މަޑުލު ވަހީދު ފަދަ ޝަޚްސިއްޔަތެއް ހަޔާތުގައި ނުދެކެން: އަޝްރަފް

ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު، މަޑުލު މުޙައްމަދު ވަހީދު ފަދަ، ދެވަނަ ޝަޚްސިއްޔަތެއް ދުވަހަކު ވެސް ނުދެކޭ ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް މިރޭ ވިދާޅުވެއްޖެއެވެ. ވަހީދު އަހަވާރަވީ މި އަހަރުގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހެވެ. މިރޭ ބޭއްވި ވަހީދުގެ ތައުބީނުގެ ޖަލްސާގައި އަޝްރަފް ވިދާޅުވީ، މުޅި ހަޔާތުގައި ވެސް މަޑުލު ވަހީދު ފަދަ ދެވަނަ ޝަޚްސިއްޔަތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެކެޑަމީއާ ހަވާލުވެވަޑައިގެންނެވި ފަހުން، ކަންކަމުގައި އެންމެ މަގު ދައްކަވައިދެއްވި ބޭފުޅަކީ އެއީ ކަމަށް ވިދާޅުވިއެވެ. އޭނާ ދެއްވި ނަސޭހަތްތައް އަޝްރަފް ސިފަކުރެއްވީ، ބައްޕައަކު ދެއްވާ ފަދަ ނަސޭހަތެއް، ނުވަތަ އެހީތެރިއެއްގެ ގޮތުގައެވެ. އަޝްރަފްގެ ވާހަކައިގައި ވަހީދުގެ އެކިއެކި ހަނދާންތައް އައު ކުރައްވައި، އޭނާގެ މިޒާޖާއި އަޚުލާގަށް ތައުރީފު ކުރެއްވިއެވެ. "އެއީ ވަރަށް ތަފާތު ވަހީދެއް. އެއީ ހަމަ ވަރަށް ތަފާތު ވަހީދެއް. އިނގޭތޯ، އަޅުގަނޑު ހަޔާތުގައި ނުދެކެން އެ ކަހަލަ ދެވަނަ ޝަކްސިއްޔަތެއް،" އަޝްރަފް ވިދާޅުވިއެވެ. "ހެނދުނު އައިސް އޮފީހަށް ވަނުމާއެކު ދުވަހުގެ ބާއްޖަވެރި ކަމުގެ ސަލާމް ވިދާޅުވާ އަޑެއް ދެނެއް ނީވޭނެ. ކަންބޮޑުވާ ކޮންމެ ވަގުތެއްގައި ހިތްވަރު ދެއްވުމަށް ވަޑައިގެން، އަޅުގަނޑު ގާތުގައި ދެން ވަހީދެއް ނުހުންނަވާނެ. ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށް ދެން ވަޑައެއް ނުގަންނަވާނެ. އަޅުގަނޑުގެ ހަޔާތަށް ބިންދަމުންދިޔަ ނުރައްކާތެރި ކޮންމެ ރާޅަކުން ސަލާމަތްވުމަށް މަގު ދައްކަވައިދެއްވާކަށް ވެސް ވަހީދެއް ނުހުންނަވާނެ." މަޑުލު ވަހީދުގެ ތައުބީނުގެ ޖަލްސާގެ ތެރެއިން: ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ވަހީދުގެ ވަކިވުމަކީ ދިވެހި އަދަބިއްޔާތަށް ގެނުވި ފޫނުބެއްދޭވަރުގެ ހުސްކަމެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް އެ ޖަލްސާގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ވަހީދުގެ ވަކިވުމަކީ ދިވެހި އަދަބިއްޔާތަށް ގެނުވި ފޫނުބެއްދޭވަރުގެ ހުސްކަމެއް ކަމަށެވެ. މި ޖަލްސާގައި އެކިއެކި ބޭބޭފުޅުންވަނީ ވަހީދުގެ މިޒާޖާއި އަޚުލާގާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ފުން އަސަރާއެކު އެ ހަނދާންތައް އައު ކުރައްވައިފައެވެ. އޭގެ ތެރޭގައި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އައްބާސް އިބްރާހީމާއި، ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސް، ޒުލްފާ އިބްރާހީމާއި، އަބްދުﷲ ރަމީޒު ހިމެނެއެވެ. އައްބާސް އިބްރާހީމް ވިދާޅުވީ ވަހީދުގެ ހަނދާންތައް ކުރަނީ ކަރުނައިގެ އަސަރާ އެކުގައި ކަމަށެވެ. އަސަރާއެކު ވާހަކަ ދައްކަވަމުން އޭނާ ވެސް ވަނީ ވަހީދާ ގުޅޭ ބައެއް ހަނދާންތައް ކިޔައިދެއްވައިފައެވެ. މި ޖަލްސާގައިވަނީ ވަހީދުގެ ޚިދުމަތްތަކާގުޅޭ ޚާއްސަ ވީޑިއޯ ރިޕޯޓެއް ވެސް ދައްކާލައިފައެވެ. އަދި ވަހީދުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފުތަރު އާއިލާއާ ވެސް މިރޭ ހަވާލުކުރިއެވެ. މަޑުލު ވަހީދުގެ ތައުބީނުގެ ޖަލްސާގެ ތެރެއިން: ވަހީދުވަނީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް މަޑުލު ވަހީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މަޑުލު ވަހީދު އަވަހާރަވީއިރު، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 46 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައެވެ. ވަހީދަކީ ލިޔުންތެރިކަމުގައި ދެމިހުންނެވި ބޭފުޅެކެވެ. ރީތި ގިނަ ވާހަކަތަކާއި، މަޒުމޫނުތަކާއި، ނަސޭހަތާއި ތަފާތު ލިޔުންތައް ދޫކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2019ވަނަ އަހަރު ލިބިވަޑައިގެންނެވި ވަހީދަށް އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރު ލިބިވަޑައިގެންނެވިއެވެ. އެއީ 1997ވަނަ އަހަރު ކުރުވާހަކަ ލިޔުމުގެ ރޮނގުންނާއި، 1985ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުންނެވެ. ނޫސްވެރިކަމުގައި ވަހީދު ކުރައްވައިފައިވާ އަގުހުރި މަސައްކަތްޕުޅަށް 2018ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ