ވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރު މާފަރަށް ދެއްވި ފަރުމުލި، އަނެއްކާވެސް އިހުތިސާސުން ވަކިކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މާފަރުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، އެ ރަށުގެ ފަޅުގެ ތެރޭ ހިމެނޭ ފަރުމުލި މިދިޔަ އަހަރު އެ ރަށުގެ އިހްތިސާސްގެ ތެރޭ ހިމެނުއްވުމަށްފަހު، މިއަދު އެ ނިންމުން ބަދަލުކުރައްވައިފިއެވެ. މާފަރުގެ ބޮޑު ފަޅުތެރޭގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ބައްތިޖެހި ރަށާއި ފަރުމުލި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފެށުނުއިރު އޮތީ މާފަރުގެ އިހްތިސާސްގެ ތެރޭގައެވެ. ނަމަވެސް އެ ވެރިކަމުގައި 2020ވަނަ އަހަރު އެ ދެ ރަށް ހިމެނޭ ގޮތަށް، މާފަރުގެ ފަޅުން 80 ހެކްޓަރުގެ ސަރަހައްދެއް ވަނީ އިހްތިސާސުން ވަކިކޮށްފައެވެ. އެއަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު މާފަރަށް ވަޑައިގެން، އެ ރަށުގެ އިހުތިސާސުން ވަކިކުރި ބައި ހޯދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ވައުދުފުޅާ އެއްގޮތަށް އެ މަނިކުފާނު މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15ގައި ސޮއިކުރެއްވި ގަރާރަކުން ވަނީ ފަރުމުލި މާފަރަށް ދެއްވައިފައެވެ. މިއަދު ރައީސް އޮފީހުން ބުނީ، ރައީސަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން، ފަރުމުއްޔަކީ މާފަރުގެ ބައެއް ނޫންކަމުގައި ހަމަޖައްސަވައިފައިވާ ކަމަށެވެ. https://sun.mv/182218 އެ ގަރާރުގައި ވަނީ، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ފަރުމުލި ކަނޑައަޅުއްވައިފައެވެ. ރައީސް ރިޔާސީ ކެމްޕޭނަށް ސެޕްޓެމްބަރު 20، 2023ގައި މާފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ ޞާލިޙްގެ ސަރުކާރުން އެ ރަށުގެ އިހްތިސާސުން ވަކިކޮށްފައިވާ ބަޔަކީ އެ ރަށަށް ލިބެން ޖެހޭނެ ބައެއްކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށު ފަޅުތެރޭގައި ރިސޯޓް ހަދައި، ޓޫރިޒަމްގެ ފުރުސަތު އިތުރުކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވައުދުވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ