ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ހަމަވެއްޖެ: ފޯޅަވަހި އިއްތިހާދު

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހަމަކުރެވިފައިވާކަމަށް ފޯޅަވަހި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގުރޫޕުން ހާމަކޮށްފި އެވެ. 
ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ ފިކުރެއްގެ ދިރުން ގޮތްޕާއި، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ ގުޅިގެން ވަނީ ފޯޅަވަހި މައްސަލައިގައި މަސައްކަތް ކުރުމަށް އިއްތިހާދެއް އެކުލަވާލާފަ އެވެ. 
އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފޯޅަވަހި މައްސަލައިގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ބަންޑާރަނައިބު ވަކާލާތުކޮށްފައި ނުވާތީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދާފައިވާކަން އިއުލާނުކޮށްފަ އެވެ. 
Advertisement
ބަންޑާރަނައިބުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ވެސް އެ އިއްތިހާދުން މަސައްކަތް ކުރަމުންދާކަމަށް އެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމު ވަނީ ވިދާޅުވެފަ އެވެ، 
ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، އަންނަ ހަފްތާތެރޭ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށައަޅާނެ ކަމަށާއި، އެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ލިބިފައިވާކަން އެކަމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފަ އެވެ. 
"މިހާރު މި ހުށައެޅީ އެޓާނީ ޖެނެރަލް ރިއްފަތުގެ ނޯ ކޮންފިޑެންސް. އަޅުގަނޑުމެން މި ހުށައެޅީ މިކަމަށް މަޖިލީސްގެ ޤަވައިދު ބުނާގޮތުން ބޭނުންވާ އަދަދު ހަމަކޮށްގެން. އަދި އަބްދުالله ޝާހިދަށްވެސް މިހާރު އެ އަދަދު ހަމަވެފައި ހުރީ. އަދި އަޅުގަނޑުމެން ކުރަން ޖެހޭ ބައެއް މަސައްކަތްތައް އެހެން ފަރާތްތަކާއެކު ވެސް ކޮށްގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށް ގެންދާނަން"
ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް 
ޗާގޯސްއާއި ރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ވަކާލާތުކޮށްފައިވަނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބުންނާއި ދިފާއީ ބާރުގައި މަސައްކަތްޕުޅު ކުރައްވާފައިވާ އެކިއެކި ފަރާތްތައް ދަނީ ވިދާޅުވަމުން ނެވެ. 
އަދި އެ މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގޯސްކޮށްކަން ގަބޫލުކުރާ ގިނަ ސިޔާސީ ޕާޓީތަކެއް އެކުވެގެން ވަނީ އިއްތިހާދެއް ހަދައި އެކަމުގައި ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ޒިންމާ ކުރުމުގެ މަސައްކަތް ވެސް ފައްޓާފަ އެވެ. 
އެ މައްސަލައާއި ގުޅޭގޮތުން ޤާނޫނީ ފަންނުގެ ބޭފުޅުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންދަނީ އެ މައްސަލައިގައި ޒަމާނުއްސުރެ ދިވެހިން ހިފަހައްޓަމުން އައި ސްޓޭންޑު ކުއްލިގޮތަކަށް ސަރުކާރުން ބަދަލުކޮށް، ދިވެހިންގެ ހައްގުގައި ބައިނަލްއަގުވާމީ ކޯޓަށް ހުށައަޅަން ޖެހޭ މުހިންމު ކަންކަން ހުށައަޅާފައި ނުވާތީ އެވެ. 
އެހެން ނަމަވެސް އެ މައްސަލައާއި ގުޅިގެން ސަރުކާރުން ބުނަމުން ދަނީ ދެކުނުގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ފުށޫއަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރެވިގެން ދިއުމަކީ ކާމިޔާބީއެއް ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކުރިއަށް ވުރެ އެތައް ތަނެއް ފަސޭހަވެގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ