ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވީ ދެ ފަނޑިޔާރެއްގެ މަގާމެވެ. އެއީ ފަނޑިޔާރު ކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މި މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ.
ހުސްވި ދެ މަގާމަށް ކުރިމަތިލާން މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލީ މިއަދުގެ މެންދުރު 12 ޖަހަންދެނެވެ. މުއްދަތު ހަމަވިއިރު 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ފައިސަލް އާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.
ކުރީގެ ބައެއް ފަނޑިޔާރުން ވެސް ކުރިމަތިލެއްވި އެވެ. ކުރިމަތިލެއްވި ބޭފުޅުންނަކީ:
މުހައްމަދު ފައިސަލް، ވީނަސް/ބ. ފުޅަދޫ (ހައި ކޯޓުގެ އިސް ފަނޑިޔާރު)
މުހައްމަދު ވަހީދު އިބްރާހީމް، މއ. އައިވަރީހައުސް (ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު)
އިބްރާހީމް އަލީ، އަންމޮލް
މުހައްމަދު އިބްރާހީމް، ދާރުއްސަލާމް/ގއ. ކޮނޑޭ
އަބްދުﷲ ހަމީދު، ނޫރާނީމާގެ /ނ. ހެނބަދޫ (ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު)
އަބްދުއްގަނީ މުހައްމަދު، ހ. ހޯސްޓްސައިޑް (ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު)
އަހުމަދު ހައިލަމް، އޯޝަންލީޑް /ސ. ހިތަދޫ (ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ)
ޝުޖާއު އުސްމާން، ހިލިހިލާއާގެ/ގއ. ވިލިނގިލި (ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު)
މުހައްމަދު ސަލީމް، މޯނިންވިލާ /ފ. ބިލެތްދޫ (ހައި ކޯޓުގެ ފަނޑިޔާރު)
މުހައްމަދު ރާގިބު އަހުމަދު (ކުރީގެ ފަނޑިޔާރެއް؛ މި ސަރުކާރުގެ ސިޔާސީ މަގާމެއް ކުރިން ފުރުއްވި)
އައިޝަތު ފަޒުނާ އަހުމަދު، ދަފްތަރު ނަންބަރު ރސ 5514 (ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލް)
މަރިޔަމް ނިހާޔަތު (ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް؛ ސިވިލް ކޯޓުގެ ކުރީގެ ގާޒީ)
ފަަސްމަންޒަރު - ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެގޮތުން:
ވަކިކުރީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު
އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމީ ޖޭއެސްސީގެ ނިންމުމާ މެދު މަޖިލީހުގެ އަމީންއާންމާއި ގާނޫނީ އެތައް ބޭފުޅުންނެއް ފާޑުކިޔުން އަމާޒުކޮށްފައިވަނިކޮށް
ދެ ފަނޑިޔާރުން ހިމެނޭހެން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ޖޭއެސްސީން ސަސްޕެންޑް ކުރީ، މިދިޔަ ފެބްރުއަރީ މަހު
އެއާ އެކު ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަނީ ކަމަށް ވިދާޅުވެ، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި. ސަރުކާރުން އެ ތުހުމަތު ދޮގުކުރޭ
މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީގައި އިތުރުކުރި ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް؛ އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ ވެސް މިހާރު އޮތީ ހުއްޓިފައި
ހުސްނުއްސުއޫދުގެ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މިދިޔަ އެޕްރީލް މަހު އައްޔަންކޮށްފައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ