އަމިއްލަ ބޭނުމަށް ކުންފުނީގެ ފައިސާ ނެގި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

އެޗްޑީސީގެ ފައިސާ އަމިއްލަ ބޭނުމަށް ނެގި މުވައްޒަފެއްގެ މައްސަލަ ފެންމަތިވެ، އޭނާ ވަޒީފާއިން ވަކިކޮށްފިއެވެ. އެޗްޑީސީގެ ތިޖޫރީއަކުން ވައްކަން ކުރި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑީއާގައި ދައުރުވަމުންދިޔުމާ ގުޅިގެން އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ މައްސަލައެއް ނުހިނގާ ކަމަށެވެ. އެހެން ނަމަވެސް، އާންމު ފަރާތްތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެފައިސާ ރިކޮންސައިލްނުކޮށް އަމިއްލަ ބޭނުމަށް ނެގިކަމުގެ މައްސަލައެއް އެކުންފުންޏަށް ފާހަގަވެފައިވާ ކަމަށެވެ. އެޗްޑީސީއިން ބުނީ އެކަން ފާހަގަވި ހިސާބުން، އެ މުވައްޒަފު އެކަމަށް އިއުތިރާފުވި ކަމަށާއި އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ހިނގިކަން ފާހަގަ ކުރެވުނީ އެ ކުންފުނިން ގާއިމްކޮށްފައިވާ އިންޓާނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަންޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުން ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން އެ ކުންފުނީގެ ތިޖޫރީއަކުން ފައިސާ ނެގުން ފަދަ ކަމެއް ހިންގާނެ ޖާގައެއް އެކުންފުނީގެ އިންޓާނަލް ކޮންޓްރޯލް އާއި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ސަބަބުން ނުވެސް ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. އެޗްޑީސީއަށް ކުލީގެ ގޮތުގައި ޖަމާކުރާ ފައިސާއާ މެދު ޝައްކު އުފެދޭ ފަދަ ވާހަކަތަކެއް މި ދޭތެރެއިން ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެގޮތުން އެޗްޑީސީގެ ކައުންޓަރުގައި އިން މުވައްޒަފަކު، އާންމުން ކުލީގެ ގޮތުގައި ޖަމާކުރާ ފައިސާތައް ނަގައި، އެކުންފުނީގެ ތިޖޫރީއެއް ފެޅި ކަމަށް ތުހުމަތުކޮށްފައިވެއެވެ. މިދިޔަ ހަފުތާގައި އެޗްޑީސީއިން ވަނީ، ރިޝްވަތުގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނަގައިގެން ތިލަފުށިން ބިމެއް ވިއްކި އެ ކުންފުނީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާކަން ވެސް ހާމަކޮށްފައެވެ. https://sun.mv/175145 އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ