ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާގެ ގޮތުގަހުރެ ފިރިމީހާ ޖަހައިގަންނަން ސިހުރު ހެއްދުވީމާ ޖިންނި ލަނޑުދީ އޭނާ ބޭޒާރުކޮށްލަދިން ގޮތުތުގެ ވާހަކަ-

ދެމަފިރިންގެ ކައިވެންޏަށް 4 ވަނަ އަހަރުގެ ރެއެކެވެ. ހަނދާންވާ ގޮތުން އެއިރު 5 ވަނަ އެންވާސަރީ ފާހަގަކުރަން ވަނީ ވަރަށް ކައިރިވެފައެވެ. ދެމަފިރިން ނިދީ އާދައިގެމަތިން އެކުގައެވެ.  
ކޮންމެވެސް އުނދަގުލެއްވާހެން ހީވެފައި ހޭލެވުމުން ގަޑިބަލައިލިއިރު 3 ޖަހަނީއެވެ. ފިރިމިހާއަށް ބަލައިލިއިރު ގަދައަށް ނިދާފައި އޮތެވެ. ސިއްސައިގެންދިއައީ ތެދުވެ އެނދުގައި އިށީނދެވުމުންނެވެ. އެނދުގެ ފައިލާކޮޅުގައި އަންހެނަކު އިށީނދެގެން އިނެވެ. އޭނާވެސް ދިއައީ ސިއްސައިގެންނެވެ. ސިއްސައިގެންގޮސްފައި މޫނު ފޮރުވަން މޫނު އަނބުރައިލިއެވެ. އަދި އެނދުން ތެދުވެގެން ހިނގައިގަތެވެ. ދެންވީ ގޮތެއް ނުއެނގުނެވެ. ގެއްލުނީއެވެ.  
ހިތްބިރުގަތެވެ. އެއީ މީހަކު ނަމަ އެގޮތަށް ނުގެއްލޭނެކަން އިޙްޞާޞްކުރެވުމުންނެވެ. އެކަމަކު އެކަން މާބޮޑު ކަމަކަށް ނުހަދަމެވެ. ޝައިޠޯނާ ދެއްކި ކަމެއް ކަމަށް ނިންމައި ފާޚާނާއަށް ވަދެ ތާހިރުވެލައި ވުޟޫކޮށްލައިގެން ނުކުމެ އާދައިގެމަތިން ދަމުނަމާދުކުރީއެވެ.  
ކޮންމެ ރެއަކުވެސް ފިރިމީހާ ހޭލައްވަނީ 3.30ގައެވެ. އެރޭވެސް ހޭއްލެއްވީ ހަމަ އެހައިއިރުއެވެ. ފިރިމީހާ ތެދުވެ އޭނާގެ އާދައިގެމަތިން ކޮޓަރީގައި ދަމުނަމާދުކޮށްލައިގެން ދިއައީ މިސްކިތަށެވެ.  
ހެނދުނު ސައިބޯން ތިބެގެން އެރޭ ފެނުނު ކަންތަކުގެ ވާހަކަ ފިރިމީހާއަށް ކިޔައިދިނުމުން ބުންޏެވެ. "އަހުރެންނަށްވެސް ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި ފެންނަ ކަންކަން ތެދުކުރާކަށްވެސް ނުވާނެއެވެ. އެކަމަކު ދޮގު ހަދާކަށް ބޭނުމެއް ނޫނެވެ. ކަލާގެ އެކުވެރި ސަޢީދާ އަހުރެންނާއި އޮﷲީހުން ބައްދަލުކުރިއެވެ. ކަލާ ވަރިކޮށް އޭނާއާއި ގުޅެން އެދުނެވެ. ޖަވާބުގައި ދުނިޔެއިން މޮޔަވީތޯ ސުވާލުކުރީމާ ދަމުން ބުނީ މޮޔަވީ ކާކުކަން ދައްކައިލާނެ ކަމަށެވެ." އެހިސާބުން ކުޑަކޮށް ހޭލެވުނެވެ. އަނެއްކާވެސް ނިދުނީއެވެ.  
އަޅުގަނޑަށް ބުނެވުނެވެ. "މިއީ ޝައިޠޯނާގެ ކޮންފަދަ ނުބައި ކުޅިގަނޑެއް ހެއްޔެވެ؟" އަދި މޫނުން ފެނުނުވަރުން އެއީ ސަޢީދާ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ބުނީމެވެ. އަދި ދެމީހުންވެސް ނިންމީ މިކަންކަމުގެ ވާހަކަ އެކެއްގެ ގާތުގައިވެސް ނުދައްކައި ތިބުމަށެވެ. އަދި މިކަމުގައި އެއްވެސް ޙަޤީޤަތެއްވާކަން އެނގޭނެ ގޮތެއް އޮތްތޯ މަސައްކަތްކުރުމަށެވެ.  
ކަމުގެ ޙަޤީޤަތް އެނގެން ލަސްތަކެއް ނުވެއެވެ. 2 ހަފްތާވެސް ނުވަނީސް ސަޢީދާ ގެއަށް އައިދުވަހަކު 3 މީހުން އެކުގައި ވާހަކަ ދައްކަން ތިބެފައި މައްޗަށް ކަޅިހުއްޓުނެވެ. ބުންޏެވެ. "މިހާރުވެސް ބުނިހާވަރަކަށް ރުފިޔާ އެބަދެމެވެ. ވީކަމެއް ނެތެވެ. އަދިވެސް ރުފިޔާދޭންވީ ހެއްޔެވެ؟ ދެން ރުފިޔާ ދޭނީ ދެމީހުން ވަރިކުރުވީމައެވެ."  
ފިރިމީހާ ތެދުވެގެންގޮސް ސަޢިދާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އިނީ ހަރުއަރާފައެވެ. ފިރިމީހާ ފެންތަށްޓެއް ހިފައިގެން އައިސް ކުރުސި އާއި އަލްޙަމްދު އަދި ފަލަޤް، ނާސް ހަތްފަހަރު ކިޔަވާފައި މޫނުގައި އުނގުޅައި ގަޔަށް ފެންބުރުވަން ފެށުމުން މަޑުމަޑުންގޮސް ހަމައަކަށް އެޅިއްޖެއެވެ.  
ރަނގަޅުވެ ހަމަޖެހިލައި ވާހަކަދައްކަން ފެށުމުން ސުވާލުކުރީމެވެ. "ސަޢީދާއަށް ވަރިނުކުރެވިގެން ތިއައުޅެނީ ކޮން ދެމަފިރިއެއް ހެއްޔެވެ؟ ސަޢީދާވެސް މިހާރު މީސްމީހުން ލައްވައި ސިޙުރު ހައްދުވަނީ ހެއްޔެވެ؟" ސުވާލުތައް ކުރުމުން ސަޢީދާގެ އެ ޒުވާން މޫނުގައި ރޫތައް ޖެހިގެން ދިއައެވެ. އިރުކޮޅަކުން ސުވާލުކުރިއެވެ. "ތިއައީ އަނެއްކާ ކާކު ދެއްކި ވާހަކައެއް ހެއްޔެވެ؟ އަހުރެމެންގެ މެދުގައި ފިތުނަ އުފައްދަން ތިއަ ބާވަތުގެ ވާހަކައެއް ދެއްކީ އަނެއްކާ ކާކުހެއްޔެވެ؟"  
އެހިސާބުން ފިރިމީހާ ރުޅިގަދަވިއެވެ. ބުންޏެވެ. "ސަޢީދާގެ ޙަޤީޤަތް މިހާރު މިއޮތީ ވަރަށް ރަނގަޅަށް އެނގިފައެވެ. ނިކަން ބުނެބަލާށެވެ. އަހަރެން ދުވަހަކުވެސް އަނބިމީހާ އާއިބެހޭ އެއްވެސް ވާހަކައެއް ދެއްކިން ހެއްޔެވެ؟ ނޫނީ ސަޢީދާ ދެކެ ލޯބިވާ ކަމަށް ދުވަހަކުވެސް ބުނިންހެއްޔެވެ؟ އަހަރެމެން ދެމަފިރިންގެ އެންމެ ގާތް އެކުވެރިއަކަށް ހެދިގެންހުރެ ތިއަކުރީ ކިހާ ނަޖިސް ކަމެއް ހެއްޔެވެ؟ ބުނަން ހެއްޔެވެ؟ އަވަހަށް ގޮސް މަންމަ އާއި ބައްޕައާ ދެމީހުން ވަރިކުރުވާފަ ބައްޕައާ ކައިވެނިކުރާށެވެ! ސާފުވެއްޖެ ނޫން ހެއްޔެވެ؟"  
ފިރިމީހާ އެހެން ބުނުމުން އަހުރެމެންނަށް ޙަޤީޤަތް އެނގިއްޖެކަން ވިސްނުމުން ތެދުވެގެން ދިއައީއެވެ. އެހިސާބުން ގުޅުން ކެނޑުނީއެވެ.  
ދެމަފިރިން ރުޤްޔާކުރީ އަމިއްލައަށެވެ. 40 ދުވަސްވަންދެން މަސައްކަތްކުރީމެވެ. އެއިގެ ފަހުން ދުވަހަކުވެސް އެބާވަތުގެ ކަމެއް މެދުވެރިއެއް ނުވެއެވެ. އެއިގެ ފަހުން މިހާރު 10 ވަރަކަށް އަހަރުވެދާނެއެވެ. ދެމަފިރިން ދިރިއުޅެމުން މިގެންދަނީ ހަމަ ވަރަށް އުފަލުގައެވެ.  
އަދި އެއްވާހަަކ ބުނެލާނަމެވެ. ފިރިމީހާ އެމައްސަލައިގައި ރުޤްޔާކުރާ މީހަކާއި މަޝްވަރާކުރިއެވެ. އޭނާ ބުނީ އެގޮތަށް އެކަންކަން މެދުވެރިވީ ސަޢީދާއަށް ސިޙުރު ހަދައިދިން ސިޙުރުވެރިޔާއަށް އޭނާ ގެންގުޅޭ ޖިންނި ލަނޑުދިނުމުން ކަމަށެވެ.  
ކޮންމެއަކަސް މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުމެންގެ މިތަޖުރިބާ ޙިއްޞާ މިކުރީ ހަމަ މިބާވަތުގެ ކަމެއް ދާދިފަހުން އަޅުގަނޑުމެންގެ ވަރަށް ގާތް އެކުވެރި ދެމަފިރިއަކަށް ކުރިމަތިވެފައިވާތީއެވެ. އެންމެ ގާތް އެކުވެރިން ކަމަށް ހެދިގެން ތިބެ މިބާވަތުގެ ނުބައި ކަންކަން ކުރަން ބިރުނުގަންނަ މީހުން ގިނަވާތީ އެކަމަށް ހޭލުންތެރިކުރުވުމަށެވެ.  
އަޅުގަނޑަކީ ދީނީ ޢިލްމްވެރިއެއް ނޫނެވެ. ނަމަވެސް އަމިއްލަ ތަޖުރިބާއަށް ބަލައި ނަޞޭޙަތުގެ ވާހަކައެއްވެސް ބުނެލާނަމެވެ. ދެމްފިރިންވެސް ރޭއަޅުކަންކުރާށެވެ! ދެމަފިރިން ދުރުކުރުވަން ޙަސަދަވެރިން ކުރާ ކަންކަމުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ
 
- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ