އީރާނާއި އެމެރިކާއާ ދެމެދު ސްވިޓްޒަލެންޑުގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި އީރާނުން ހުށަހަޅާފައިވާ ގިނަ ކަންކަމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމުގައެވެ. އަދި، ދެ ފަރާތުން ވަނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމެއް އެކުލަވައިލުމަށް ބޭނުންވާ މަގުޗާޓު އެކުލަވައިލާފައެވެ. ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރުގެ ޚާރިޖީ ވުޒާރާއިން މި ކަން ކަށަވަރުކޮށްދެއެވެ. މަޝްވަރާތަކުގައި އެމެރިކާ ތަމްސީލުކުރައްވާފައި ވަނީ ނައިބު ރައީސް ޖޭޑީ ވޭންސްއެވެ.
ވާހަކަތަކަށް ފަހު އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އީރާނުގެ ތެލާއި ތެލުގެ އުފެއްދުންތައް ބޭރުކުރުމަށް އޮތް ހުރަސްތައް ނައްތައިލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމުގައެވެ. މީގެ އިތުރުން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ ބައެއް ފައިސާތައް ދޫކޮށްލުމަށް ވެސް އެމެރިކާއިން ވަނީ ނިންމާފައެވެ. ހަނގުރާމައިގައި އީރާނަށް ލިބިފައިވާ މާއްދީ ގެއްލުންތަކުން އަރައިގަނެ، ޤައުމު އަލުން އާރާސްތުކުރުމާ ގުޅޭ ރޭވުމުގެ މަސައްކަތް ފެށުމުގައި ވެސް ތެހްރާނުން ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، އީރާނުގެ ހަރުދަނާ ވިސްނުން އެ ޤައުމުގެ ވަފުދުން މަޝްވަރާތަކުގައި ދަމަހައްޓާފައިވާ ކަމުގައެވެ. އަދި، އެމެރިކާގެ ބިރުދެއްކުމަށް ތެހްރާނުން އިޖާބަދީފައި ނުވާ ކަމުގައެވެ. އީރާނުގެ ވަފުދުން ބުނީ، އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މައްސަލައާމެދު އިތުރަށް މަޝްވަރާ ކުރެވޭނީ، ރައީސް ޑޮނަލްޑް ޓްރަމްޕާއި ރައީސް މަސްޢޫދު ޕީޒިޝްކިޔާން ސޮއިކުރައްވާފައިވާ އިބުތިދާއީ އެއްބަސްވުމުގައިވާ ކަންކަން އެމެރިކާއިން ތަންފީޒުކުރަން ފެށުމުން ކަމުގައެވެ.
ތެހްރާނާއި އެމެރިކާއާ ދެމެދު ސީދާ މަޝްވަރާތައް ފަށައި، ހަނގުރާމައަށް ނިމުމެއް ގެނެވޭނެ ކަމުގެ އުންމީދު އައުވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވެއްޓެން ފަށާފައެވެ. މި ގޮތުން، ބްރެންޓް ކްރޫޑްގެ ފީފާއެއްގެ އަގު ވަނީ 79.38 އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. ސަބަބަކީ، އެއްބަސްވުމާއެކު، ކޮންމެ ދުވަހަކު އީރާނުން 1.5 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރޭނެ ކަމަށް ބެލެވުމެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، އިޤުތިޞާދީ ހީނަރުކަމަކުން ދުނިޔެ ސަލާމަތްކުރުމަށް ޓަކައި އީރާނަށް ދޫދޭން އެމެރިކާއަށް ޖެހިފައިވާ ކަމުގައެވެ. ޢުދުވާނީ ޙަމަލާތައް އަލުން ފަށްޓަވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ނަމަވެސް، އެމެރިކާއިން ވަނީ ތެހްރާނާއެކު އޮތް ގުޅުން އައު ސަފުހާއަކުން ފެށުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. މަޝްވަރާތައް ފެށުމާއެކު، އީރާނުން ގިނަ އަދަދެއްގެ ތެޔޮ ބޭރުކުރަން ފަށާފައިވާ ކަން އެ ޤައުމުގެ ޤައުމީ ތެޔޮ ކުންފުނިން ކަށަވަރުކޮށްދިނެވެ.
ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަކީ ވެސް އިބުތިދާއީ އެއްބަސްވުމުގެ މައިގަނޑު ޝަރުޠެކެވެ. އަދި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލައި، އެ މަގުން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވެސް ދެ ފަރާތުން ވަނީ އަހުދުވެފައެވެ. ލުބްނާނުގައި ހިންގަމުން ދިޔަ ޢުދުވާން ހުއްޓައިލުމަށް ޞަހްޔޫނީ ދައުލަތުން ޖޫން 19 ވަނަ ދުވަހު އެއްބަސްވި ނަމަވެސް، އެއާ ޖެހިގެންއައި ދުވަހު ނިރުބަވެރި ޙަމަލާތަކެއްދީ 20 މީހުން ޝަހީދުކޮށްލިކަން ބައިރޫތުގެ އިދާރާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. ތެހްރާނާއި އެމެރިކާއާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ފެށުމާއެކު، ޢިރާޤާއި ކުވަޔިތުން ވެސް ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ތައްޔާރުވާން ފަށާފައެވެ.
އީރާން-އެމެރިކާ މަޝްވަރާގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމައިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ