ބާރަށުން ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމުން އެމްޓީސީސީ 550،000 ރުފިޔާއިން ޖޫރިމަނާކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހއ. ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުން ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި 550،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރެޓީ (އީއާރްއޭ) އިން ވަނީ އެ އޮތޯރެޓީގެ ހުއްދަނެތި ހއ. ބާރަށު ކުޅި، ފާ، ޗަސްބިމުގެ ސަރަހައްދުން ރުއްގަސްނަގައި މަގު ސާފުކޮށް ފުޅާކޮށްފައިވާތީ އެ މައްސަލަ އެ އޮތޯރިޓީއިން ބަލަމުންދާ ކަމަށް ބުނެފައެވެ. އެ އޮތޯރިޓީއިން ބުނީ އެ މައްސަލަައާއި ގުޅިގެން އެއްކުރެވުނު މައުލޫމާތާއި އެ ރަށަށް ޒިޔާރަތްކޮށް، ކުރި އިންސްޕެކްޝަނުގެ ތެރެއިން ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޭރުން ވެސް ގަވާއިދާ ޚިލާފަށް ރުއްގަސް ކަނޑާފައިވާކަން ފާހަގަވާކަމަށެވެ. އެހެންކަމުން އެމްޓީސީސީ 550،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި 'ބަނޑޭރި ޕޭ' މެދުވެރިކޮށް ދައްކައި ޚަލާސްކުރުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް ވެސް އީއާރްއޭގެ އިއުލާނުގައި ވަނީ ބުނެފައެވެ. އެ އޮތޯރިޓީއިން ބުނި ގޮތުގައި އެ ފައިސާއަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 500،000 ރުފިޔާއާއި ރައްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާއިބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 50،000 ރުފިޔާއެވެ. އަދި ބާރަށުގެ މަގު ހެދުމަށް ރަށުގެ ހޭޅިފަށުންނާއި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން އެއްވެސް ރުއްގަހެއް ނުކެނޑުމަށް އެ އޮތޯރިޓީއިން އެމްޓީސީސީއަށްް އަންގާފައިވާނެ ކަަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ. އޭގެ އިތުރަށް އެ އިއުލާނުގައި ވަނީ ބާރަށުގެ ކައުންސިލުން އެ މައްސަލަ އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެ ކަމަކީ ކައުންސިލުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ކޮށްފައިވާ ކަމެއްކަމަށާއި އެ ފަދަކަމެއް ތަކުރާރު ނުކުރުމަށް ބާރަށު ކައުންސިލަށް އަންގާފައިވާނެކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ