ރައީސް ޞާލިޙާ ބައްދަލުކުރައްވަން ގާސިމް ރައީސް އޮފީހަށް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންފިއެވެ. ގާސިމް ރައީސް އޮފީހަށް ވަޑައިގެންނެވި ކަން ކަށަވަރުވި ނަމަވެސް، މި ބައްދަލުވުމާ ގުޅޭ އެެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ވަޑައިގެންފައިވަނީ ރައީސް ޞާލިހާ އެކު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކޯލިޝަން ހެދުމަށް ފޮނުވާފައިވާ ދައުވަތާ ގުޅިގެން މަޝްވަރާ ކުރެއްވުމަށެވެ. މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން އިސްވެ އޮވެ ވާދަކުރަން ލަފާ ދޭން ނިންމައިފައެވެ. އެ ނިންމުން ނިންމީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެކަމަކު، ރިޔާސީ އިންތިޚާބާ ގުޅިގެން ރަސްމީ ނިންމުމެއް އެ ޕާޓީން ނިންމާނީ ކައުންސިލް ބައްދަލުވުމަށް ފަހުގައެވެ. ކޮންގްރެސްގައި ގާސިމް ވަނީ ނުސީދާކޮށް، ރައީސަށް ބަހުގެ ހަމަލާތަކެއް ވެސް ރައްދުކޮށްފައެވެ. އަދި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވީ ނަޝީދު ގެންދަވަނީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރެއްވުމަށް ލޮބީ ކުރައްވަމުންނެވެ. އަދި، މިއީ އޭނާ ވެރިކަމަށް އައުމަށް "ރަނުގެ ފުރުސަތެއް" ކަމަށް ވެސް އެ މަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ