ތިނަދޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ. ސައުދާއި ނަސްރުﷲ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރިކަން އެލްޖީއޭއިން މިދިޔަ މަހުގެ 25ގައި އިއުލާންކޮށް ބުނީ، ދެ ބޭފުޅުން ސަސްޕެންޑުކުރީ 19 މައްސަލައެއް ބެލުމަށް ކުރިއަށްގެންދިޔަ އެންކުއަރީއަކަށް ފަހު ކަމަށެވެ. ސައުދު ސަސްޕެންޑުކޮށްފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށްވާއިރު ނަސްރުﷲ ސަސްޕެނޑުކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ. https://sun.mv/207769 ސައުދު "ސަން"އަށް ވިދާޅުވީ އެލްޖީއޭގެ ނިންމުން ބާތިލުކުރުމަށް އެދި ދެ ބޭފުޅުންގެ ފަރާތުން މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. ދެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހުން ފެށިގެން ވެސް ސައުދު ގެންދަވަނީ އެ ފިޔަވަޅު އަޅައިފައިވަނީ ސިޔާސީ ސަބަބުތަކާ ހެދި ކަމަށް ތުހުމަތު ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ އެ ތުހުމަތުތަކަށް ބާރުދޭ ހެކިތައް ލިބިފައިވާ ކަމަށާއި އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ، ސައުދާއި ނަސްރުﷲ ސަސްޕެންޑުކުރުވަން އެލްޖީއޭއަށް މައްސަލަތައް ހުށަހަޅާތާ މަސްތަކެއް ވެއްޖެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. "އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ދެ ލައްކަ މައްސަލަ އަޅުގަނޑުމެންނާ ދެކޮޅަށް ހުށަހެޅި ކަމުގައިވިޔަސް. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަށް ލޯކަލް ގަވަމެންޓް އޮތޯރިޓީވާއިރު އެ ބޭފުޅުންގެ ގާނޫނީ ޒިންމާއެއް އެ ކަންކަން ބެލުމަކީ. ބަލައި ކަމަށްވަންޏާ ބަލަން ޖެހޭނީ ވަކި ސިޔާސީ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކީ،" ސައުދު ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ދުވަސްވަރު އެލްޖީއޭއިން އިޖުރާތުތައް ފުރިހަމަ ވެސް ނުކޮށް އެ ފިޔަވަޅުތައް އަޅައިފައިވަނީ، އަންނަ އަހަރުގެ ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށެވެ. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެ ސަބަބާ ހެދިއާއި، ގެއްލިފައިވާ ހައްގުތައް ހޯދައި ލާމަރުކަޒީ ނިޒާމު ދިފާއު ކުރަން ކަމަށް ސައުދު ވިދާޅުވިއެވެ. "އެހެންވީމަ އަޅުގަނޑުމެންނަށް މި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުނީ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުތަކާ ގުޅިގެން އިތުރު ކައުންސިލްތަކަށް ވެސް މި ދުއްތުރާ ހަމަ އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވާތީއާ އެކީގައި އަޅުގަނޑުމެން މިއަދު މި ކުރާ މަސައްކަތެއް މި ނިޒާމު ދަމަހައްޓަން ކުރާނެ ބަޔަކު ނާންނާނެ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސައުދު ވަނީ އެލްޖީއޭއިން ބެލި ގިނަ މައްސަލަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އިދާރީ މައްސަލަތަކަކީ ކޮންމެ އިދާރާއެއްގައި ވެސް އޮންނާނެ މައްސަލަތައް ކަމަށާއި އެއީ ރަނގަޅުކުރަމުންދާން ޖެހޭ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/207784 އެލްޖީއޭއިން ފިޔަވަޅު އަޅައި ބުނެފައިވަނީ ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކައުންސިލްގެ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ އާންމުން ދައުލަތުގެ އެކި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އެލްޖީއޭއިން އިންކުއަރީގައި ހިމަނާފައިވާ 19 މައްސަލައިގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުދާރީނުވެ ފޮނުވާލާ މައްސަލައާއި ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން 5000 ރުފިޔާގެ ފީއެއް ނެގުމާއި އެފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. https://sun.mv/207858 ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރުން ކުށްވެރިކޮށް އެމްޑީޕީން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައިވަނީ އެލްޖީއޭއިން ފިޔަވަޅު އަޅާފައިވަނީ ސައުދުﷲ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލުކުރަމުން ނުދާތީ އެ އެލްޖީއޭއަށް ހުށަހެޅި ހަގީގަތެއް ނެތް މައްސަލަތަކުގެ މައްޗަށް ބިނާކޮށް ކަމަށް ތުހުމަތުކޮށްފައެވެ. އެ ތުހުމަތުތަކަށް ރައްދު ދެއްވައި ސައުދުﷲ ވަނީ، އެލްޖީއޭއަށް އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި ތިނަދޫ ކައުންސިލުން ވަކި ގޮތަކަށް އަމަލުކުރުމަށް ވެސް ދުވަހަކު ވެސް އެދިފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ