މީގެ އަށް އަހަރު ކުރިން އޭނާއަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު އެފްއޭއެމްގެ އާ އިންތިހާބަށް، އެއްވެސް ވާދަވެރިޔަކު ނެތި، އަހުމަދު ތޯރިގު (ޓޮމް) މިއަދު ކުރިމަތިލައްވައިފި އެވެ.
ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އެފްއޭއެމްގެ އާ އިންތިހާބު މި އަހަރުގެ މިނިވަން ދުވަހު އޮންނަ އިރު މިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ. ގަލޮޅު ދަނޑުގައި ހިންގަމުން އަންނަ އެފްއޭއެމްގެ ވަގުތީ އޮފީހަށް ތޯރިގު އޭނާގެ ފޯމާ އެކު ވަޑައިގަތީ، އެފްއޭއެމްގެ މެމްބަރުކަން ލިބިފައިވާ 23 ކްލަބްގެ ތާއީދާ އެކުގަ އެވެ.
މިދިއަ ދެ ދައުރު އެފްއޭއެމްގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްގެ މުއްދަތު ހަމަވުމުން މިދިއަ އަހަރު ބާއްވަން އުޅުނު އިންތިހާބު ދެ ފަހަރަށް ވެސް ކެންސަލްކުރީ އެއްވަނަ ޑިވިޒަންގެ ތިން ޓީމުގެ ތާއީދު އޭނާއަށް ނެތް ކަމަށް އޭރުގެ އިލެކްޓޯރަލް ކޮމިޓީން ނިންމުމުންނެވެ.
އެކަމަކު އެ ނިންމުންތައް އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފުކަމަށް ކަނޑައަޅައި ފީފާ އާއި އޭއެފްސީން ބާތިލްކުރި އެވެ. އޭގެ ފަހުން ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށަށް އެފްއޭއެމް ގެންދިޔަ އެވެ. އެ ކޮމިޓީގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު އާ އިންތިހާބު ބާއްވައި، އާ އެކްޒެކްޓިވް ކޮމިޓީއާ އެތަން ހިންގުން ހަވާލުކުރަން ޖެހެ އެވެ.
ތޯރިގު ވަނީ އޭނާގެ ފޯމާ އެކު އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުންގެ ނަންތައް ވެސް ހުށައަޅުއްވައިފަ އެވެ. އެގޮތުން އޭނާ ހުށައެޅުއްވީ:
އަހުމަދު ތޯރިގު، ރައީސް
އަލީ އިބްރާހިމް، ނިއު ރޭޑިއަންޓް، ސީނިއަ ވައިސް ޕްރެޒިޑެންޓް
ހުސެއިން ޝާފިއު، މާޒިޔާ، ވައިސް ޕްރެޒިޑެންޓް
މުޖުތަބާ ޖަލީލް، ނިއު ރޭޑިއަންޓް، ވައިސް ޕްރެޒިޑެންޓް
އިމްރާން މުހައްމަދު، ކުރީގެ ގައުމީ ޓީމުގެ ކީޕަރު، މެމްބަރު
މުހައްމަދު އުމައިރު، ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ، މެމްބަރު
އަހުމަދު އައްބާސް، ޓީސީ، މެމްބަރު
އަލީ ރިޒްވާން، ބީޖީ، މެމްބަރު
ހައްވާ ނަސްރާ ސައީދު، އަންހެން މެމްބަރު
ހައްވާ ރަޝީދާ، އަންހެން މެމްބަރު
އާ އިންތިހާބަކާ ހަމައަށް މި ދެވެނީ އެފްއޭއެމްގެ އާ އަސާސީ ގާވާއިދު މި ފަހުން ފާސްކުރުމުންނެވެ. އާ އަސާސީ ގަވާއިދުގައި ބުނެފައި އޮތީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓަކަށް މަދުވެގެން ބޭނުންވާނީ އެއްވަނަ ޑިވިޒަންގެ ދެ ކްލަބްގެ ތާއީދާ އެކު މެމްބަރު ފަސް ކްލަބްގެ ތާއީދު ކަމަށެވެ.
މިހާރު އެފްއޭއެމްގައި މެމްބަރު ކްލަބްތަކުގެ އަދަދަކީ އެއްވަނަ ޑިވިޒަންގެ 10 އަދި ދެވަނަ ޑިވިޒަންގެ 13 ކްލަބާ އެކު ޖުމްލަ 23 އެވެ. އެ 23 ކްލަބުން ވެސް ތޯރިގުގެ ކެންޑިޑެސީއަށް ވަނީ ތާއީދުކޮށްފަ އެވެ.
ތޯރިގު ވަނީ 2016ގައި ވެސް އެފްއޭއެމްގެ ރައީސްކަން ކުރައްވައިފަ އެވެ. އެކަމަކު އެންމެ ފަސް މަސްދުވަހުގެ ތެރޭގައި އެގްޒެކްޓިވް ކޮމިޓީގެ ފަސް މެމްބަރަކު، އޭނާއާ މެެދު ހިތްހަމަނުޖެހިގެން އިސްތިއުފާ ދިނެވެ. އާ އިންތިހާބަށް ނުކުންނެވީ އޭރުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމާ ދެކޮޅަށެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވި ގޮތަށް ބައްސާމު ދެ ދައުރު ފުރިހަމަކުރެއްވި އެވެ.
އެކަމަކު މިއަދު ބައްސާމް ހުންނެވީ ޖިނާއީ އެތައް ދައުވާއަކާ ކުރިމަތިލައްވައިގެންނެވެ. އެފްއޭއެމްގެ ފައިސާއަަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތްތައް ވަނީ ފަށައިފަ އެވެ.
ހުރިހާ ކްލަބެއްގެ ތާއީދާ އެކު ތޯރިގު އެފްއޭއެމްގެ އިންތިހާބަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ