ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލް ގެ މައިގަނޑު ބޭނުމަކީ ވައްކަން ހުއްޓުވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ނިޒާމުގެ ތެރެއިން ވައްކަން ކުރެވޭނެ ދޮރުތައް ބަންދުކުރުމުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި މި ބިލަށް ގާނޫނީ ބާރުވެރިކަން ދިނުމުން، ކުރިއަށް އޮތް ތަނުގައި އެމްޑީޕީ ކަހަލަ ބަޔަކު ވެރިކަމަށް އައި ނަމަވެސް، މީގެ ކުރިން އެ ބޭފުޅުން ކުރަމުން އައި ވައްކަންތައް ހުއްޓިގެން ދާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
"ޖިޓަލް ޓްރާންސްފޯމޭޝަންގެ ބިލުން މައިގަނޑު ގޮތެއްގައި އުޅެނީ ދިވެހިރާއްޖޭގައި ކުރާ ވައްކަން ތައް ހުއްޓުވަން. މި ބިލަށް ގާނޫނީ ބާރުވެރިކަން ދިނީމާ އެމްޑީޕީ ކަހަލަ ބަޔަކު ކުރިއަށް އޮތް ޒަމާންތަކަކުވެސް މިގައުމުގެ ވެރިކަމަށް އައިސްފިކަމަށްވާނަމަވެސް އެމީހުން ކުރަމުން އައި ވައްކަންތައް ހުއްޓިގެން ދާނެ؛" ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ޝުޖާއުގެ ވާހަކަފުޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ގެންގުޅުއްވި ޑިޖިޓަލް ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ބަދަލުކުރުމަކީ މިއަދު އެކަނި ކުރެވޭ ކަމެއް ނޫންކަމަށާއި، އެއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުވެސް އެމަނިކުފާނު ގެންގުޅުއްވި ތަސައްވުރެއްކަމަށްވެސް ވިދާޅުއެވެ.
އެގޮތުން، ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް އިންތިޚާބުވި ހިސާބުން ފެށިގެން އެއްމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ކުރައްވަން ފެއްޓެވި ކަމަކީ، މާލޭއަށް އުފަންވާ ކުދިންގެ ރެޖިސްޓްރީ އަދި އުފަންދުވަހުގެ ސެޓިފިކެޓްތައް ކަރުދާހާއި ނުލައި ހެދޭނޭ ނިޒާމެއް ގާއިމް ކުރުމާއި، މާލޭގެ ގޯދިގެދޮރުގެ ރެޖިސްޓްރީތައް ސްކޭންކޮށް އެމައުލޫމާތު ޑިޖިޓަލް ކުރުމުގެ މަސައްކަތްކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލުގެ އެއްވެސް ހިސާބެއްގައި އީ ވޯޓިންގ ގެ ވާހަކައެއް ނޯންނާނެ ކަމަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ބިލާއި އީވޯޓިންގ އާއި ގުޅުވައިގެން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލްގެ މައިގަނޑު ބޭނުމަކީ ވައްކަން ހުއްޓުވުން: ޝުޖާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ