ހިޔާނާތުގެ ތުހުމަތުކުރެވޭ އޭސީޕީ އާސިފް ސަސްޕެންޝަނުގައި 8 މަސް؛ ކޮންމެ މަހަކު މުސާރަ ޖަމާކުރޭ

ހިޔާނާތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވަޒީފާއިިން ސަސްޕެންޑްކުރިތާ އަށް މަހެއްހާ ދުވަސްވީއިރު ސަސްޕެންޝަން ދެމިއޮތް އިރު ކޮންމެ މަހަކު ވެސް މުސާރަ ޖަމާކުރާކަން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000ރ.އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ކްލަބްގެ ރައީސަކަށް ވެސް ހުންނެވި އާސިފް ސަސްޕެންޑްކުރީ މިދިޔަ 7 ނޮވެމްބަރުގަ އެވެ.  
ތަފްސީލް - 'ދައުރު'އަށް ކަށަވަރުކުރެވިފައިވާ ގޮތުން، ކޮންމެ މަހަކު ވެސް އާސިފްއަށް އޭނާގެ މުޅި މުސާރަ ޖަމާކޮށްދެ އެވެ. އެ ގޮތުން:
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މުސާރައަކީ، ޕެންޝަން އުނިކުރުމަށް ފަހު މަހަކު 37،761ރ.
ސަސްޕެންޝަނުގެ މިދިޔަ އަށް މަހުގެ މުއްދަތުގައި އާސިފަށް މުސާރައިގެ ގޮތުގައި ހަމަ އެ ނިސްބަތުން 302،088ރ. ޖަމާކޮށްފައިވޭ
ބުނީ ކީކޭ؟ - ކަރެކްޝަންސްއާ ސުވާލުކުރުމުން އަދިވެސް ސަސްެޕެންޝަނުގައި ހުރިކަން މީޑިއާ އޮފިޝަލް ވެސް ކަށަވަރުކޮށްދެއްވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ތަހުގީގު ދަނީ ހިނގަމުންނެވެ. އަދިވެސް އޭނާ ސަސްޕެންޝަނުގައި ހުންނެވީ ތަހުގީގު ނުނިމޭތީ އެވެ.
"ތަހުގީގު އަދިވެސް ކުރިއަށްދަނީ، އެހެންވެގެން އަދި ސަސްޕެންޝަން ދެމިއޮތީ،" އޮފިޝަލް ވިދާޅުވި އެވެ.
މުސާރައާ ގުޅޭ ގޮތުން ސުވާލުކުރުން ކަރެކްޝަންސް އިން ދިން ޖަވާބަކީ "ސަސްޕެންޑްކޮށްފައިވަނީ ކަރެކްޝަންސްގެ އުސޫލުތަކުގެ ތެރެއިން" ކަމަށެވެ.
މައްސަލަ - ޕްރިޒަންސް ކްލަބްގެ ފައިސާއާ ގުޅޭ ހިޔާނާތާ ބެހޭ ބައެއް މައުލޫމާތާއި ގުޅުން ހުރި ލިޔެކިޔުންތަކެއް އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ އޮގަސްޓު މަހު އެ ތަނުގެ 35 އޮފިސަރަކު ސޮއިކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެ ޕެޓިޝަނަށް ދެއްވި ޖަވާބުގައި ޒަރީރު ވިދާޅުވެފައި ވަނީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
މައްސަލަ ފެންމަތިވުމާ އެކު އާސިފު ވަނީ ދެ ޓްރާންސެކްޝަނަކުން ކްލަބްގެ އެ އެކައުންޓަށް 70،000ރ. ޖަމާކުރައްވައިފަ އެވެ. ނަމަވެސް އެއީ ކިހިނެއް ޖަމާވި ފައިސާއެއް ކަމެއް ނޭނގެ އެވެ.
އާސިފްގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިގެން ދާތީ، މައްސަލަ 'އޮއްބާލަން' އުޅޭ ކަމަށް ބުނެ ބައެއް މުވައްޒަފުން އޭރު ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ