އެކަހަލަ ގޮތަކަށް އޮންނަނީ. އެމީހުންނަށް ފުޑްގެ މުހިންމުކަން ނޭނގޭތީ ކަންނޭނގެ ވަރަށް ދަށްކޮށްލާފައި، އެކަހަރިކޮށްފައި ހުންނަނީ،" ނާއިލާ ވިދާޅުވި އެވެ.
"ޕަބްލިކް ހެލްތު ހުރިހާ [ވެސް] ތަނަކީ. އެކަމަކު މިއީ [ގުޅިގެން] އެއްކޮށް ވޯކްކުރަން ޖެހޭ ތަންތަން. އެކަކާ ނުލައި އަނެކަކަށް ނޫޅެވޭ ދެ ތަން."
ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގެ ޒިންމާއިން ނާއިލާ ދުރަށް ވަޑައިގެންނެވިތާ ކިތައްމެ ދުވަހެކެވެ. އޭނާ ފަހުން މަސައްކަތްކުރެއްވީ ބައެއް ޕްރޮޖެކްޓްތަކުގަ އެވެ. ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގައި، އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުން ވެސް، އަހަރުތަކެއް ވަންދެން އުޅުއްވި އެވެ.
ފުޑް ސައިންސްވެރިއެއްގެ ގޮތުން ނާއިލާގެ ދިރާސާތައް ގިނަ އެވެ. ހާއްސަކޮށް ދިވެހިންގެ މުހިންމު ބާވަތެއް ކަމަށްވާ ރިހާކުރެވެ. ޕީއެޗު.ޑީގައި އޭނާގެ ހާއްސަ ބަޔަކަށް ހެއްދެވީ ރިހާކުރުގެ ދިރާސާއެކެވެ. ރިހާކުރު ކެއުމުން ބައެއް ފަހަރަށް އަނގަ ހިރުވާ ގޮތް ވުން ފަދަ އެލާޖިކް އަސަރުތައް ފެންނަނީ ކީއްވެގެންތޯ އެވެ.
ދިރާސާގެ ނަތީޖާ ވަރަށް ސާފެވެ: ރިހާކުރު ހަދަން ބޭނުންކުރާ މަސް މާ ގިނަ އިރު ވަންދެން ހޫނުގައި ބޭއްވުމެވެ. އޭގެ ސަބަބުން އޭގައި ޖަރާސީމު އުފެދުމެވެ. އޭގެ ބައެއް ޖަރާސީމުން އެލާޖިކްގެ އަސަރުތައް ހިމެނޭ މާއްދާތައް އުފަންވުމެވެ.
"މާ ގިނަ އިރު ވަންދެން ނޯމަލް ޓެމްޕްރޭޗާގައި [މަސް ބަހައްޓަނީ]. މިހާރު އަޅުގަނޑުމެން [ރާއްޖޭގައި ފިނިހޫނުމިން] މި ހުންނަނީ 30 ޑިގްރީގައި. މާ ގިނައިރު ހަތަރު ގަޑިއިރު، ހަ ގަޑިއިރު ވާއިރު އެއްކަލަ ޖަރާސީމު އިތުރުވާން ފަށާނެ. އެތަނުން އެއް ބެކްޓޭރިއާ ވެދާނެ ހިސްޓަމިން ޕްރޮޑިއުސްކުރާ އެއްޗަކަށް. އެ ކެމިކަލް މާއްދާ އުފައްދާ އެއްޗަކަށް. އޭތި ގިނަވީމާ ބައެއް މީހުން އެލާޖިކް ވަނީ އެކި ވަރަށް،" ނާއިލާ ވިދާޅުވި އެވެ.
މި ހޯދުމުގެ ވާހަކަ ރާއްޖޭގެ މީޑިއާގައި ތިލަވުމުން ގިނަ މީހުންނަށް ހީވީ ރިހާކުރަކީ ގޯސް އެއްޗެއް ކަމަށެވެ. ނަމަވެސް ނާއިލާގެ އެ ދިރާސާއިން ރިހާކުރުގެ ފައިދާ ވެސް ފެނުނެވެ. އޭގައި ހިމެނޭ މާއްދާތައް ވެސް ދެނެގަތެވެ.
ހެނދުނުގެ ކަސްރަތަށް ފަހު ރައްޓެހިންނާ އެކު ކެފޭތަކަށް ވަޑައިގެން ނާއިލާގެ ފުރަތަމަ ޗޮއިސްއަކަށް ވަނީ ވެސް ޑިސްކާއި ރިހާކުރެވެ. ދަންނަ ބައެއް މީހުން މަޖަލަކަށް ހަދާފައި ބުނެލަ އެވެ: ބަލަ، ރިހާ ކުރު ގޯހޭ ކިޔާފައި ތިޔަ ކަނީ ރިހާކުރެވެ.
"އަޅުގަނޑު ބުނީ ކާން ނުވާނެ އެއްޗެކޭ ނުބުނަމޭ އަޅުގަނޑެއް. އޯވަރޯލްކޮށް ރިހާކުރަކީ ފައިދާ ހުރި އެއްޗެއް. އޮމެގާ 3 އެބަހުރި. ޕްރޮޓީން ހައި. އެއީ ހަމަ އަޅުގަނޑުމެންނަށް ބްރެއިން ފުޑެކޭ ބުނެވޭނީ،" ނާއިލާ ވިދާޅުވި އެވެ.
އެމްއެންޔޫގައި އުޅުއްވި އިރު ހެއްދެވީ ރާއްޖެއަށް އެތެރެކުރާ މާމުއިއަކީ އަސްލުތޯ ނުވަތަ ގަޑުބަޑުކޮށްފައި ހުރި އެއްޗެއްތޯ އެވެ. ރާއްޖެއިން ލިބެން ހުރި 17 ބްރޭންޑެއްގެ މާމުއިގެ ސާމްޕަލްތައް ޖަރުމަނުގެ މަތީ ފެންވަރުގެ ލެބޯޓަރީއަކަށް ފޮނުވައިގެން ތަހުލީލުކުރި އެވެ. ނަތީޖާއިން ދެއްކީ އެންމެ ހަތަރު ބްރޭންޑް ފިޔަވައި ދެން ހުރި ހުރިހާ ބާވަތަކަށް ހަކުރު އަޅާފައި ހުރިކަމެވެ.
މާމުއިއަކީ މިހާރު ވެސް ބޭހެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ވާތީ އެގޮތަށް ހަކުރު އަޅާފައި ހުންނަ މާމުއި ބޭނުންކުރާ ބައެއް މީހުންނަށް މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު އޮވެ އެވެ.
އެކަމަކު ރިހާކުރާއި މާމުއިއާ ބެހޭ މި ދިރާސާތަކުގެ ބޭނުމެއް ރާއްޖޭގެ ރަސްމީ އިދާރާތަކުން ނުހިފަ އެވެ. ނާއިލާ ވިދާޅުވި ގޮތުގައި ޝައުގުވެރިކަން ފާޅުކުރީ މީޑިއާތަކުންނެވެ. ނަމަވެސް މިސާލަކަށް ރިހާކުރު ފުޅީގައި ރަނގަޅު ލޭބަލެއް ޖަހަން ބޭނުން ނަމަ ހުރިހާ މާއްދާތަކެއް އެނގޭ ވަރަށް އޭނާގެ ދިރާސާއިން މައުލޫމާތު ލިބުނެވެ. މާމުއިގެ މައްސަލާގައި ވެސް ފިޔަވަޅު އަޅަން ރަސްމީ އިދާރާތަކުން ބޭނުން ނަމަ އޭނާ ހުންނެވީ އެހީތެރިވާ ގޮތަށެވެ.
ދިވެހި އިލްމީ ބޭފުޅުންގެ ބޭނުން އެކި ސަރުކާރުތަކުން ހިފަނީ ރަނގަޅަށްތޯ ނުވަތަ އެފަދަ ބޭފުޅުން މާޔޫސްވެ ރާއްޖެ ދޫކޮށް ވަޑައިގަންނަވާނީތޯ، މިއީ ސުވާލުތަކެވެ. ނާއިލާ މިހާރު ދިރިއުޅުއްވަނީ ނިއު ޒީލެންޑްގަ އެވެ. އެކަމަކު އެހެން ގައުމެއްގައި ދިރިއުޅުއްވިޔަސް ރާއްޖެއަށް ހިދުމަތްކޮށްދެއްވޭނެކަމާއި މިހާރު ވެސް އެފަދަ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސިޔާސީ ވަޒީފާއެއް ބޭނުން ނަމަ އޭނާއަކީ ކޮންމެ ސަރުކާރަކަށް ވެސް މުހިންމު ބޭފުޅަކަށް ވެދާނެ އެވެ. ނަމަވެސް އޭނާގެ މިޒާޖު އެކަމަކަށް ތަނެއް ނުދެ އެވެ. ސަބަބަކީ އެއީ ކޮންމެ ކަމަކަށް 'އާދެ، އާދެ' ވިދާޅުވާނެ ބޭފުޅަކަށް ނުވުމެވެ.
ނާއިލާ ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތަކަށް ވަޑައިގަންނަވަން ދެ ފުރުސަތެއް ލިބިވަޑައިގަތެވެ.
"އަޅުގަނޑު ވިސްނަނީ ފީލްޑްގައި ކޮންޓްރިބިއުޓް ކުރެވޭނީ ކިހިނެއްތޯ. އަޅުގަނޑެއް ނުދާނެ ސިޔާސީ މަގާމެއް ލިބުނަސް އާދެ ކިޔާކަށެއް. ޕޮލިސީ އޮންނަ ގޮތަށް އަޅުގަނޑު މަސައްކަތްކުރާނީ. މިސާލަކަށް ތިޔަ ބޭފުޅާއަށް މަސައްކަތްކޮށްދިނީ ސިޔާސީ ކަމަކު. ދެން ސިޔާސީ ބެނެފިޓް ނަގަން މިވެނި ގޮތަކަށް ކަންތައް ކުރާށޭ ގަވާއިދާ ހިލާފަށް. ނުކުރާނެ އަޅުގަނޑެއް،" ނާއިލާ ވިދާޅުވި އެވެ.
"ރަނގަޅަށް ސިންސިއާކޮށް ތަނެއް ރަނގަޅުކޮށްދޭން އަޅުގަނޑު ކައިރީ ބުނެފިއްޔާ އަޅުގަނޑު ދާނަން."
އެކަމަކު ރާއްޖޭގައި އެފަދަ ތެދުވެރި ނިޔަތެއް ސިޔާސީ ގިނަ ލީޑަރުންގެ ކިބަޔަކުން ނުފެނެ އެވެ. އެހެންކަމުން ނާއިލާއަކީ ސިޔާސީ މަސްހުނިގަނޑުގެ ތެރެއަށް ވަންނަވަން ބޭނުންފުޅު ނޫން ދިވެހި އިލްމުވެރިންގެ ތެރެއިން އެކެކެވެ.
ނިއު ޒީލެންޑްގައި ދިރިއުޅުއްވިޔަސް ނާއިލާގެ ހިތް އޮތީ ރާއްޖޭގަ އެވެ. މިސާލަކަށް އޭނާގެ ފޭސްބުކް ޕޭޖްގެ މައިގަނޑު ފޮޓޯއިން ވެސް ފެންނަނީ ރާއްޖޭގެ ރީތި މަންޒަރެކެވެ. އޭނާ  ނިސްބަތްވަނީ ހެނދުނު ހެނދުނާ ކަސްރަތަށް ނުކުންނަ، ހެނދުނުގެ ހިތްގައިމު  ވަގުތުކޮޅުން ސިކުނޑިއަށް ދިރުން ގެންނަ މީހުންގެ ގްރޫޕަށެވެ.
ނާއިލާ ވިދާޅުވި ގޮތުގައި ނިއު ޒީލެންޑަށް ދިރިއުޅުން ބަދަލުކުރެއްވި ދުވަސްވަރު މޫދު ފެނިވަޑައިނުގަންނަވާތީ ސިކުނޑިއަށް އޭގެ ނުބައި އަސަރުކުރި އެވެ. ރާއްޖޭގެ ހިތްގައިމު މާހައުލު އޭނާއަށް އުނިވީ އެހާ ބޮޑަށެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާ ބެހޭ ގޮތުން އަޅުގަނޑު ސުވާލު ދެންނެވީމެވެ.
"ވަރަށް ބޮޑު ނިއުމަތެއް. ހަމަ އެޕްރިޝިއޭޓްކުރެވެނީ ރާއްޖެއިން ބޭރަށް ދިޔައިމާ. ކިތައްމެ އެހެން ކަހަލަ ނެޗުރަލް ބިއުޓީއެއް ނިއު ޒީލެންޑްގައި ހުއްޓަސް [ރާއްޖެއާ] އެއްވަރެއް ނުވާނެ،" ނާއިލާ ވިދާޅުވި އެވެ.
"އަޅުގނޑު ވަރަށް ބޮޑަށް ފާހަގަކުރެވޭ ނިއު ޒީލެންޑަށް ދިރިއުޅުން ބަދަލުކުރި އިރު މޫދު ނުފެނިގެން ހަމ ސްޓްރެސްވީ. އެހެންވެ އެނގުނީ މޫދު އަޅުގަނޑަށް ވަރަށް މުހިންމުކަން."
ހެނދުނު ކަސްރަތަށް ނުކުމެވަޑައިގަތުމުގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟
"ފަތިސް ނަމާދުކޮށްގެން އިރުއަރާ މަންޒަރު ބަލައިލުން ވަރަށް ހިތްހަމަޖެހޭ ކަމެއް. އެ ގަޑިއަކީ އައިޑިއާސްތައް މައިންޑަށް އަންނަ ވަގުތު. އިނޮވޭޓިވް ތިންކިން އައިސް، އެ ލިބޭ އައިޑާއިން ހުންނާނެ ރިސާޗްތައް ވެސް ހަދާފައި،" ނާއިލާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ