ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި

އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ހިޒް އެކްސަލަންސީ ޑޮނަލްޑް ޖޭ ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މީހުން ސަލާމަތްކުރުމަށާއި، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެން، މި ޙާދިސާގެ އަސަރުކުރި ފަރާތްތަކަށް، އަވަސް ފުރުޞަތެއްގައި ކުރީގެ ދިރިއުޅުން އިޢާދަކުރެވޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ