ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލް މަގާމުން ވަކިވެވަޑައިގެން ރިޓަޔާ ކުރައްވަން ނިންމެވި ނަމަވެސް، އެ ކުންފުނީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މައުރޫފް ވިދާޅުވީ ރިޓަޔާ ކުރައްވަން ނިންމެވި ނަމަވެސް، އެޗްޑީސީން އެއްކޮށް ދުރަށް ދިއުމުގެ ބަދަލުގައި އެޑްވައިޒަރެއްގެ މަގާމުގައި ހުންނަން ބޭނުންވާ ކަމަށެވެ.
"ފުލް ރިޓަޔާމަންޓަކަށް ދިއުމެއް ނޫން. އަޅުގަނޑު ހަމަ ރިޓަޔާކޮށްފައި އަނެއްކާ ވެސް ބޭނުންވަނީ ހަމަ އެޗްޑީސީގެ ކޮންމެވެސް އެޑްވައިޒާ ނަމަވެސް ކޮންމެވެސް މަގާމެއްގައި ކޮންޓިނިއުކުރަން. އެޗްޑީސީން އެއްކޮށް ދުރަށް ދިއުމެއް ވެސް ނޫން ނިޔަތަކީ،" މައުރޫފް ވިދާޅުވި އެވެ.
"އެހެންވީމަ މަގްސަދަކީ މިދަންނަވާހެން ރިޓަޔާކުރަން ކައިރިވެފައި ހުއްޓަސް ވެސް ހަމަ ހަ މަސް ދުވަސް ތެރޭގައި ވެސް އެ ޓާގެޓުކޮށްފައި ހުންނަ އެޗީވްކުރަން ހުންނަ ކަންތައްތައް ކުރެވޭ ކަމަށްވެއްޖެއްޔާ ކީއްވެތޯ ނުކުރަންވީ."
މައުރޫފް އިތުރަށް ވިދާޅުވީ ސެމީ ރިޓަޔާމަންޓުގައި ހުއްޓާ އެޗްޑީސީއަށް އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމަށް އެޗްޑީސީއާ ހަވާލުވީ ކޮށްދެވޭނެ ކަންކަން ހުރި ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
"ސެމީ ރިޓަޔާމަންޓުގައި އަޅުގަނޑު ހުރީ ވެސް އެނގޭތޯ. ހުރެފައި ދެން މިކަމަށް އައީ. އެ އައުމުގެ އެއް ސަބަބަކީ މިކަމުގެ މުހިންމުކަމާއި އެޗްޑީސީއަށް އިސްލާހުތަކެއް ގެންނަން ބޭނުންވެފައި ހުރި ކަމަށް ރައީސަކު ރިކުއެސްޓް ކުރެއްވީމަ ބަލައިގަންނަން ޖެހޭނެކަން ގަބޫލުކުރާތީ އަދި ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިޔަސްވެސް ހަމަ ކޮށްދެވޭނެ ކަންތައްތަކެއް ހުރިކަން ޔަގީންވާތީ،" މައުރޫފް ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ޑިސެމްބަރު 22، 2024، ގަ އެވެ. މަގާމު އަދާ ކުރައްވާތާ އަދި މި ފާއިތުވީ އެންމެ ހަތް މަސް ދުވަހެވެ.
މައުރޫފްގެ ބެލުމުގެ ދަށުން އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ މުޅިން އާ މާސްޓާ ޕްލޭނެއް ތަރައްގީކޮށްފަ އެވެ. ހުޅުމާލޭގެ ފޭސް ތިނެއް ވެސް ހިމެނޭ ގޮތަށް ހެދި އެ މާސްޓާ ޕްލޭނަކީ އާބާދީ މުޅި ރަށަށް ބަހާލެވި، އާންމު ހިދުމަތްތަކާއި ފެހިކަން ގިނަ ސަރަހައްދުތައް ކަނޑައަޅައި ނެރުނު ޕްލޭނެކެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މަގާމުގައި ހުންނެވިއިރު އެ ކޯޕަރޭޝަން ހިންގި ބޮޑެތި ކޮރަޕްޝަންތަކަކާއި ވައްކަމުގެ މައްސަލަތަކެއް ފަޅާ އެރުމުންނެވެ.
ރިޓަޔާކުރެއްވިއަސް މައުރޫފް ބޭނުންވަނީ އެޗްޑީސީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނަން ރިޓަޔާކުރެއްވިއަސް މައުރޫފް ބޭނުންވަނީ އެޗްޑީސީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ