ދުންފަތުގެ ވިޔަފާރިތަކަށް އަނެއްކާ ވެސް ރައީސްގެ ބަހުގެ ހަމަލާއެއް ދުންފަތުގެ ވިޔަފާރިތަކަށް އަނެއްކާ ވެސް ރައީސްގެ ބަހުގެ ހަމަލާއެއް

އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ދުންފަތުގެ ވިޔަފާރި ރާއްޖޭގައި ހުއްޓާލަން ކަމަށް ވިދާޅުވެ، ދުންފަތް ވިއްކާ ކުންފުނިތަކަށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާ ވެސް ފާޑުވިދާޅުވެއްޖެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ބުދަ ދުވަހު ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުން އެމަނިކުފާނާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ.
"އެހެންވީމާ، އަޅުގަނޑާ ދޭތެރޭގައި މިކަމުގައި ހިތްހަމަނުޖެހޭ މީހުން އެބަތިބި. ހާއްސަކޮށް، ދުންފަތުގެ ތަކެތި ވިއްކާ ފަރާތްތައް. ވަރަށް ހިތްހަމަނުޖެހިފައި ތިބީ. އަޅުގަނޑަށް ފަރުވާލެއް ނެތް. މައްސަލައެއް ނެތް އެކަމުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ދުންފަތުގެ ވިޔަފާރި ރާއްޖޭގައި ހުއްޓުވައި، ރާއްޖޭގެ މުޅި އާބާދީ ދުންފަތާ ދުރު ކުރުވަން ކަމަށެވެ.
"އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާނީ، ހަމަ ތިޔަބޭފުޅުންނަށް ވެސް ރަނގަޅުގޮތަކީ މިއޭ. ތިޔަ ވިޔަފާރިން ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރިއަކަށް ބަދަލުވެލައްވާށޭ. މި ދުންފަތުގެ ވިޔަފާރިއަކީ، މި ގައުމުގައި، އަޅުގަނޑު ތަރުޙީބު ދޭނެ ވިޔަފާރިއެއް ނޫން. މިކަމުން ދުރުވީމާ، މި ފަސް ލައްކައެއްހާ އާބާދީ، މިކަމުން ސަލާމަތް ކުރެވުނީމާ އެއީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ގައުމަށް، އަޅުގަނޑުމެންގެ މުސްތަގުބަލަށް ކޮށްދެވޭ ވަރަށް ބޮޑު ކަމެއް،" ރައީސް ވިދާޅުވި އެވެ.
ދުންފަތާ ދެކޮޅަށް ފިޔަވަޅުން އަޅަން ކަމަށް ބުނެ ސަރުކާރުން ވަނީ ޑިސެމްބަރު، 2024، ގައި ވޭޕް މަނާކޮށްފަ އެވެ. އޭގެ ސަބަބުން ރާއްޖޭގައި ވަގު ސިނގިރޭޓުގެ ވިޔަފާރި ވަރަށް ބޮޑުވެފަ އެވެ. ވަގު ސިނގިރޭޓު އެތެރެ ކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑު އިތުރުވެފަ އެވެ.
ރެގިއުލޭޓު ކުރުމެއް ނެތި ވޭޕް މުޅިން މަނާ ކުރުމުން ނުކުންނަ ނަތީޖާ މާ ގޯސްވާނެ ކަމަށް ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ވެސް ވަނީ ބުނެފަ އެވެ. އަދި އޭގެ ސަބަބުން ސިނގިރޭޓު ބޭނުން ކުރާ މީހުން ގިނަވުމަކީ ނުކުންނާނެ އެންމެ ގޯސް ނަތީޖާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"އެއްވެސް ޝައްކެއް ނެތް، ވޭޕު މަނާކޮށްފިއްޔާ ދެން ބޭނުން ކުރަން ފަށާނީ ސިނގިރޭޓު. އެއީ ނުކުންނަން ބޭނުން ނުވާ އެންމެ ގޯސް ނަތީޖާ. އެއްވެސް ބާވަތެއް އެއްކޮށް މަނާ ކުރުމަކީ ހައްލެއް ނޫން. އަދި ދުންފަތާ ގުޅޭ އުސޫލުތައް އާ ޕްރޮޑަކްޓުތަކަށް [ހީޓިން ޓޮބޭކޯ ފަދަ] ކަނޑައެޅުމަކީ ވެސް ހައްލެއް ނޫން،" ދަ ކޯލިޝަން އޮފް އޭޝިޔާ ޕެސިފިކް ޓޮބޭކޯ ހާމް ރެޑަކްޝަން އެޑްވޮކޭޓްސް (ކަޕްރާ) އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ