އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް އަޅަނީ

އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުންނެވެ. ފުލުހުންގެ ޚިދުމަތުން ވަނީ މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ޝައުގިވެރިވާ ފަރާތްތަކަށް ރަޖިސްްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އިމާރާތް ތަރައްޤީކުރަނީ މިކްސްޑްޔޫސްޑް އިމާރާތެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރާއި، އިދާރީ މަސައްކަތްތަކުގެ އިތުރުން އޮޕަރޭޝަނަލް މެޑިކަލް، އަދި އެކިކަހަލަ ތަމްރީންތައް ކުރިއަށްގެންދިޔުމަށް ޚާއްސަ ތަންތަނާއި އެކަމަޑޭޝަން ޖާގަ މި އިމާރާތުގައި ހުންނާނެއެވެ. މިއީ ބޭސް މަންޓާއި ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައިވެސް ޕާކު ކުރެވޭގޮތަށް ތަރައްޤީކުރާ ތަނެކެވެ.
މި އިމާރާތުގެ 6 ލިފްޓް ބަހައްޓަން ޖެހޭއިރު ބޭސްމަންޓްގައި ހަތަރުފުރޮޅުލީ 28 އުޅަނދާއި 85 ސައިކަލް ޕާކްކުރެވޭނެ ޖާގަ ކަނޑައަޅަންޖެހެއެވެ. މީގެ އިތުރުން އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި 4 ފުރޮޅުލީ 17 އުޅަނދާއި ދެވަނަ ފަންގިފިލާގައި 261 ސައިކަލް ޕާކް ކުރުމަށް ޖާގަ ހަމަޖައްސަންވެސް ޖެހެއެވެ.
މި އިމާރާތުގެ 3 ވަނަ ފަންގިފިލާ ޚާއްސަ ކުރުމަށް ހަމަޖެހިފައިވަނީ ސިއްޙީ ޚިދުމަތް ދިނުމަށެވެ. އަދި 4 ވަނަ ފަންގިފިލާއިން ފެށިގެން 10 ވަނަ ފަންގިފިލާ އޮފީސް ބައިތަކަށް ޚާއްސަކުރެއެވެ. މީގެ އިތުރުން 11 ވަނަ ފަންގިފިލާއިން ފެށިގެން 13 ވަނަ ފަންގިފިލާ ޚާއްސަކުރަނީ އެކަމަޑޭޝަންއަށެވެ. އެގޮތުން 80އާއި 100 ދެމެދުގެ އެނދު ހިމެނޭހެން އެ ފަންގިފިލާތައް ތަރައްޤީކުރަންޖެހެއެވެ. މި ފަންގިފިލާތަކުން އަންހެނުންނަށް ޚާއްސަ ރޫމްތަކާއި ބޭރުން އަންނަ މީހުން ތިބުމަށް ވަކި ރޫމްތަކެއް ކަނޑައަޅާނެއެވެ.
މި އިމާރާތުގެ އެންމެ މަތީ 2 ފަންގިފިލާ ޚާއްސަ ކުރަނީ އެކިކަހަލަ ތަމްރީން ޕްރޮގްރާމްތައް ގެންދިޔުމަށެވެ. އެގޮތުން 6 ކްލާސްރޫމްއާއި ލައިބްރަރީއާއި ކޮންޕަރެންސް ރޫމްގެ އިތުރުން މަލްޓިޕާޕަސް ހޯލްއާއި ޓްރެއިނިންގ ހޯލް މި އިމާރާތުގައި ހިމެނޭނެއެވެ.
އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އައު އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އައު އިމާރާތް ހަދަން ހަމަޖެހިފައި ހުރި ބިމުގައި މިހާރު ހުރި އިމާރާތް ތަޅާލުމަށްފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ